ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ބައެއް ކެންޑިޑޭޓުންގެ ވާހަކަފުޅުތައް ހުންނަގޮތުން ޚުދުމުޚުތާރު ވެރިކަމެއް ކުރައްވާން އުޅޭހެން ހީފުޅުވާކަމަށް، ރާއްޖޭގެ ރިޔާސީ ނިޒާމުގައި އެންމެ ދިގު މުއްދަތަކަށް ވެރިކަންކުރެއްވި ކުރީގެ ރައީސް މަޢުމޫނު ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ޖުމުލަ 8 ކެންޑިޑޭޓުން ވާދަކުރައްވާއިރު، ރާއްޖޭގައި 30 އަހަރުގެ ދިގު ވެރިކަމެއް ކުރެއްވި، ކުރީގެ ރައީސް ވަކި ބޭފުޅެއްގެ ނަންފުޅެއް ވިދާޅެއް ނުވެއެވެ.

އެމަނިކުފާނު ވިދާޅުވީ، " ބައެއް  ކޭންޑިޑޭޓުން  ވާހަކަ ފުޅު ދައްކަވާއިރު  ހީވަނީ  ޚުދު  މުޚުތާރު ވެރިކަމެއް  ކުރައްވަން  ބޭނުންފުޅު  ވާހެން." ކަމަށެވެ.

އެގޮތުން، " ވަގުތުން މިވެނި  ކަމެއް  ކުރައްވާނަމޭ  ވަގުތުން މިވެނި  ކަމެއް  ހުއްޓުވާނަމޭ.  ކޮބައިތޯ  ޤާނޫނު؟  ކޮބައިތޯ  ޑިއު  ޕްރޮސެސް؟" ވިދާޅުވެ އެމަނިކުފާނު ވަނީ، އެމޭރުމުން ވާހަކަފުޅު ދައްކަވާ ކެންޑިޑޭޓުންނަށް ބަހުގެ ހަމަލާއެއް އަމާޒުކުރައްވައިފައެވެ.

ރައީސް މައުމޫނު މިގޮތަށް ވިދާޅުވުމުން ގިނަ ބަޔަކު ދަނީ، އެގޮތަށް އެހެން މީހުންނަށް ދިމާއަށް ޚުދުމުޚުތާރު ވެރިކަމެކޭ  ވިދާޅުވެ ވާހަކަފުޅު ދައްކަވާން އެންމެ ރަނގަޅީ އެމަނިކުފާނުތޯ ބުނެ ސުވާލު އުފައްދަމުންނެވެ.

މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މައުމޫނުގެ ދަރިކަލުން އަހްމަދު ފާރިސް މައުމޫނުވެސް މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވައެވެ.