އަންނަ ސެޕްޓެމްބަރ 9ގައި ބާއްވާ ރިޔާސީ އިންތިޚާބު ދަ ޑިމޮކްރެޓްސްއަށް ކާމިޔާބު ކުރެވިއްޖެ ނަމަ، އެ ޕާޓީން އެކުލަވައިލާ ސަރުކާރެއްގެ ކެބިނެޓް ހަތަރު ވަޒީރަކު ބޮޑު ތިލަދުންމައްޗަށް ޚާއްސަކުރައްވާނޭ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބު ވިދާޅުވެއްޖެއެވެ.

މިހާރު ބޮޑު ތިލަދުންމައްޗަށް ކުރައްވަމުން ގެންދަވާ، ކެންޕޭން ދަތުރުފުޅުގައި ހދ. ކުޅުދުއްފުއްޓަށް ވަޑައިގެން އިލްޔާސް ވިދާޅުވީ، ގާނޫނުއަސާސީގައި ސަރުކާރެއް އެކުލަވައިލާއިރު، ވަޒީރުންގެ މަޖިލީހެއް އެކުލަވައިލާން ބުނެފައިވީ ނަމަވެސް އެކުލަވައިލާން ޖެހޭ ގޮތް ބުނެދީފައި ނުވާކަމަށާއި، އޭނާގެ ސަރުކާރެއްގައި ބޮޑު ތިލަދުންމަތީގެ ބައިވެރިވުން ސަރުކާރު ހިންގުމުގައި ހުރިހާ މަރުހަލާއެއްގައި ވެސް ވަރަށް މުހިއްމުކަމެއް ދެއްވާނޭ ކަމަށެވެ.

"އެގޮތުން ވަޒީރުންގެ މަޖިލީހުގައި މި ބޮޑު ތިލަދުންމަތީގެ ހަތަރު މަގާމު، ހަތަރު ވަޒީރުން ތިބުން އެއީ މި ސަރަހައްދުގެ ތަރައްގީއަށް ވަރަށް މުޙިއްމު ކަމެކޭ. އެގޮތަށް އަޅުގަނޑުމެން މިހާރު ވާނީ ނިންމާފައި،" އިލްޔާސް ވިދާޅުވިއެވެ. 

އޭނާ އިތުރަށް ވިދާޅުވީ، ބޮޑު ތިލަދުންމަތީގެ ތަރައްގީގައި ކުޅުދުއްފުށި ސިޓީގެ ބައިވެރިވުން ވަރަށް މުޙިއްމު ކަމަށާއި އެގޮތުން އެ ސަރަހައްދަށް ޚާއްސަކުރެވޭ 4 ވަޒީރުންގެ ތެރޭން 2 ވަޒީރަކު ކުޅުދުއްފުއްޓަށް ޚާއްސަކުރައްވާނޭ ކަމަށެވެ.

"މިބޭފުޅުންނާއެކު އަޅުގަނޑުމެން މިކުރާ މަސައްކަތް، މި ތަރައްގީގެ މަސައްކަތް، މިރާއްޖެއަށް އަޅުގަނޑުމެން މި ގެންނަ ބަދަލު ގެންނާނީ،" ސަރުކާރު ބައްޓަންކުރާނީ ތިލަދުންމަތީގެ ތަރައްގީއަށް ހުރިހާ ދޮރެއް ހުޅުވޭނެ ގޮތެއްގައިކަން ފާހަގަކުރައްވަމުން އިލްޔާސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރައީސް އިބްރާހީމްގެ ސަރުކާރުން ބޮޑު ދިލަދުންމަތި ބާކީކޮށްފައިވާ މިންވަރު، އެ ސަރަހައްދުގެ ރައްޔިތުންނަށް ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި ޑިމޮކްރެޓުން އަންނަނީ އެ ސިޔާސަތު ބަދަލުކޮށް، ބޮޑު ތިލަދުންމަތީ ރައްޔިތުންނަށް ހައްގުވާ މިންވަރު ރަނގަޅަށް ހޯދައިދޭން ކަމަށެވެ.

"އެހެން މީހަކު މެދުވެރިކޮށް ކުރާކަމެއް ނޫން މިއީ، އަޅުގަނޑު މިއަންނަނީ މި ބޮޑުތިލަދުންމަތީ ބަދަލުގެންނާން، ބޮޑު ބަދަލު ގެންނާން،" އޭނާ އެ މަސައްކަތްކުރައްވާނީ، ސަރަހައްދަށް ކަނޑައަޅާ 4 ވަޒީރުންނާއެކު އަމިއްލަފުޅަށް އެ ސަރަހައްދަށް ވަޑައިގެންކަން އިލްޔާސް ފާހަގަކުރެއްވިއެވެ.