ދިވެހިރައްޔިތުންގެ ތެރޭން 90 އިންސައްތައަށް ވުރެ ގިނަ މީހުން މި ތިބީ އެކަށީގެންވާ ވަރުގެ އާމްދަނީއެއް ނުލިބޭ ހާލަތުގައި ކަމަށާއި މިއީ ރައްޔިތުން ނުކުމެ ބަދަލުކުރާން ޖެހިފައިވާ ކަމެއްކަމަށް މިފަހަރުގެ ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓް އަޙްމަދު ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.

ފާރިސްގެ ކެމްޕޭން ޖަގަހައިގައި ސަޕޯޓަރުންނަށް މުޚާތަބުކޮށް ވިދާޅުވީ، "ނިކަމެއްޗަކަށް ވެއްޖިއްޔާ މިޖެހެނީ ދައުލަތުގަ ނޫނީ ސަރުކާރުގަ އެކިއެކި އެހީތެރިކަމަށް އެކިއެކި އިނާޔާތްތަކަށް އެދި އަބަދުވެސް ދަންނަވާން،" ކަމަށެވެ.

އޭނާ ވިދާޅުވީ، އެހެން ވާންޖެހެނީ، އެމީހުންގެ އަތުގައި އެ ފޯރުންތެރިކަން ނެތީމަ ކަމަށާއި "ފޯރުންތެރިކަން ނެތީ ދައުލަތުން އެކަން އެމީހުންނަށް އަމިއްލައަށް މަސައްކަތް ކުރެވޭނޭ ގޮތެއް ނޫނީ އެކަށިގެންވާ ވަޒީފާއެއް އަދާކޮށްފައި އެކަށީގެންވާ މުސާރައެއް ލިބޭނޭ މަގު ފަހިކޮށްދީފައި ނުވާތީ،" ކަމަށެވެ.

"އަބަދުވެސް މިބައިތިއްބަނީ ދައުލަތުގަ، ސަރުކާރުގަ، ސިޔާސީ މީހުން ކައިރީ ކަންކަމަށް އެދޭ ހާލަތުގައި،" ކުރީގެ ރައީސް މައުމޫނުގެ ދަރިކަލުން ވިދާޅުވިއެވެ.

"އަޅުގަނޑު ދަންނަވާނީ ގަސްތުގައޭ ބައިތިއްބާފައި އެތިބެނީ. މިކަމުން އެބަޖެހޭ އަޅުގަނޑުމެން ސަލާމަތްވާން، މިކަމުން އެބަޖެހޭ އަޅުގަނޑުމެން ހަށިފޮޅާލާފައި ނުކުންނާން."

އޭނާ ވިދާޅުވީ، މިހެންނެއް ނުބޭތިއްބޭނޭ ކިޔާފައި "އަޅުގަނޑުމެން އެބަޖެހޭ ހުރިހާ ބޭފުޅުންވެސް އެއްބާރުލައިގެން މިކަން ބަދަލުކުރާން،" ނުކުންނާން ޖެހޭ ކަމަށެވެ.

"އަޅުގަނޑު މިދަންނަވަނީ ވަކި ސިޔާސީ ފަރާތެއްގެ ވާހަކައެއް ނޫން. ވަކި ސިޔާސީ ޕާޓީއެއްގެ ވާހަކައެއް ނޫން. ހުރިހާ އެންމެންވެސް ކަންކުރަނީ އެގޮތަށް ހުރިހާ އެންމެންވެސް އެހެން،" ފާރިސް ވިދާޅުވިއެވެ.