ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ދަ ޑިމޮކްރެޓްސްއަށް ކާމިޔާބުކުރެވިއްޖެ ނަމަ، އެ ޕާޓީގެ ފަސޭހަ ވިޔަފާރި ސިޔާސަތުގެ ދަށުން، 8000 ރުފިޔާގެ އާމްދަނީ ނުހޯދޭ އެންމެ ކުދި ވިޔަފާރިތަކުން ޖީއެސްޓީ ދައްކާން ނުޖެހޭނޭގޮތް ހައްދަވައިދެއްވާނޭކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބު (އިއްލި) ވިދާޅުވެއްޖެއެވެ.

ހދ. ވައިކަރަދޫގައި ބޭއްވި ކެމްޕޭން ޖަލްސާއެއްގައި އިލްޔާސް ވިދާޅުވީ، މިހާރު ސިޔާސަތުތައް ހުރިގޮތުން ރާއްޖޭގެ ކުދި ވިޔަފާރިތަކާއި އަލަށް ވިޔަފާރި ފަށާ ފަރާތްތަކަށް ކުރިއަށް ދިއުމަށް ބޮޑެތި ދަތިތަކެއް ހުރިކަން ފާހަގަކުރެވޭ ކަމަށެވެ. އެގޮތުން އެ މައްސަލަތަކަށް ޑިމޮކްރެޓްސްގެ ސަރުކާރެއްގައި ހައްލު ހޯއްދަވައިދެއްވާނޭ ކަމަށް އޭނާ ޔަގީންކަން ދެއްވައެވެ.

އިލްޔާސް ވިދާޅުވީ، ކުދި ވިޔަފާރިކުރާ ފަރާތްތަކުން، ފެނާއި ކަރަންޓާއި ކުލި ފަދަ ޚަރަދުތައް ކޮށްފައި އެ ވިޔަފާރިތަކުން ރަނގަޅު ކުރިއެރުމެއް ނުހޯދޭކަމަށެވެ.

"ތިބޭފުޅުން ވިޔަފާރިކުރާ ފިހާރަތަކާއި، ސައި ހޮޓާތަކާއި ގެސްޓްހައުސްތައް، މިތަންތަނުގެ ކަރަންޓު ބިލް އިންތިހާއަށް ބޮޑު. 8000 އާއި 25000 ދޭތެރޭގެ އަދަދެއް އެބަ އަރާ ފިހާރައަކަށް،" މިވަރުން ބިލްތަކަށް ލާރިދައްކާފައި ވިޔަފާރިއެއް ކުރެވޭނީ ކިހިނެއްތޯ ވިދާޅުވެ އޭނާ ސުވާލު އުފެއްދެވިއެވެ.

އިލްޔާސް ވިދާޅުވީ، މިހާރު 1 މިލިއަނަށް ވުރެ މަތީން އަހަރެއްގެ މައްޗަށް އާމްދަނީ ލިބޭ ވިޔަފާރިތަކުން ދައްކާން ޖެހޭ ޓެކްސް، އޭނާގެ ވެރިކަމެއް އުފެދިއްޖެ ނަމަ، ކުދި ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން، 8000 ރުފިޔާއަށްވުރެ ދަށުން ލިބޭނަމަ ޓެކްސް ދައްކާން ނުޖެހޭގޮތަށް ބަދަލުކުރައްވާނޭ ކަމަށެވެ.