ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބުގެ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމެއް ރާއްޖޭގައި އުފެދިއްޖެ ނަމަ، ދިވެހިމަސްވެރީންނަށާއި، ހައްޖުގެ އަޅުކަން އަދާކުރެވޭނޭ ފަދަ ތަނަވަސްކަން ނެތް ފަރާތްތަކަށް އުފާވެރިޚަބަރެއް އޭނާ ދެއްވައިފިއެވެ.

މުއިއްޒުގެ ރިޔާސީ ކެމްޕޭނުގައި މުލަކު އަތޮޅު މުލީގައި ދެއްކެވި ވާހަކަފުޅުގައި އޭނާ ވިދާޅުވީ، އޭނާގެ ވެރިކަމެއްގެ 5 އަހަރު ތެރޭގައި އަމިއްލަ ޚަރަދުގައި ހައްޖަށް ދެވޭނޭ ތަނަވަސްކަން ނެތް ނިކަމެތި މީހުންގެ ތެރެއިން 1،000 މީހުން ހައްޖަށް ފޮނުއްވައި ދެއްވާނޭކަމަށެވެ.

ޒަކާތު ފަންޑު ހަރުދަނާކޮށް، ޒަކާތު ހައުސްއެއް އުފައްދަވާނޭ ކަމަށްވެސް މުޢިއްޒު ވިދާޅުވިއެވެ.

މަސްވެރީންނަށް އުފާވެރި ޚަބަރު ދެއްވަމުން އޭނާ ވިދާޅުވީ، ބޮޑު ކަންނެލީގެ އެންމެ ދަށް އަގު ކިލޯއެއް 80 ރުފިޔާއަށް ހައްދަވައި، އޭ ގްރޭޑް ކަންނެލި ކިލޯއެއްގެ އަގު 100 ރުފިޔާއަށް ހަމަޖައްސަވާނޭ ކަމަށެވެ. މީގެ އިތުރުން، މަސް އޮޑިފަހަރު އެންމެ ބޮޑު ހޭދައެއް ކުރާންޖެހޭ އެކައްޗަކީ ތެލަށް ކުރާ ޚަރަދަށްވާއިރު، ހަރުދަނާ ސިޔާސަތުތަކެއްގެ ތެރޭން މަސްވެރީންނަށް އަގުހެޔޮކޮށް ޑީސަލާއި ޕެޓްރޯލް ލިބޭނޭ އިންތިޒާމް ހަމަޖައްސަވައިދެއްވާނޭ ކަމަށެވެ.