މާލޭގެ ރައްޔިތުން އެންމެ ބޮޑަށް އެދިގޮވާ އެއްކަމަކީ ބޯހިޔާވަހިކަން ހޯދައިދިނުން ކަމަށާއި އެމީހުން އެމީހުންގެ ހާލަތާއި އެމީހުންގެ ބޭނުންތައް ރިޔާސީ އިންތިޚާބަށް ވާދަކުރާ ކެންޑިޑީޓުންނަށް ވަރަށް ރަނގަޅަށް އެނގޭއިރު، ސަރުކާރުން މާލޭ ރައްޔިތުންނަށް ގޯތި ދޭނަމޭ ކިޔައިގެން ނެރެގެން އުޅެނީ އަލްހާން ފަހުމީގެ ޕޮންޒީ ސްކޭމަށްވުރެވެސް ނުލަފާ ސްކޭމެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ހައުސް އޮފް ޑިމޮކްރެޓްސްގައި މިރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ، މިސަރުކާރުން މާލޭ ރައްޔިތުންނަށް ގޯތި ދޭނޭކަމަށް ބުނެ ޗާޓުތަކާއެއްޗެހި ދައްކާއިރު، އެކަން ކުރެވޭނޭގޮތެއް އަދި އެކަމަށް ދާނޭ އަންދާޒާ ޚަރަދެއްވެސް ބިލެފައި ނެތްކަމަށެވެ.

"އަޅުގަނޑު ދަންނަވާނީ މީ އަލްހާން ފަހުމީގެ ޕޮންޒީ ސްކޭމަށްވުރެ ނުލަފާ، ނުލަފާ ކަމެކޭ، އެ ރާވައިގެން ރައްޔިތުންނަށް އެންމެ ބޮޑަށް ޖެހިފައިއޮތް މިންވަރު، އެންމެ ބޮޑަށް ހާލުގައި ޖެހިފައި އޮތް ވަގުތު. އަދި އެންމެ ބޮޑަށް އެދިއެދި ހުރި ވަގުތު. ރައްޔިތުންގެ ގާތުގައި ކަލޭމެންގެ ވޯޓު ދޭނީ، މި ގަނޑުކޮޅުގައި ސޮއިކޮށްގެނޭ، މި ގަނޑުކޮޅުގައި ސޮއިކުރީމާ މިވެނިތަނަކުން ގޯއްޗެއް ލިބޭންއެބަ އޮތޭ ކިޔައި ކަނޑައެޅިގެން އެހަދާ ދޮގު،" އެމްޑީޕީގެ ކުރީގެ ލީޑަރު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރައީސް އިބްރާހީމްގެ ސަރުކާރުން، "އެއްގޮތަކަށް ވެސް މިކަން ކުރެވޭނޭ ޕްލޭނެއް. އަދި އަންދާޒާ ޚަރަދެއް، ފައިސާ ހޯދޭނޭ ގޮތެއް. މީގެ ޓެކްނިކަލް ފީސިބިލިޓީއެއް، ސަރުކާރުން ހަދާފަކާއެއް ނުވޭ،" ކަމަށެވެ.

ސަރުކާރުން ގުޅީފަޅުގައި ހަދަން ނިންމީ ބަނދަރެއް ކަމަށާއި، އެއީ މާލޭ ބަނދަރު އެތަނަށް ބަދަލުކުރުމަށްޓަކައި އިއުލާނުކުރި މަޝްރޫއެއްކަން ނަޝީދު ފާހަގަކުރެއްވިއެވެ.

"އެތަނުގައި އެބައޮތް ކޮންމެވެސް މިންވަރަކަށް ގޯތިދެވެން. އެ ފަސޭހައިން ހިއްކޭން އޮތް ސަރަހައްދުން، ނަމަވެސް ސަރުކާރުން މިހާރު މި އިއުލާނުކޮށްފައި އޮތީ އެއްގޮތަކަށްވެސް އެކަން ކުރެވޭނޭ ގޮތަކަށެއް ނޫން،" ނަޝީދު ވިދާޅުވިއެވެ.

ރައީސް އިބްރާހީމަށް ވަރަށް ބޮޑަށް ފާޑުކިޔުއްވައި ރައީސް ނަޝީދު ވިދާޅުވީ، "އަޅުގަނޑު ދަންނަވާނީ ގޯއްޗެއް ދިނުމަށް، މި ސަރުކާރުންވެސް މީހެއްކައިރީ ވައުދވެފައި އޮތިއްޔާ، ދެން އަންނަ ސަރުކާރަކުންވެސް އެ ވައުދެއް ފުއްދައިދިނުމަށް މަސައްކަތްކުރާން ޖެހޭނޭ. އެކަމާއިގެން އުޅެން ޖެހޭނޭ،' ކަމަށެވެ.  އަދި ވައުދުވީ ގަޑީގައި ސިޔާސީ ފައިދާއަށްޓަކައި ރައީސް ސޯލިހު އެވައުދުވެވަޑައިގަތް ނަމަވެސް، "އަޅުގަނޑު ދެކޭ ގޮތުގައި ރައީސް އިލްޔާސް ލަބީބުގެ ޒަޢާމަތުގައި އެކަން ވާން އޮތް އެންމެ ރަނގަޅަކަށް. އަޅުގަނޑުމެން އެކަންކޮށް، އެމީހަކަށް ބޯހިޔާވަހިކަމެއް ދޭން ޖެހޭނެ،" ކަމަށް ވިދާޅުވިއެވެ.

ޑިމޮކްރެޓްސްގެ ސަރުކާރެއް އުފެދިއްޖެ ނަމަ، އިލްޔާސް ލަބީބުގެ އެފަދަ ޕްލޭނެއް އެބައޮތް ކަމަށާއި، "މާލޭ ސަރަހައްދުގައި ކުރިއަށް މި އޮތް 5 އަހަރު ދުވަހުގެ ތެރޭގައި 35،000 ޢާއިލާއަށް ބޯހިޔާވަހިކަން ފޯރުކޮށްދެވޭނޭ ޕްލޭނެއް. މި ޕްލޭނަކީ ހިސާބު ޖާހާފައި، އަންދާޒާކޮށްފަ. ދާނޭ ޚަރަދު އިނގޭ ޕްލޭނެއް،" އޮތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިކަން ކުރުމަށް، ކޮންމެ އަހަރަކު އެބަ ޚަރަދުކުރާން ޖެހޭ 2 ބިލިއަނާ 4 ބިލިއަނާ ދެމެދަށް ރުފިޔާ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑު މިރޭ ތިބޭފުޅުންގެ އަރިހުގައި ދަންނަވާން އޮތީ ހަމައެކަނި މިވާހަކަ. މިހާރު ގޯތި ދޭނޭކަމަށް ވިދާޅުވެ ނެރެގެން އެއުޅެނީ ސީދާ ސްކޭމެއް. އެއަކު ގޯއްޗެއް ނެތް، ހިކިފަސް ބިމެއްވެސް ނެތް އަދި ހިއްކޭނޭ ފަޅެއްވެސް ނެތް. އަދި އެކަން ކުރާނޭ ޕްލޭނެއްވެސް ނެތް. އެކަމަށް އަންދާޒާ ކުރެވޭ ރުފިޔާގެ ޢަދަދެއްވެސް ނޭނގެ. އެރުފިޔާ ހޯދާނޭ ގޮތެއްވެސް ނޭނގެ،" އެމަނިކުފާނު ވާހަކަކޮޅު ނިންމާލަމުން ވިދާޅުވިއެވެ.