މިއަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް ދަ ޑިމޮކްރެޓްސްގެ ވެރިކަމެއް އުފެއްދިއްޖެ ނަމަ، މާލެ ސަރަހައްދުން ގޯއްޗަށް ބޭނުންވެފައިވާ އެންމެނަށް އެ ފުރުސަތު ތަނަވަސްކޮށްދީ، އަދި އެތަންތަނުގައި ޢިމާރާތްކުރެވޭނޭ އިންތިޒާމުތަކެއްވެސް ހަމަހަމަކަމާއެކު ހަމަޖައްސަވައި ދެއްވާނޭކަމަށް އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް (އިއްލި) ވިދާޅުވެއްޖެއެވެ.

ހައުސް އޮފް ޑިމޮކްރެޓްސްގައި ބޭއްވި ކެންޕޭން ޖަލްސާގައި އިލްޔާސް ވިދާޅުވީ، އޭނާ ވެރިކަމަށް އަންނަނީ ބިންވެރިޔާ ސްކީމްގެ ދަށުން މާލޭ ރައްޔިތުންނަށް ދޫކުރާ ހުރިހާ ގޯއްޗެއް އެފަރާތްތަކަށް ލިބޭނޭކަން ކަށަވަރުކޮށްދެއްވަން ކަމަށާއި އަދި އެތަންތަން އިމާރާތްކުރުމަށް ލޯނުވެސް ހަމަޖައްސައި ދެއްވާން ކަމަށެވެ.

އިލްޔާސް ވިދާޅުވީ، ގޯއްޗެއް ލިބުނު ކަމުގައިވިޔަސް ލިބޭ އާމްދަނީ ކުޑަކަމުން ލޯނެއް ނުލިބި، އެތަން ހަދަން އެތައް ތަކުލީފެއް އުފުލާން ޖެހޭ ކަމަށެވެ.

"އެތަން ބިނާ ނުކުރެވި މި ވަނީ ކިހިނެއްތޯ ވިސްނާލަން ޖެހޭ. އެއީ އެ ގޯތީގައި އިމާރާތެއް ބިނާ ކުރުމަށް އިކުއިޓީއެއް ދައްކަން ޖެހޭ. ކޮންމެވެސް އެއްޗެއް މޯގޭޖުކުރަން ޖެހޭ،" ޒުވާން ކެންޑިޑޭޓް ވިދާޅުވިއެވެ.

އޭނާ ވިދޅުވީ، ޑިމޮކްރެޓުން ވެރިކަމަށް އަންނާނީ، "އާމްދަނީގެ ގޮތުން ހިސާބު ކިތާބުގެ ގޮތުން އެތަނަށް އޭނާއަށް ލޯނެއް އެލިޖަބަލް ވާނެ ކަމަށް ހިސާބު ކިތާބުން ދެއްކެން ނެތް މީހުންނަށް އެ ފައިސާ ސަރުކާރުން ގެރެންޓީ ދީގެން" ވެސް އެކަން ކޮށްދިނުމަށްކަމަށެވެ.

"އަދި މި އާ ގޯތި ލިބުނު މީހުންނަށް ވެސް އަޅުގަނޑުމެން ހަމަހަމަ ކަމާއެކު އެ ފުރުސަތު އެ ބޭފުޅުންނަށް ދޭނަން. އަޅުގަނޑުމެން ބޭނުންވަނީ އެ ގޯތި ތަކުގައި ދިރިއުޅެވޭނެ ގޮތް އަވަހަށް ހޯދައިދިނުން،" ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް ވިދާޅުވިއެވެ.

އެ ލަޖްސާގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް މުޙައްމަދު ނަޝީދުވެސް ވަނީ، އިލްޔާސްގެ ޒަޢާމަތެއް އުފެދިއްޖެ ނަމަ، މާލެއަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމަށް ހައްލެއް ހޯދޭވަރުގެ ޕްލޭންތަކެއް އެބަހުރި ކަމަށް ވިދާޅުވެފައެވެ. އަދި ރައީސް އިބްރާޙީމްގެ ސަރުކާރުން ވޯޓު ހޯދުމަށް މިހާރު އެކުރާ ބިންވެރިޔާގެ މަސައްކަތަކީ، ޕޮންޒީ ސްކޭމަކަށްވުރެވެސް ނުބައި ކަމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.