ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒަށް ރާއްޖޭގެ ވެރިކަން ލިބިވަޑައިގެންފި ނަމަ، އެޗްޑީސީގެ ވަކިތަކުން ހުޅުމާލެ ސަލާމަތްކޮށް، ލާމަރުކަޒީ ގާނޫނުގައި ބުނާ ފަދައިން މާލޭ ސިޓީ ކައުންސިލްގެ ބާރުގެ ދަށަށް ހުޅުމާލެ ގެންނަވާނޭ ކަމަށް އޭނާ ވަޢުދުވެވަޑައިގެންފިއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި، އާދީއްތަ ދުވަހުގެ ރޭ މުޢިއްޒުގެ މެނިފެސްޓޯ ޢާންމުކުރައްވަމުން އޭނާ ވިދާޅުވީ، ހުޅުމާލެއަކީ ކުންފުންޏެއްގެ ދަށުން ހިންގާން ޖެހޭ ތަނެއް ނޫންކަމަށެވެ.

"ހުޅުމާލެއަކީ ކުންފުންޏެއްގެ ދަށުން ހިންގަންޖެހޭ ތަނެއް ނޫން. މިއީ މާލޭގެ ބައެއް. ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން ހިންގަންވާނީ. ހުޅުމާލެއިން ބިން ކުއްޔަށް ދީ، މަޝްރޫޢުތައް ހިންގަންވާނީ ކައުންސިލްގެ ދަށުން." ރައީސް ޔާމީންގެ ބަދަލުގައި ޕްރޮގްރެސް ކޯލިޝަނުން މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓް ވިދާޅުވިއެވެ.

މުޢިއްޒުގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި އެންމެ ބޮޑު އިސްކަމެއް ދީފައި ވަނީ، ރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށެވެ. އެގޮތުން، އޭނާއަށް ވެރިކަން ކޮށްލާން 5 އަހަރު ލިބިއްޖެ ނަމަ، ބޯހިޔާވަހިކަމަށް ދާއިމީ ހައްލެއް ގެނެސް، ރާއްޖޭގެ 7 ސަރަހައްދެއްގައި (މާލޭން އުތުރުގައި 3، ދެކުނުގައި 4) މެދުމިނުގެ އަރބަން ސެންޓަރުތައް ގާއިމުކޮށް، މުޅި ރާއްޖެ ބަދަލުކޮށްލާނޭ ކަމަށް ވިދާޅުވިއެވެ.