މިފަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެވިއްޖެ ނަމަ، ބޮޑު ތިލަދުންމައްޗަށް އިންގިލާބީ ބަދަލެއް ގެނެސްދެއްވާނޭކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓް ނަންބަރު 5އަށް ތާޢިދު ހޯދުމަށް، ޖޭޕީން ހދ. ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ވިޔަފާރިވެރިޔާ ގާސިމް ވިދާޅުވީ، "މިރާއްޖެ ކުރިއަށް [މުސްތަގުބަލަށް]، ތަރައްގީކޮށް ދިނުމަށްޓަކައި އަންނަން އޮތް ދުވަސްތަކަށް ތަރައްގީ ކޮށްދިނުމަށްޓަކައި ކުރާ މަސައްކަތުގައި މިހާރުވެސް ހދ. ހަނިމާދޫގައި އިންޓަރނޭޝަނަލް އެއަރޕޯޓެއް ގާއިމްވެގެން އެބަ ދާކަމަށެވެ.

"ގާތް ގަޑަކަށް 1.5 މިލިޔަން މީހުންނަށް ދަތުރު ކުރެވޭނެވަރަށް އަޅުގަނޑުގެ ވެރިކަމެއްގައި ނިންމާނަން،" ގާސިމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ އޭނާގެ ވެރިކަމެއްގައި އެއަރޕޯޓް ހިންގާނީ ސީދާ ދިވެހި ރައްޔިތުން ކަމަށާއި އެތަން ހިންގާން ބޭރު މީހުން ނުތިބޭނޭ ކަމަށެވެ.

އޭނާގެ ވެރިކަމެއްގައި ހއ. ހދ. ށ ހިމެނޭގޮތަށް 6000 އެނދު އުފައްދާން މެނިފެސްޓޯގައި ހިމަނާފައި ވީ ނަމަވެސް، އެ އަދަދު 10،000އަށް އިތުރުކުރެއްވުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އޭނާގެ ސަރުކާރެއްގައި ރާއްޖޭގެ އުތުރާއި ދެކުނު ތަފާތުކުރުމެއް ނެތި ތަރައްގީ ހުރިހާ ދިމާއަކަށްވެސް ގެނެސްދެއްވާނޭ ކަމަށެވެ.