އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމަށް މިފަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެވިއްޖެ ނަމަ، އޭނާ އުފައްދާ ސަރުކާރެއްގެ ތައުލީމީ ސިޔާސަތުތަކުގެ ތެރޭގައި ޕްރައިމަރީން ފެށިގެން ޕީއެޗްޑީއާ ހަމައަށް ހިލޭ ކިޔެވޭނޭގޮތް ހަމަޖައްސަވާނޭކަމުގެ ވައުދުވެއްޖެއެވެ.

ކެމްޕޭން ޖަލަސާއެއްގައި ކ. ހުރާގައި ދެއްކެވި ވާހަކަފުޅުގައި ނާޒިމް ވިދާޅުވީ، "އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ތަޢުލީމު ދިނުމަކީ ސަރުކާރެއްގެ މައްޗަށް ލާޒިމް ކަމެއް. އެހެންވީމަ އަޅުގަނޑުމެންގެ ސަރުކާރެއްގައި ޕްރައިމަރީއިން ފެށިގެން ޕީއެޗްޑީ އާއި ހަމައަށް ހިލޭ ކިޔަވައިދެވޭނެ ވާހަކަ ދަންނަވާލަން ބޭނުން،" ކަމަށެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ، "ޕީއެޗްޑީއަށް ރިސާރޗް ހަދާ މީހުންނަށްވެސް ބޭނުންވާ ޚަރަދަކީ މުހިންމު ޚަރަދެއް." ކަމަށާއި އެގޮތުން "ރިސާރޗްކޮށްގެން އިނޮވޭޝަނާއި އެކީގައި ޤައުމަށް ފައިދާ ކުރަނިވި ރިސަރޗެއް ލިޔެގެން، ޕީއެޗްޑީ ޙާސިލްކޮށްފިއްޔާ،" އެފަރާތެއްގެ ރިސާރޗަށް ކުރި ޚަރަދުތައްވެސް ހަމަޖައްސަވައިދެއްވާނޭ ކަމަށެވެ.

އޭނާގެ ސަރުކާރެއްގައި، އެކިކަހަލަ ވޮކޭޝަނަލް ޓްރެއިނިންގތައް، ދަރިވަރުންނަށް ދެއްވާނެކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.