ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ސިޔާސީ ފަރާތްތަކުން ދަނީ ވަރުގަދަ ކެމްޕޭންތަކެއް ކުރަމުންނެވެ. ސިޔާސީ މައިދާނުގައި ހަތުރުން މިތުރުންނަށް ވުމާ މިތުރުން ހަތުރުންނަށް ވާންވެސް ނަގަނީ ފަޅި ސިކުންތެވެ. ހަމަ އެހެންމެ ސިޔާސީ މައިދާނުގައި އިންސާފާއި ހަމަހަމަކަންވެސް އެއީ ސިޔާސީ މީހާ ޕޯޑިމަށް އަރައި ހިތުހުރި ގޮތަކަށް ބަދަލުކޮށްލާ އެއްޗެކެވެ. އެތަކެއް ހާސް ރައްޔިތުން އަތްތިލަބަޑި ޖަހައި ފޯރީގައި އެކަން ފާހަގަކުރާންވެސް ތިބޭނެއެވެ.

ރައީސް ޢަބްދުﷲ ޔާމީނުގެ ފުރަތަމަ ނައިބު ރައީސް އަދި މިހާރު ޔާމީނުގެ ގާނޫނީ ވަކީލު ޑރ. މުޙައްމަދު ޖަމީލު އަޙްމަދަކީ މިފަހަކަށް އައިސް ރާއްޖޭގެ ސިޔާސީ މައިދާނުގައި ހަމަ ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އެގޮތުން އިތުބާރު ނެތްކަމަށް ބުނެ، އެމަނިކުފާނުގެ ނައިބު ރައީސްކަން ޔާމީނުގެ ވެރިކަމުގައި ގެއްލުމުން އެ ސަރުކާރު ވައްޓާލަން އެންމެ ގަދައަޅައި މަސައްކަތްކުރެއްވި އެއް ބޭފުޅަކީ ޖަމީލެވެ. އަދި މިއަދު ރައީސް ޔާމީނަށް އިންސާފު ހޯއްދަވައިދެއްވުމަށާއި އަނބުރާ ރައީސް ޔާމީނު ވެރިކަމަށް ގެނައުމަށް ވަކާލާތުކުރައްވާ އެއްބޭފުޅަކީވެސް ޑރ. ޖަމީލެވެ. މިއީ ސިޔާސީ ދާއިރާއެވެ.

ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ވެރިކަމަށް އާދެވޭނެ އެއްވެސް މަގެއް ނެތުމުން 2018 ވަނަ އަހަރު އެމަނިކުފާނު ވެރިކަމަށް ނެރުއްވީ އެމަނިކުފާނުގެ އެންމެ އަރިސް، އެންމެ އިތުބާރުކުރައްވާ އަދި އެންމެ ގާތް މިތުރު، އިބްރާހީމް މުޙައްމަދު ޞާލިހެވެ. އެމްޑީޕީގެ ގިނަ ސަޕޯޓަރުންނަށްވެސް އޭރު އިބްރާހީމަކީ ކާކުކަން ރަނގަޅަށް ނޭނގެއެވެ. ނަމަވެސް ރައީސް ނަޝީދުގެ އެންގެވުމަށް އެމްޑީޕީގެ އެތަކެއް ހާސް މެންބަރުން ވޯޓުދީ، އަދި ގުޅިފައިވާ ބިޔަބޮޑު އިދިކޮޅު ލަޝްކަރަކާއެކު ރައީސް ޔާމީނުގެ ވެރިކަން ނިމުމަކަށް ގެނެސް މިހާރުގެ ރައީސް އިބްރާހީމް ވެރިކަމާ ހަވާލުވެވަޑައިގަތެވެ. އެހިސާބުން، ވެރިކަމާ ހެދި ދެ މިތުރުންގެ ކޯޅޭންފެށިއެވެ. އަދި މިއަދު އެންމެ ބޮޑު ހަތުރުންނަށްވެ، އެމްޑީޕީވެސް ދެބައިވެއްޖެއެވެ.

ރައީސް ނަޝީދު މިހާރު ހުންނެވީ ރައީސް އިބްރާހީމްގެ ވެރިކަން ކޮންމެ ގޮތަކުން ނަމަވެސް ނިންމާން ނުކުންނަވައެވެ. އާ ސިޔާސީ ޕާޓީއެއްވެސް ހައްދަވައިގެންނެވެ. ރައީސް އިބްރާހީމް އެ ގެންދަވަނީ، ރާއްޖޭގެ " ހަތަރުވަނައަށް އެންމެ ބޮޑު ސިޔާސީ ޕާޓީ" އެމްޑީއޭއާއި، އެންމެ ދުވަސްވީ އެއް ޕާޓީ އަދާލަތާއެކު ކޯލިޝަނެއް ހައްދަވައިގެން، ދެވަނަ ދައުރެއް ހޯއްދެވުމަށް، "އުފާވެރި އަމާންރާއްޖެ" ކެމްޕޭނެއް ފޯރިއާއެކު ޖައްސަވަމުންނެވެ.

"އަސްލު ވާހަކަ"އަށް ދަމާ ހިނގާށެވެ. އުފާވެރި އަމާން ރާއްޖެއެއްގެ ވާހަކަ ދައްކަވާން ފެށުމުން ޑރ. ޖަމީލު ވަނީ، ރައީސް އިބްރާހީމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި އެކި ފަހަރު މަތީން ޑރ. ޖަމީލު ވަނީ، މިއައަށްވުރެ ވަކީން ނާއިންސާފާއި ބޭއިންސާފުން ކަންކަން ކުރަމުންއައި ސަރުކާރެއް ނެތްކަމަށްވެސް ސިފަކުރައްވަމުންނެވެ. އަނިޔާވެރިކަން ހައްދުފަހަނައަޅާފައި ވާ ކަމަށް ވިދާޅުވަމުންނެވެ.

ޑރ. ޖަމީލު ވަނީ، އަމާން ރާއްޖޭގެ ވާހަކަ ރައީސް އިބްރާހީމް ދައްކަވާއިރު ދެ ހާދިސާއެއް ހަނދާނަށް ގެންނެވުމަށް ވިދާޅުވެފައެވެ.

އެގޮތުން ޑރ. ޖަމީލު ފާހަގަކުރެއްވި ފުރަތަމަ ވާހަކަފުޅަކީ މަޝްހޫރު ފިނިފެންމާ ލޯންޗުކޮޅުގެ ހާދިސާއެވެ. ޑރ. ޖަމީލު ނައިބުކަމުން ދުރުކުރުމަށްފަހު އެ މަގާމާ ހަވާލުވެލެއްވި ކުރީގެ ރައީސް އަޙްމަދު އަދީބުގެ ވާހަކައެވެ. ރައީސް ޔާމީނަށް އަމާޒުކޮށް ދެވުނު ޓެރަރިޒަމްގެ ހަމަލާއިން އެމަނިކުފާނުގެ ފުރާނަ ނުގޮސް ސަލާމަތްވިއެވެ. ނަމަވެސް ވެރިކަން ބަދަލުވެ، ރައީސް އިބްރާހީމަށް ވެރިކަން ލިބިވަޑައިގެންނެވުމުން ރައީސް ޔާމީނުގެ މައްޗަށް ހެކި ހޯއްދެވުމަށް މި ސަރުކާރުން ބޭނުންކުރާ އެންމެ ވަރުގަދަ ހަތިޔާރަކަށް ވެގެން ދިޔައީ އަހްމަދު އަދީބެވެ. އަދީބުގެ މައްޗަށް އެ ހާދިސާއާ ގުޅޭގޮތުން ދައުވާ ނުކުރާން މި ސަރުކާރުން ނިންމިކަން ޑރ. ޖަމީލު ފާހަގަކުރައްވައެވެ. އަދީބަކީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ވެސް މޭސްތިރިޔާއެވެ.

" ރ. ޔާމީނަށް ދެވުނު ޓެރަރިޒަމްގެ ޙަމަލާ. އިބޫގެ ޕީޖީ އެ ޖަރީމާގެ މުއްތަހަމު އަދީބުގެ މައްޗަށް ދަޢުވާ ނުކުރަން ހަދާފައިވާ އެގްރީމަންޓް" ޑރ. ޖަމީލް ވިދާޅުވިއެވެ.

ދެވަނަ ހާދިސާއެއްގެ ގޮތުން، ޑރ. ޖަމީލު ފާހަގަކުރެއްވީ، ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް، މިސަރުކާރު ފެށުނުފަހުން، ދެވުނު ނުރައްކާތެރި ޓެރަރިޒަމްގެ ހަމަލާއެވެ. 6 މޭ 2021ގައި ދެވުނު ނުރައްކާތެރި އެ ހަމަލާގައި އެމަނިކުފާނުގެ ފުރާނަފުޅު ސަލާމަތްވީ ހަމަ ކިރިޔާއެވެ. ބޮޑެތި ޒަޚަމްތަކަކަށް ފަރުވާކުރައްވާން ޖެހިވަޑައިގަތެވެ.

"ރ. ނަޝީދަށް ދެވުނު ޓެރަރިޒަމްގެ ޙަމަލާ." ދެވަނަ ހާދިސާއެއްގެ ގޮތުގައި ޑރ. ޖަމީލު ފާހަގަކުރެއްވިއެވެ.

ނަމަވެސް މިހާދިސާއާ ގުޅޭ ތަހްގީގުވެސް އަދި މިއަދާ ޖެހެންދެންވެސް ކުރިއަށްދަނީއެވެ. ކުރިއެރުމެއް ނުލިބެއެވެ. އެކަމާ ރައީސް ނަޝީދުވެސް އެތަކެއް ފަހަރު ސުވާލު އުފައްދަވާފައި ވެއެވެ. އަދި އެ ޝަރީއަތް ލަސްވަމުން ދާތީ އެކަމާ އެހެންފަރާތްތަކުން ވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ނަމަވެސް ޓެރަރިޒަމްވެސް ސިޔާސަ ވުމުން ވާނޭގޮތް ފެނިގެންދަނީއެވެ.

އަމާންރާއްޖެއެއްގެ ވާހަކަ ދެކެވޭއިރު، ވޭތުވެ ދިޔަ 5 އަހަރަކީ، ރާއްޖޭގައި އަނިޔާވެރި އެތަކެއް މަރުގެ ހާދިސާއެއް ހިނގާފައިވާ 5 އަހަރެވެ. ގޮތްނޭނގޭ އެތަކެއް މަރުގެ ހާދިސާ ހިނގައި އަދި އަދާޖެހެންދެންވެސް ތަހުގީގު ނުނިމި، ނުވަތަ ޝަރީއަތްވެސް ނުނިމި އެބަ އޮތެވެ. ގައުމު އޮތީ 110 ބިލިއަން ރުފިޔާގެ ދަރަނީގެ އަނގަވަޅެއްގައެވެ. ވޭތުވެދިޔަ 50 އަހަރު ނުދަރާވަރަށް ގައުމު ދަރައިފިއެވެ.