"ދިވެހިބަސް ކިޔަވައިދޭށޭ ކިޔާފައި ކޮންމެހެން އިސްލާމް ދީން ކިޔަވައި ދިނުމަކީ އެއީ ގައުމިއްޔަތުގެ ބައެއް ނޫން،" ކަމަށް ރައީސް އިބްރާހީމް މުޙަައްމަދު ޞާލިހުގެ ކެމްޕޭން ތަރުޖަމާނު އަދި ދިފާޢީ ވަޒީރު މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މާރިޔާ ވިދާޅުވީ، ދިވެހިބަހާ އިސްލާމް ދީނާ އެއްވެސް ގުޅުމެއް ނެތްކަމަށާއި "އިސްލާމް ދީނަކީ ހަގީގަތުގައި އަޅުގަނޑުމެންގެ އަގީދާ، ހުރިހާ ދިވެހީންގެ އަގީދާ،" ކަމަށެވެ.

"އިސްލާމްދީން ބާވާތްލެއްވީ ޢަރަބިބަހުން، ޤުރުއާން. ދެން އަނެއްކާ ހަދީސްތަކާ އެއްޗެހިވެސް ހުރީ އަރަބިން. އެހެންވީމާ ދިވެހި ބަހާ ސީދާ އިސްލާމްދީނަކާ ގުޅުމެއް ނެތް،" އިސްލާމްދީން ކިޔަވައިދޭން ކޮންމެހެން ދިވެހިބަހުގެ ބޭނުމެއް ނެތްކަށް ސާބިތުކުރައްވަން މަސައްކަތްކުރައްވަމުން އެކަމަނާ ވިދާޅުވިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ރައީސް އިބްރާޙީމަށް ކާމިޔާބު ކުރެވިއްޖެ ނަމަ، ތައުލީމީ މުގައްރަރުގެ ތެރޭން އިސްލާމް މާއްދާ އިނގިރޭސި ބަހުން ކިޔަވައިދޭން ވަނީ ނިންމައިފައެވެ.

މާރިޔާ ވިދާޅުވީ އިނގިރޭސިބަހުން އިސްލާމްދީން ކިޔަވައި ދިނުމުގެ މަގްސަދަކީ، "ކުދީންނަށް ފަސޭހަކަމާއެކު ދީން އުނގަންނައިދިނުމަށް ބޭނުންވަނީ، ކުދީން ހިތައް އަރާ ސުވާލުތަކާ އެއްޗެހިވެސް ހަމަ ވީހާވެސް ރަނގަޅަކަށް ކުދީންނަށް އޮޅުންފިލުވުމަށް،" ބޭނުންވާތީ ކަމަށެވެ.

"ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެން އެންމެންގެވެސް މިހާރު، ކީކޭ ދަންނަވާނީ.. މިހާރު ހަމަ އެއްކަލަ ފިންގަރޓިޕްސްއޭ ބުނާގޮތަށް އަޅުގަނޑުމެން ފޯނުގަވެސް މިއޮތީ ތަރުޖަމާ. ވަގުތެއް ވެއްޖިއްޔާ އަޅުގަނޑުމެންނަށް ބަލާލެވޭގޮތަށް މިއޮންނަނީ." އެކަމަނާ ވިދާޅުވިއެވެ.

ރާއްޖޭގެ ދިފާޢީ ވަޒީރު ވިދާޅުވީ، "މިހާރުގެ ކުދީން ހަމަ ގިނައިން އިނގިރޭސިބަހުން ވާހަކަދައްކައި އުޅެނީ، ހުރިހާ އެއްޗެއް ހަމަ ސައްހަ. ހުރިހާ އިސްލާމްދީނުގެ ވާހަކަތަކެއް ރިސާރޗް ހެދޭވަރަށް އެބަހުރި އިސްލާމް ދީނުގެ ވާހަކަތައް އިނގިރޭސިބަހުން ލިޔެވިފައި،" ކަމަށެވެ.

އެހެންކަމުން، "އިންޓަނެޓާ އަދި އެނޫން ސޯސްތަކުންވެސް،. އެހެންވީމާ ކުދީންގެ ޝައުގެވެރިކަން އިސްލާމްދީނާ ދޭތެރޭ އިތުރުވެ މާއްދާއެއްހެން ހުރިއްޔާ ކިޔަވައި އެކަންކަމުން އަޅުގަނޑުމެން އެންމެނަށްވެސް އިތުރު މައުލޫމާތު ލިބިގެން ކުރުން،" ސަރުކާރުން ބޭނުންވާތީ އެގޮތަށް ބަދަލުކުރާން ބޭނުންވަނީ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

ދިވެހި ގިނަ ދަރިވަރުންނަށް ދިވެހި ބަހުން ރަނގަޅަށް ވާހަކަ ދައްކާލަން ނޭނގޭކަން، ދިވެހި ބަހަށް ލޯބިކުރާ އެތަކެއް ބަޔަކު ހިތާމައާއެކު ފާހަގަކުރެއެވެ. ނަމަވެސް މިފަދަ، ބަހަށް އިހާނެތިކޮށް ހިތުމުގެ ވިސްނުން ގެންގުޅޭ އެތަކެއް ބައެއްގެ ސަބަބުން، ދިވެހިބަސް މިދަނީ ދުވަހެއް ދުވަހަކަށް ފަނޑުވަމުންނެވެ.