އެއީ 2018 ވަނައަހަރުގެ ރިޔާސީ އިންތިޚާބަށް ކުޑަތަންވަމުން އައި ދަނޑިވަޅެވެ. އޭރު ވެރިކަމުގައި ހުންނެވީ، ހުޅުމާލެ 2 ވަނަ ފޭސް ތަރައްގީކޮށް، ސިނަމާލެ ބްރިޖުން މާލެއާ ހުޅުމާލެ ގުޅުވާލައި، 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލް ޢިމާރާތްކޮށް، ރާއްޖޭގެ މައި އެއަރޕޯޓުގެ އާ ޓަރމިނަލް ހެއްދެވި ކުރީގެ ރައީސް ޢަބްދުﷲ ޔާމީނެވެ. ރައީސް ޔާމީނުގެ ސަރުކާރުން ކުރުމުއްދަތެއްގެ ތެރޭގައި ކިތަންމެ ބޮޑު ތަރައްގީއެއް ގައުމަށް ގެނެސްދިން ނަމަވެސް އެ ސަރުކާރުގައި ސިޔާސީ އިދިކޮޅު ފަރާތްތަކަށް ކުރިމަތިވި "އަނިޔާ"އާއި ގޮންޖެހުން ތަކުގެ ސަބަބުން އޭރު އެންމެ ބޮޑަށް ދެކެވުނު ވާހަކައަކީ ރައީސް ޔާމީނުގެ އަނިޔާވެރިކަން ނިމުމަކަށް ގެންނާން ޖެހޭ ވާހަކައެވެ. އެންމެ ބޮޑު އެއް ސަބަބަކީ އޭރު ހިންގި ބިޔަބޮޑު ކޮރަޕްޝަންގެ މައްސަލަކެވެ. 

ޔާމީންގެ ވެރިކަން ނިމުމަކަށް ގެނައުން

ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް 2018ގެ ރިޔާސީ އިންތިޚާބުގައި ކުރިމަތިލެއްވުމުގެ ފުރުސަތު ލިބިވަޑައި ނުގަތުމުން އެފަހަރު އެމަނިކުފާނު ރައްޔިތުންނަށް ދެއްކެވީ، މިހާރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހެވެ. ކެމްޕޭނުގެ ތެރޭގައި އޭރުވި އެންމެ ބޮޑު އެއް ވަޢުދަކީ "ޒީރޯ ޓޮލަރެންސް"ގެ ވަޢުދެވެ. ސަބަބަކީ އޭރު އެމްއެމްޕީއާރުސީ ޚިޔާނާތަކީ ހަމަ އެކަނި އެވާހަކަ ދައްކައިގެންވެސް ރައީސް ޔާމީނުގެ ވެރިކަން ނިމުމަކަށް ގެނެވޭވަރުގެ ވާހަކައަކަށް ވެފައި ވުމެވެ.

އިދިކޮޅު ސިޔާސީ ފަރާތްތަކުގެ އިތުރުން، ރާއްޖޭގެ މެއިންސްޓްރީން ހުރިހާ މީޑިއާތަކެއް ހެން އޭރު ދެއްކި އެއް ވާހަކައަކީ ސަރުކާރުގެ ކޮރަޕްޝަނާ ޚިޔާނާތުގެ ވާހަކައާއި އަނިޔާވެރިކަމާއި، އަދި ޚިޔާލުފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަންވެސް ނިގުޅައިގަނެފައި އޮތްވާހަކައެވެ. އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާއި، ޤާނޫނުތަކާ ޚިލާފަށް ރާއްޖޭގެ ފަޅުތައް ކުއްޔަށްދިނުމާއި،  ވަކިފަރާތަކަށް މަންފާކުރާގޮތަށް ބޮޑެތި މަޝްރޫޢުތައް ސަރުކާރުން ދިނުމާއި، ސިޔާސީ މަގާމުތައް އިތުރުވުމާއި، ދައުލަތުގެ އިސްރާފު ބޮޑުވުމުގެ ވާހަކައެވެ. ދައުލަތް ދަރަނިވެ ބަނގުރޫޓް ވެދާނޭކަމުގެ ބިރުވެރި ވާހަކައެވެ. 

އޭރުގެ ސަރުކާރަށް ގެއްލިފައިވާކަމަށް އެވެރިން ބުނަމުންދިޔަ އިތުބާރާއި، މި ހުރިހާކަމެއް ނިމުމަކަށް ގެންނަވާނޭކަމަށް ރައީސް އިބްރާހީމް ވަނީ އޭރު ވަޢުދުވެވަޑައިގެންފައެވެ. އެއާއެކު ރައްޔިތުން ނުކުމެ، ރައީސް ޔާމީނުގެ ވެރިކަން ނިމުމަކަށް ގެނެސް، ވެރިކަމުގެ އިތުރުން ގާނޫނުހަދާ މަޖިލީހުގެ ސުޕަރމެޖޯރިޓީވެސް ސަރުކާރަށް ދިނީ ނުހަނު ބޮޑެތި އުންމީދުތަކަކާއެކީގައެވެ. ނަމަވެސް މިއަދު މިވީ ކިހިނެއްހެއްޔެވެ؟ ރައްޔިތުން ވެރިކަން ހަވާލުކުރި ފަރާތުން ރައްޔިތުންނަށް މިދިނީ ކޯއްޗެއް ހެއްޔެވެ؟ 

ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް

ރާއްޖޭގެ ތާރީޚުގައި ދާދި ފަހަކާ ޖެހެންދެންވެސް އެންމެ ބޮޑުޚިޔާނާތެއްގެ ގޮތުގައި އޮތީ އެމްއެމްޕީއާރުސީގެ ޚިޔާނާތެވެ. ނަމަވެސް މިސަރުކާރުން ހިންގި ގާނޫނުއަސާސީއާއި ޤާނޫނުތަކާ ޚިލާފު ބިންވެރިޔާ ސްކީމަކީ މިހާރު ދައުލަތަށް އެންމެ ބޮޑު ގެއްލުމެއް ލިބިފައިވާ ކޮރަޕްޝަންގެ އެންމެ ބޮޑު ޢަމަލުކަމަށް ރައްޔިތުން ދަނީ ބުނަމުންނެވެ. ބޭއިންސާފާއި ނަސްލީތަފާތުކުރުން އިންތިހާއަށް އޮތް ބިންވެރިޔާ ސްކީމްގައި ދައުލަތަށް ލިބޭނޭ ޢިއާދަނުކުރެވޭވަރުގެ ބިޔަބޮޑު ގެއްލުމުގެ އަދަދު 15 ބިލިޔަނާއި 25 ބިލިޔަނާ ދެމެދުގެ އަގަކަށް އަރާނޭކަމަށް، މި ނާއިންސާފުގެ ވާހަކަ ދައްކާ ފާރާތްތަކުން އަންދާޒާ ކުރެއެވެ.

ބިންވެރިޔާ ސްކޭމްގެ ވާހަކަ އިހަށް ބާއްވާށެވެ. 2018 ވަނައަހަރު ރާއްޖޭގެ ވެރިކަމަށް ސަވާރުވެވަޑައިގަތުމަށް ރައީސް އިބްރާހީމް ވެވަޑައިގެންނެވި އެންމެ ބޮޑު އެއް ވަޢުދަކީ ކުރީންވެސް ފާހަގަކުރިފަދައިން ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް ދިނުމެވެ. ބޮޑު ޚިޔާނާތުގެ މައްސަލަ ބައްލަވައި ގެއްލުނު ހުރިހާ ފައިސާއެއް ދައުލަތަށް ވެއްދުމުގެ ވަޢުދެވެ. ޚިޔާނާތުގައި ބައިވެރިވީ ފަރާތްތަކަށް ޙައްގު އަދަބު ދޭނޭ ވާހަކައެވެ. އެފަދަ ކަންކަމުގައި ދެވަނަ ވިސްނުމަކަށް ނުގޮސް ކޮރަޕްޝަން ހިންގާފައި ވާ، އަދި ހިންގާ ފަރާތްތަކާ ހަމައަށް ގާނޫނުއަސާސީގެ ދިގު އަތް ފޯރުވާނޭކަމުގެ ޔަގީންކަމެވެ.

އިބްރާހީމް މުޙައްމަދު ޞާލިހުގެ 2018 ވަނަ އަހަރުގެ ރިޔާސީ ކެމްޕޭންގެ ތެރޭން--

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގައި އެކިމިންވަރަށް އެކިގޮތްގޮތަށް ބައިވެރިވިކަމަށް، ތަހުގީގީ އިދާރާތަކުން އެކުލަވައިލީ އެންމެ މީހެއް ދެމީހެއްގެ ނަން ޖަހާފައިވާ ލިސްޓެއް ނޫނެވެ. 281 މީހުންގެ ދިގު ލިސްޓެކެވެ. ނަމަވެސް، ސަރުކާރުގެ ސުޕަރ މެޖޯރިޓީ އޮތް މަޖިލީހުން އާއްމުކުރަން ނިންމީ ދެ ލިސްޓު ބަހާލައިގެން ވަކިވަކީންނެވެ. މުޅި ލިސްޓާއި ދައުލަތުގެ އިސް މަގާމްތަކުގައި ތިބި 119 މީހުންގެ ނަން ވަކިވަކީން ހިމެނޭ 2 ލިސްޓެވެ. މަޖިލީހުން ޢާންމުކުރާން އޭރު ނިންމި ލިސްޓުގައި ރައްޔިތުންގެ މަޖިލީހުގެ މިހާރާއި އޭރުގެ މެމްބަރުންނާއި ދައުލަތުގެ އިސް މަގާމްތަކުގައި މިހާރު ތިއްބެވި ފަރާތްތަކާއި ކުރީން ސަރުކާރާއި މަޖިލީހުގައި މަސައްކަތްކުރެއްވި ފަރާތްތައް ހިމެނެއެވެ. އަދި މިނިވަން މުއައްސަސާތަކާއި ކުންފުނިތަކާއި ޖުޑިޝަރީގެ އެކި މަގާމްތަކުގައި އުޅުއްވި ބޭފުޅުންގެ ނަންތައް ހިމެނެއެވެ. ނަމަވެސް، އެ ދިގު ލިސްޓުން ވޭތުވެދިޔަ 5 އަހަރު ތެރޭ، އަދުގެ ސަރުކާރަށް ފެނުނީ ހަމަ އެންމެ ނަމެކެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. 5 އަހަރު ތެރޭގައި ޔާމީނުގެ ޝަރީޢަތް ފިސާރި ބާރަށް ދުއްވާލިއެވެ. އަދި ރިޔާސީ އިންތިޚާބު އަންނާން ވާއިރަށް، ރައްޔިތުންގެ ކުރިމަތީގައި ފެއިލްވެފައިވާ މި ސަރުކާރަށް އެންމެ ބޮޑު ޗެލެންޖަކަށް ވާނޭ އިދިކޮޅު ސިޔާސީ ލީޑަރު "ސިލެކްޓިވް ޖަސްޓިސް"ގެ އަދާލަތާއެކު 11 އަހަރު ދުވަހަށް ޖަލަށް ފޮނުވާލިއެވެ. އަދި އިންތިޚާބުން ބޭރުކޮށްލިއެވެ. އެއަށް ފަހު އަނެއްކާވެސް ދެވަނަ ދައުރަކަށް ވަޑައިގަތުމަށް ރައީސް އިބްރާހީމްގެ ވަޢުދުތައް ފުނިޖެހެން ފެށިއެވެ. 

ދެވަނަ ދައުރެއް ހަމަ ދޭންވީ ހެއްޔެވެ؟

ދައުރު ނިމެން ކުޑަތަން ވެއްޖެއެވެ. ބޮޑުޚަރަދެއްކޮށްގެން އުފެއްދި "ދުވެލިބާރު" އެސެޓްރިކަވަރީ ކޮމިޝަން މިހާރު ވީތަނެއްވެސް ނޭނގެއެވެ. އަދިވެސް އެމްއެމްޕީއާރުސީގެ ގެއްލުނު އެންމެ ލޯލާރިއެއްވެސް ދައުލަތަކަށް ނުވަދެއެވެ. ނަންބޯޑު ފެންނާން ހުއްޓަސް އޭސީސީއާއި އެހެނިހެން މުއައްސަސާތައް ވީތަނެއް ނޭނގެއެވެ. ގޮތްނޭނގޭ އަނިޔާވެރި މަރުތަކެއް ހިނގައިފިއެވެ. އޭގެ އަޑެއްވެސް މިހާރު ނީވެއެވެ. ރިލްވާނާއި ޔާމީންގެ މަރުގެ ވާހަކަ މިހާރު ނުދައްކައެވެ. މިފަހަކަށް އައިސް ވީނުވީއެއް ނޭނގި ގެއްލުނު ފަރާތްތައް ނުހޯދުނެވެ. އެއްވެއުޅުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ނުލިބިގެން އުޅުނު މީޑިއާތަކަށް ވީގޮތެއް ނޭނގި ޚަބަރު ހުސްވެއްޖެއެވެ. މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުނުގެ ދަށުން ބައެއް ޢާންމުންނާއި ނޫސްވެރީން ހޯދާން އެދުނު ގިނަ މައުލޫމާތުތައް ނުދީ ހިފަހައްޓައިފިއެވެ. ޚާއްސަކޮށް މިގައުމުގައި ތިބި ބިދޭސީ އަސްކަރީ ސިފައިންގެ ވާހަކައާއި، ސިޔާސީ މަގާމުތަކުގެ މައުލޫމާތާއި، "ޖަވާހިރުން ތަރައްގީކުރާ، މާލޭގެ އަމީނީ މަގުގެ" މައްސަލަ ފަދަ ރައްޔިތުން ހޯދާން ބޭނުންވާ ބައިވަރު މައުލޫމާތުތަކެވެ. 

ދައުރު ނިމޭއިރު، ސަރުކާރު ހިންގާ މައިޕާޓީ ދެފަޅިވެ އެއްބަޔަކު ސަރުކާރު ތެރޭން ނުކުމެ، ރައީސް އިބްރާހީމްގެ ސަރުކާރަކީ ކޮރަޕްޝަނާ ފަސާދައިގެ ހާއްޔެއް ގޮތަށް ސިފަކޮށްފިއެވެ. ވެންޓިލޭޓަރުން ވައްކަންކުރުމާއި، ކޮވިޑް ތެރޭގައި ލިބުނު އެކިއެކި އެހީގެ ފައިސާއަށް ވީނުވީއެއް ނޭނގުމާއި، ބިޔަ ބޮޑެތި މަޝްރޫޢުތައް ސަރުކާރުގެ މަސްއޫލުވެރީންގެ މަސްލަހަތު އޮންނަ ފަރާތްތަކަށް ދިނުމާއި، ބޯހިޔާވަހިކަމުގެ ނަމުގައި ވޯޓަށް ކަޑަޖެހުމާއި، ނުހައްގުން ބިންތަކެއް ބަހާލުމާއި، ޚިޔާނާތުގެ މަތިފަޑީގައި އުޅުނު މީހުން ސަރުކާރުގެ މަތިފަޑިއަށް ލުމާއި، ޖިންސީ ފުރައްސާރައާއި އަނިޔާ ލިބުނު އެތަކެއް ފަރާތުގެ ހައްގަށް އަރައިގަތުމާއި، އިސްލާމް ދީނަށް ފުރައްސާރަކޮށް ދިވެހީންގެ އަގީދާއަށް ކުޅެލި އެތައް ބަޔަކަށް ދައުލަތުގެ ހިމާޔަތް ދިނުމާއި، ސަރުކާރުގެ ސިޔާސީ މަގާމުތައް އިންތިހާއަށް ބޮޑުވެ ދައުލަތުގެ ދަރަނި 110 ބިލިއަނަށްވުރެ މައްޗަށް އަރައިގެން ގޮސްފިއެވެ. ސަރުކާރުގެ ކުންފުނިތައް ބިލިއަނުން ދަރަނިވެރިވެ ބަނގުރޫޓުވަނީއެވެ. ދައުލަތުގެ ޚަރަދުތައް އިންތިހާއަށް ބޮޑުވެ ދުނިޔޭގެ މާލީ އިދާރާތަކުން ރާއްޖެ ބަނގުރޫޓުވެދާނޭކަމުގެ ބިރުވެރި ރަނގަބީލު ޖަހައިފިއެވެ. ދައުލަތުން ހެސްކިޔާފައި ފައިސާ ޗާޕުކުރަނީއެވެ. އިންފްލޭޝަން ހަބޭހަށް އުފުލިއްޖެވެ. ރައްޔިތުންގެ އަނގަޔާ އަތާ ދިމާނުވާވަރަށް، 5 އަހަރު ތެރޭ މުދަލާއި ޚިދުމަތުގެ އަގު އުފުލިއްޖެއެވެ. ޑޮލަރުގެ ކަޅުބާޒާރު ފުޅާވެ، މަގުމަތީ އަގު 18 ރުފިޔާއަށް ތަންހަރު ވެއްޖެއެވެ. ރައީސް އިބޫ ނޫންގޮތެއް ކަމަށް ގޮވާ އަޑުތައް ބާރުވެއްޖެއެވެ. މިއީ ކުޑަ މިންވަރެކެވެ.

ދެވަނަ ދައުރެއް ދިނުމަށް އެދިވަޑައިގެން ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ 2023ގެ ރިޔާސީ ކެމްޕޭންގެ ތެރޭން-- ފޮޓޯ: އެމްޑީޕީ

ރަނގަޅެވެ. ކޮރަޕްޝަން ނައްތާލުމަކީ ފަސޭހަކަމެއް ނޫނެވެ. އުނދަގޫ ކަމެކެވެ. ނަމަވެސް ވަޢުދެއް ވެއްޖެ ނަމަ، އެ ވަޢުދެއް ފުއްދޭނެ ގޮތެއް ޕްލޭންއެއްވެސް އޮންނަންވާނެ ނޫންހެއްޔެވެ. އެ މަގުން މަސައްކަތްވެސް ކުރާންވާނެ ނޫންހެއްޔެވެ. ނަމަވެސް މިހާރު މިވާހަކަ ދައްކާނޭ މީހަކު ނެތެވެ. މެއިންސްޓްރީމް މީޑިއާއެއްވެސް ނެތެވެ. ލިބުނު ބޮޑު މިނިވަންކަމާއެކު ތޯއްޗެކެވެ. ދެވަނަ ދައުރަކަށް ފަލިޖައްސަވާއިރު، ރައީސްގެ ފަރާތުން މިހާރު އެއްކަލަ ޒީރޯ ޓޮލަރެންސްގެ ވާހަކައެއް ނުވެސް އިވެއެވެ. އިންތިޚާބަށް 2018ގައި ހުރި ގޮތަށް މިފަހަރު ދެމި ބެނާތަކުގައިވެސް ކޮރަޕްޝަންގެ ނަންވެސް ނުގަނެއެވެ. މެމޮރީ އިރޭޒްކޮށްލައިފިއެވެ. ހާޑްޑިސްކުތައް ފޯމެޓްވެއްޖެއެވެ. އޭރު ވިދާޅުވި "ޒީރޯ ޓޮލަރެންސް"އަކީ ހަގީގަތުގައި ކޯއްޗެއްތޯ ބަލާން ރައްޔިތުން އިންތިހާއަށް ބޭނުމެވެ. މިވީގޮތަކާމެދު ރައެްޔިތުން އެބަ ސުވާލުއުފައްދައެވެ. ރައީސް އިބްރާހީމް އެ ވިދާޅުވި "ޒީރޯ ޓޮލަރެންސް"އަކީ މި ސަރުކާރުގެ ކުރީކޮޅު އަމީނީ މަގުގައި ހުޅުވި ކެފޭތޯވެސް ބައެއް މީހުން ހައިރާންކަމާއެކު އެބަ ކިޔައެވެ.