ދާރިސް ޓީވީގެ ސްޓޭޝަން މެނޭޖަރ އަދި ޖަމިއްޔަތުއް ސަލަފްގެ އިސް ހަރަކާތެރިއެއް ކަމަށްވާ ކުރީގެ މަޝްހޫރު ފަންނާނު ޢަލީ ރަމީޒަށް އިސްލާމިކް މިނިސްޓްރީން ދޫކޮށްފައިވާ އިމާމުވެ ހުކުރު ނަމާދާއި ޢީދު ނަމާދުކުރުމުގެ ހުއްދަ ހިފަހައްޓާފައި ވަނީ، އިސްލާމިކް މިނިސްޓްރީގެ އެންމެ އިސްފަރާތުގެ އެންގެވުމަށް ކަމަށް އެ މިނިސްޓްރީގެ ކުރީގެ ޕާރމަނަންޓް ސެކްރެޓަރީ ޙަސީބު އިސްމާޢީލް ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓްރީގެ އެންމެ މަތީ ވެރިއަކަށް ހުންނަވާނީ، އެ މިނިސްޓްރީއަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައި ހުންނަވާ ވަޒީރެވެ. އަދި ވޭތުވެ ދިޔަ 5 އަހަރު އެ ވުޒާރާގެ ވަޒީރަކަށް ހުންނެވީ ޑރ. އަޙްމަދު ޒާހިރު ޢަލީއެވެ.

ޢަލީ ރަމީޒް، މިދިޔަ ހޮނިހިރު ދުވަހު އޭނާގެ އެކްސް އެކައުންޓުގައި، "އިސްލާމިކް މިނިސްޓްރީން އަޅުގަނޑު އިމާމުކަން ކުރުމުގެ ހުއްދަ ހިފަހައްޓައިގެން އޮވެ 5 އަހަރުގެ ދައުރެއް ނިމިގެން މިދިޔައީ،" ލިޔުއްވާފައިވެއެވެ. އަދި އޭގެ އިތުރު ތަފްސީލް ދޭންޖެހޭ ހާލަތެއް އަތުވެއްޖެ ނަމަ، އެކަން ކުރައްވާނޭކަމަށްވެސް ލިޔުއްވާފައިވެއެވެ.

އަލީ ރަމީޒްގެ އެ ކަންބޮޑުވުމާގުޅިގެން، ގިނަ ބަޔަކު އެކަމާ ސުވާލުކުރާން ފެށުމުން، އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޕީއެސް ހަސީބު އޭނާގެ ފޭސްބުކް އެކައުންޓުގައި ލިޔުއްވާފައި ވަނީ، " މާލޭއޭރިޔާގެ މިސްކިތްތަކުގައި އިމާމުވެ ނަމާދުކުރުމަށްޓަކައި އިސްލާމިކް މިނިސްޓްރީގައި ކަނޑައަޅާފައި އޮންނަ އިމާމުންގެ ޕޫލްގައި ރަޖިސްޓްރީވުމަށް އެދި 2019 ވަނަ އަހަރުގެ ތެރޭގައި ޢަލީ ރަމީޒް، މ.ވައްތިޔަރަގެ އެ މިނިސްޓްރީގައި އެދުނު އެދުމަށް އެ މިނިސްޓްރީން އެއްވެސް މަޤުބޫލު ސަބަބެއް ނެތި 2021 ވަނަ އަހަރުގެ އޮގަސްޓްމަހާ ޖެހެންދެންވެސް އެ މައްސަލައިގައި ވަކި ޖަވާބެއް ނުދީ، އިމާމުކަން ކުރުމުގެ ފުރުސަތު ނުދީ އޮތީ އެ މިނިސްޓްރީގެ އެންމެ އިސްފަރާތުގެ އެންގެވުމުގެ މަތިންކަން އޭރުގެ މިނިސްޓްރީގެ ކަންކަން ހިންގަން ހުރި ފަރާތުގެ ހައިސިއްޔަތުން އަޅުގަނޑަށް އެނގިފައިވާތީ، އިތުރަށް ސާފުކޮށްދިނުމުގެ ގޮތުން މި ވާހަކަ ދަންނަވަން،" ކަމަށެވެ.

ޢަލީ ރަމީޒަކީ، ރާއްޖޭގައި އިސްލާމްދީނުގެ ޝިޢާރުތައް ކުރިއަރުވާން ވަރަށް ބޮޑަށް މަސައްކަތްކުރާ، އަދި ގިނަބައެއްގެ ލޯތްބާއި އިހްތިރާމްވެސް ލިބިފައިވާ ފަރާތެއްކަން ފާހަގަކޮށްލާން ޖެހެއެވެ.