ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރައްވާ ކެންޑިޑޭޓެއް ކަމަށްވާ ޢުމަރު ނަސީރު މިއަދު ހަވީރު މާލޭގައި ކެމްޕޭން ރެލީއެއް ކުރިއަށް ގެންދަވަނިކޮށް އޭނާއަށް މީހަކު ދަގަނޑުބުރިއަކުން ހަމަލާދީފިއެވެ.

ޢުމަރު "އަސްލު ނިއުސް"އަށް ވިދާޅުވީ، މިއަދު އޭނާ މާލޭގައި ކުރިއަށް ގެންދެވި ރޯޑް ރެލީއެއް ކުރިއަށް ދަނިކޮށް، " ޑްރަގް ވިއްކާ މީހެއްކަމަށް ތުހުމަތު ކުރެވޭ މީހަކު ވަނީ ދަގަނޑު އެއްޗެއް އެއްލައި އަޅުގަނޑުގެ މޫނުމަތީ ޖެހުމަށް ފަހު ފިލާފައި،" ކަމަށެވެ.

ޢުމަރު އިތުރަށް ވިދާޅުވީ، އެ ހަމަލާގައި އޭނާއަށް އަނިޔާއެއް ލިބިފައި ނުވާކަމަށާއި، މިހާރު އޭނާގެ ސެކިއުރިޓީ ބަލަހައްޓާ ސިފައިން، ހަމަލާދީފައި ފިލި މީހާގެ ފޮޓޯ ފުލުހުންނާ ހިއްސާކޮށްފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން ފުލުހުންނާ މީޑިއާތަކުން ސުވާލުކުރުމުން މި ޚަބަރު ޝާޢިޢުކުރުމާ ހަމައަށްވެސް، އެއްވެސް ޖަވާބެއް ފުލުހުންގެ ފަރާތުން ލިބިފައެއް ނުވެއެވެ.

ޢުމަރަކީ މިފަހަރުގެ ރިޔާސީ ކެންޑިޑޭޓުންގެ ތެރޭން، މަސްތުވާތަކެތީގެ މައްސަލަތަކާއި މާރާމާރީއާއި ވައްކަންކުރުން ފަދަ ކަންކަން ހައްލުކޮށްދޭން އެންމެ ވަރުގަދައަށް އަޑުއުފުއްލަވަމުން ގެންދަވާ ކެންޑިޑޭޓުކަން ފާހަގަކޮށްލާން ޖެހެއެވެ.