ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް ދަ ޑިމޮކްރެޓްސްގެ ސަރުކާރެއް އުފެދިއްޖެ ނަމަ ބޮޑު ތިލަދުންމަތީގައި ފަތުރުވެރިކަށް އިންވެސްޓްކުރާ ފަރާތްތަކަށް 3 އަހަރު ޖީއެސްޓީ މައާފްކުރައްވާނޭ ކަމަށް އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބު (އިއްލި) ވިދާޅުވެއްޖެއެވެ.

ޑިމޮކްރެޓްސްގެ ފަރާތުން ބޮޑު ތިލަދުންމައްޗަށް ކުރާ ކެމްޕޭން ދަތުރުގައި، ހދ. ދިއްދުއަށް ވަޑައިގެން އިލްޔާސް ވިދާޅުވީ، އެޕާޓީން ރާއްޖޭގެ ވެރިކަމާ ހަވާލުވާން ބޭނުންވަނީ، ވިޔަފާރި ކުރާ ފަރާތްތަކަށް ފުރުސަތުތައް ފަހިކޮށްދީ، އާމްދަނީ ބޮޑުތަނުން އިތުރުކުރުމަށް ކަމަށެވެ.

އިއްލި ވިދާޅުވީ، ރާއްޖޭގެ ގިނަ ރައްރަށުގައި މިހާރު އާންމު މީހާގެ އާމްދަނީއަށް އެންމެ ފައިދާވާ ވިޔަފާރިއަކީ ގެސްޓްހައުސް ވިޔަފާރި ކަމަށްވާރި އޭނާގެ ސަރުކާރެއްގައި ގެސްޓްހައުސްގެ ވިޔަފާރިވެސް އެތައް ގުނައެއް އިތުރުކޮށްދެއްވާނޭ ކަމަށެވެ.

"އަޅުގަނޑުމެން މި އަންނަނީ ގެސްޓްހައުސްގެ ވިޔަފާރި ތިބޭފުޅުންގެ ރަށުގަ، ތިބޭފުޅުންގެ އަތޮޅުގަ ކުރެވޭނެ ގޮތް ހަމަޖައްސަން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ސަރުކާރެއްގައި ގެސްޓްހައުސްގެ ބެޑުގެ އަދަދު ފަސް ގުނައަށް އިތުރު ކޮށްދޭނަން،" ޒުވާން ރިޔާސީ ކެންޑިޑޭޓް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ބޮޑު މިހާރު ރާއްޖޭގައި އުފެދިފައިވާ ސަރުކާރުން ބޮޑު ތިލަދުންމަތި ވަރަށް ބޮޑަށް ބާކީ ކޮށްފައިވާ ކަމަށާއި ނަމަވެސް، އޭނާގެ ސަރުކާރެއް އުފެދިއްޖެ ނަމަ  ސީދާ އޭނާ ބޮޑު ތިލަދުންމައްޗަށް ވަޑައިގެން ރައްޔިތުންނާއެކު މަސައްކަތްކުރައްވައި، އެ އަތޮޅުގެ ރައްޔިތުން ބޭނުންވާ ތަރައްގީ ހާސިލްކޮށްދެއްވާނޭ ކަމަށް އިލްޔާސް ވިދާޅުވިއެވެ.