މީގެ 10 އަހަރު ކުރިން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)އާ ގުޅިވަޑައިގެންނެވި ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން އެ ޕާޓީން ވަކިވެވަޑައިގަތީ އެމަނިކުފާނު ގަބޫލުފުޅުކުރައްވާ އިޙްތިރާމް އެ ޕާޓީ ތެރޭން ލިބިވަޑައި ނުގަތުމުން ކަމަށް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީއާ މިހާރު ގުޅިވަޑައިގެން، އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމަށް ތާޢީދު ހޯއްދެވުމަށް، ކުޅުދުއްފުށީގައި ކުރިއަށް ގެންދިޔަ ޖްލަސާއެއްގައި ޑރ. ވަހީދު ވިދާޅުވީ، އެ މަނިކުފާނު އުއްމީދުކުރައްވައިގެން ހުންނެވީ ރައީސް އަބްދުﷲ ޔާމީނަށް މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަނުކުރެއްވޭ ހާލަތެއް މެދުވެރި ވެއްޖެ ނަމަ، އެ ފުރުސަތު ވަހީދަށް އެޕާޓީން ދެއްވާނޭ ކަމުގެ އުންމީދުގައި ކަމަށެވެ. އެގޮތުން ޕާޓީ ތެރޭގައި އޮތީ 3 އޮޕްޝަނެއް ކަނޑައަޅާފައި ކަމަށާއި އެއީ، ފުރަތަމަ އޮޕްޝަނެއްގެ ގޮތުގައި "ޕްލޭން އޭ އަކީ ރައީސް ޔާމީން މިނިވަންވެވަޑައިގެން ނުކުމެވަޑައިގަތުން"، "ޕްލޭން ބީގަ އޮތީ ނުކުމެވަޑައި ނުންގެންނެވޭ ހިނދެއްގައި ޕީޕީއެމުން އެހެން ކެންޑިޑޭޓެއް ނެރުން،" އަދި " ޕްލޭން ސީއަކީ ޕްލޭން ބީ މަސައްކަތް ނުކޮށްފިއްޔާ ޕީއެންސީގެ ކެންޑިޑޭޓަކު ނެރުން" ކަމަށެވެ.

ރައީސް ނަޝީދުގެ ނައިބު ރައީސެއްގެ ގޮތުގައި 2008ގެ ރިޔާސީ އިންތިޚާބަށް ނުކުމެވަޑައިގެން ރައީސް ނަޝީދުގެ ވެރިކަން ވެއްޓުމުން އެ ވެރިކަމުގެ ފަހުބައި ފުރުއްވުމަށް ރައީސް ކަމާ ހަވާލުވެވަޑައިގެންނެވި ޑރ. ވަހީދު ވިދާޅުވީ، ޕީޕީއެމަށް ރައީސް ޔާމީން އެންގެވިގޮތަށް ކަންތައްކުރާން ވަގުތު ލިބުނު ކަމަށާއި ނަމަވެސް އެ ޕާޓީން ކަންތައްކުރީ އެގޮތަށް ނޫންކަމަށެވެ.

"ރައީސް ޔާމީން އެންގެވީ، ތިމަންނައަކަށް ދެން ނިކުމެވަޑައި ނުގަނެވޭނެއޭ، ދެން ބޮއިކޮޓް ކުރާކަށްވެސް ގަސްދެއް ނުކުރައްވަމޭ، އެހެންވީމާ ޕީޕީއެމުން ކެންޑިޑޭޓެއް ނެރޭށޭ. ނުނެރެވިއްޖިއްޔާ ތިމަންނާ މިހުރީ ޕީއެންސީގެ ކެންޑިޑޭޓަށްވެސް ތާޢީދުކުރައްވާށޭ،" ޑރ. ވަހީދު އޭނާގެ ޝުޢޫރުތައް ބަންޑުންކޮށްލެއްވިއެވެ.

ރައީސް ވަހީދު ވިދާޅުވީ، ޕީޕީއެމްގެ ތެރޭގައި ކަންކަން ހިނގައިދިޔައީ ރައީސް ޔާމީން އެންގެވި ގޮތަށް ނޫންކަމަށާއި، "ޕީޕީއެމްގެ އެއްވެސް މެންބަރަކަށް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ނުދިން،" ކަމަށެވެ.

"އެހެންވީމާ އަޅުގަނޑަށް ގަބޫލުކުރެވުނީ، އަޅުގަނޑު 10 އަހަރު ވަންދެން އެތާ ހުރެފަ. އެހެންނަމަވެސް އެއްވެސް އިހްތިރާމެއް، އެއްވެސް ބަލާލުމެއް ނެތި ކަންކަން ދިޔައިމަ އަޅުގަނޑަކަށް ނުޖެހޭއޭ އެތާ ހުންނާކަށް،" ޕީޕީއެމުން ވަކިވި މައިގަނޑު ސަބަބު އޮޅުންފިލުއްވައި ދެއްވަމުން ރައީސް ވަހީދު ވިދާޅުވިއެވެ.