ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ބޭފުޅުންގެ ތެރޭން، ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓް ނަންބަރު 5 ޤާސިމް އިބްރާހީމްގެ ވެރިކަމެއް އުފެދިއްޖެ ނަމަ ދީނީ ކަންކަމާއި ގައުމިއްޔަތަށް ވަރަށް ބޮޑު އިސްކަމެއް ދިނުމަށް އެޕާޓީގެ މެނިފެސްޓޯގައި ހިމަނައިފިއެވެ.

ޖުމްހޫރީ ޕާޓީގެ ވެރިކަމެއް އުފެދިއްޖެ ނަމަ، ކުރާން ހަމަޖެހިފައިވާ ކަންތައްތަކުގެ ތެރޭގައި އިސްލާމްދީންނޫން އެހެން ދީނަކަށް ފުރުސަތު ނުދިނުމާއި، އިސްލާމީ ޑިމޮކްރެޓިކް ދައުލަތެއްގެ ގޮތުގައި ރާއްޖޭން ނަމޫނާ ދެއްކުން ހިމެނެއެވެ. އަދި ރާއްޖޭގެ ސަރަހައްދުތަކުގައި އިސްލާމިކް ސެންޓަރުތައް ގާއިމް ކުރުމާއި، 65 އަހަރުން މަތީގެ 100 މީހުން ސަރުކާރުގެ ހަރަދުގައި ކޮންމެ އަހަރަކު ހައްޖަށް ފޮނުވުން ހިމެނެއެވެ. އަދި ހަމަ އެހެންމެ ތައުލީމާއި ތަރުބިއްޔަތުގެ ތެރެއިން ދީނުގެ ސައްހަ އަގީދާ ފެތުރުމާއި ދިވެހި ބަހުގެ ދީނީ ފޮތް އިތުރުކޮށް އިސްލާމީ ލައިބްރަރީއެއް ގާއިމްކުރުމާއި 500 ހާފިޒުން އުފައްދައި އެފަރާތްތަކަށް 3000 ރުފިޔާގެ އެލަވެންސެއް ހަމަޖައްސައި ދިނުން ހިމެނެއެވެ. އަދި ގުރުއާން ތަފްސީރު ދިވެހި ބަހުން އެކުލަވާލުން ހިމެނެއެވެ.

މީގެ އިތުރުން، ފަތުވާ މަޖިލިސް ހަރުދަނާކޮށް ބާރުވެރިކުރުވުމާއި، ދީނީ އިލްމުވެރިންގެ މަހާސިންތާތަކުން ނިންމާ ކަންކަމަކީ ސަރުކާރުގެ ސިޔާސަތުކަމުގައި ހިމެނުންފަދަ ކަންކަން ހިމަނާފައިވެއެވެ. 

މި މެނިފެސްޓޯގައި ފާހަގަކޮށްލެވޭ އަނެއް ކަމަކީ، މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން ހުކުމުގެ ވަކި މިންވަރެއް ތަންފީޒުކޮށްފައިވާ މީހުންނަށް މާފު ދިނުމުގެ ބައެވެ. އެގޮތުން، ގާސިމްގެ ވެރިކަމެއްގައި ގައިދީންނަށް އަދަބު ލުއިކުރުމުގައި ގުރުއާން ހިތުދަސްކުރާ ގައިދީންނަށް ލުއި ލިބޭގޮތަށް ހެދުން ހިމެނެއެވެ.

ގާސިމްގެ މެނިފެސްޓޯގައި މިނޫންވެސް ގިނަ ކަންތައްތަކެއް ހިމަނާފައިވެއެވެ.