ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ހުށަހަޅާ ބޯހިޔާވަހިކަމުގެ ސިޔާސަތު އަންނަ އާދީއްތަ ދުވަހު އިއުލާނު ކުރާނެ ކަމަށް އޭނާގެ ކެމްޕެއިން ޓީމުން ބުނެފިއެވެ.

މުއިއްޒުގެ ކެމްޕެއިނު ޓީމުން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކެމްޕެއިނު އެސިސްޓެންޓް މެނޭޖަރު، މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު މުއާޒް ރަޝީދު ވިދާޅުވީ، އެ ޓީމުން ރަށްރަށަށް ގޮސް މީހުންގެ ހާލަތު ބަލައި ދެނެގަންނަމުންދާ ކަަމަަށެވެ. 

މުއާޒު ވިދާޅުވީ މާލެއާއި ބޮޑެތި ރަށްރަށަށް މުއިއްޒުގެ ފަރާތުން ހުށަހަޅާ ސިޔާސަތުތައް އެކުލެވޭ މެނިފެސްޓޯ އަންނަ އާދީއްތަ ދުވަހު އިއުލާނު ކުރާނެ ކަމަށެވެ. އަދި ޒުވާނުންގެ މެނިފެސްޓޯ އަންނަ ހަފްތާގެ ހުކުރު ދުވަހު އިއުލާނު ކުރާނެ ކަމަށެވެ.

"މި މަހުގެ 20 ވަނަ ދުވަހު ބޯހިޔާވަހިކަމުގެ ސިޔާސަތު، ކެންޑިޑޭޓް އިއުލާނުކުރައްވާނެ، އަދި ޒުވާނުންގެ މެނިފެސްޓޯ 25 ވަނަ ދުވަހު އިއުލާނުކުރާ ގޮތަށް މިއޮތީ ހަމަޖައްސާފައި،" މުއާޒު ވިދާޅުވިއެވެ.

ރިޔާސީ ކެމްޕެއިނަށް މުއިއްޒު މިހާރު ގެންދަވަނީ އެކި ރަށްރަށަށް ދަތުރުކުރައްވަމުންނެވެ. އަދި އެ ދަތުރުތަކުގައި ވެސް އެކި ރަށްރަށް ދަނީ ވައުދުވަމުންނެވެ. އޭނާގެ މެނިފެސްޓޯ އަދި އިއުލާނުކޮށްފައި ނުވެއެވެ. އޭނާގެ ކެމްޕެއިން ޓީމުން ބުނެފައިވާ ގޮތުގައި ވަކިވަކިން ސިޔާސަތު ހާމަ ކުރިޔަސް ފަހުން އެއްކޮށްލާފައި މެނިފެސްޓޯ އާންމުކުރާނެއެވެ.