ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބުކުރެވިއްޖެ ނަމަ، ހދ. ދިއްދޫގައި ބިމުގެ ޖާގައާއި ބޭނުންވާ ތާފާތު އެކިއެކި ވަސީލަތްތައް އިތުރުކޮށް އެރަށަށް ސިޓީއެއްގެ ދަރަޖަ ހޯއްދަވައި ދެއްވާނޭކަމަށް ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބު (އިއްލި) ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެމްޕޭނަށް ބޮޑު ތިލަދުންމައްޗަށް ކުރެއްވި ދަތުރުފުޅުގައި ދިއްދޫއަށް ވަޑައިގެން އިލްޔާސް ވިދާޅުވީ، އެރަށަކީ މިހާރުވެސް ގިނަ އަދަދެއްގެ ރައްޔިތުން ދިރިއުޅޭ ރަށެއް ކަމަށާއި، އަދި އޭނާއަށް ވެރިކަން ލިބިއްޖެ ނަމަ، ދިއްދޫގައި އަރބަން ސެންޓަރެއް އަޅައި، އެ ރަށުގެ ބިމުގެ ޖާގަ އިތުރުކޮށް، ރަށުގެ އިގްތިޞާދު ކުރިއެރުވުމަށް އާބާދީ އިތިރުކުރެވޭނޭ މަގުފަހިކޮށްދެއްވާނޭ ކަމަށެވެ.

"މިރަށުގައި ދިރިއުޅެވޭނެ ގޮތްތައް ހޯދައި، މިރަށަށް މީހުން [އެޓްރެކްޓް] ކުރެވޭނެ ގޮތްތައް ހޯދުމަކީ މުހިއްމު ކަމެއް. އެކަން ކުރުމަށް މިރަށުގެ ރައްޔިތުން އަބަދުވެސް އެދޭ،" ޑިމޮކްރެޓްސްގެ ޒުވާން ކެންޑިޑޭޓް ވިދާޅުވިއެވެ.

ހއ. ދިއްދޫ އަލިދޫ ފިނޮޅު-- ފޮޓޯ: ޒުވާންމަސްވެރިޔާ

 

އޭނާ ވިދާޅުވީ، ދިއްދޫގެ ބިން އިތުރުކުރުމަށް، އަލިދުއްފަރު ފިނޮޅު، އެރަށުގެ ބައެއްގެ ގޮތުގައި ހަމަޖައްސާނޭ ކަމަށާއި އެކަންކަން ކުރާނީ، ރަށުގެ ރައްޔިތުންނާއި، ރަށު ކައުންސިލާއި އަތޮޅު ކައުންސިލްގެ ވެސް މަޝްވަރާއާއެކު ކަމަށެވެ.

"އާ މަންޒިލަކަށް މި ދިއްދޫ ހެދުމަށް، ސިޓީއަކަށް ހެދުމަށް، ސިޓީއެއްގެ ދަރަޖައަށް ގެނައުމަށް ކުރަންޖެހޭ ބަދަލުތައް ގެނައުމަށް މި އަންނަނީ،" ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގަދަކަނޑުތަކުގައި ދަތުރުކޮށްގެންވެސް މަންޒިލަށް ވާސިލްވާނޭކަމުގެ ޔަގީންކަން ދެއްވަމުން އިއްލި ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، މާލެއަށް މިހާރު ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލަ ހައްލުކުރާން ޑިމޮކްރެޓުން ވިސްނާފައިވާ ކަމަށާއި އެގޮތުން، އެކަންކަން ކުރިއަށް ގެންދާނީ، މާލެއަށް އަންނާން ނުޖެހޭވަރުގެ ވަސީލަތްތަކާއެކު ރާއްޖޭގެ އެހެން ސަރަހައްދުތަކެއް ތަރައްގީކޮށްގެން ކަމަށާއި، ދިއްދޫއަކީވެސް އޭގެ ތެރޭން އެއް ސަރަހައްދުކަމަށެވެ.

ހއ. ދިއްދޫ-- ފޮޓޯ: ޒުވާންމަސްވެރިޔާ

 

" މާލޭގެ މިނިސްޓްރީތަކުގައި ހުރި ވަޒީފާތައް މި ސަރަހައްދަށް ބަދަލުވާން ޖެހޭ. މީހުންނާ އެކީ ބަދަލުވާން ޖެހޭ. އެ މީހުން ބަދަލުވުމަށްޓަކައި އެމީހުނަށް ގެދޮރު އިމާރާތް ކޮށްދީ ދިރިއުޅެވޭނެ ތަންތަން ހޯދައިދޭން ޖެހޭ،" ސިޓީއަކަށް ދިއްދޫ ހެދުމަށް ބޭނުންވާ ތަރައްގީ ކުރިއަށް ގެންދާނޭގޮތް ސާފުކޮށްދެއްވަމުން އޭނާ ވިދާޅުވިއެވެ.