ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލުގެނެވޭނީ ސިޔާސީ ނުފޫޒުން އެއްކިބާވެތިބެ އެކުލަވައިލެވޭ ސިޔާސަތުތަކުންކަމަށާއި އޭނާގެ ވެރިކަމެއް އުފެދިއްޖެ ނަމަ، ބޯހިޔާވަހިކަމަށް ފުރިހަމަ ހައްލެއް ގެންސްދެއްވާނޭ ކަމަށް މިފަހަރުގެ ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ އަޙްމަދު ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް މައުމޫނު ޢަބްދުލްޤައްޔޫމްގެ ދޮށި ދަރިކަލުން ޕީއެސްއެމްގެ މެނިފެސްޓޯ ޕްރޮގްރާމްގައި ވިދާޅުވީ، މިހާރު ފެންނަމުންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަކީ  ވަރަށް ޚަރަދުބޮޑު އަދި ތަންފީޒުކުރާން އުނދަގީ ޕްލޭންތަކެއް ކަމަށެވެ.

އޭނާގެ ވެރިކަމެއްގައި، ދައުލަތުގެ އާމްދަނީ އިތުރުކޮށް، މައްސަލައަށް ހަގީގީ ހައްލެއް ގެންނާނޭކަމަށް ފާރިސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މާލެ ސަރަހައްދަށް ބޭނުންވާ އަދަދަށް މިހާރުވެސް އެޕާޓްމަންޓްތައް އެބަހުރި ކަމަށާއި އަދި ފްލެޓްތަކުގެ އަދަދަށް ބަލާއިރު، ހީކުރި ވަރުގެ ބޮޑު ފަރަހެއްވެސް ނޫޅޭ ކަމަށެވެ. ނަމަވެސް އެއީ ވިޔަފާރީގެ އުސޫލުން ހަދާފައިވާ ތަންތަންކަމަށް ވުމުން އާންމުން އަތްފޯރާ ފަށުގައި ހުރިތަންތަނަށް ނުވަނީ ކަމަށެވެ. އަދި މިކަންކަން ހައްލުކުރެވޭނީ، ސިޔާސީ ނުފޫޒުން އެއްކިބާވެ ތިބެ، ދުރުވިސްނުމެއްގައި މައްސަލަ ހައްލުކުރުމަށް މަސައްކަތްކޮށްގެން ކަމަށެވެ.