ސްކޫލްތަކުގެ އަހަރީ ޗުއްޓީ (ބޮޑު ޗުއްޓީ) އަހަރު ނިމޭކޮޅަށް ބަދަލުކުރަން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގަތުމުން ފަތުރުވެރިކަމުގެ ދާއިރާގެ މީހުން ފާޅުކުރި ކަންބޮޑުވުންތަކާ ގުޅިގެން އެކަމަށް ހައްލެއް ހޯއްދަވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކުރިން އަހަރުގެ ފަހުކޮޅު ބޮޑު ޗުއްޓީ އޮންނަ ނަމަވެސް، މި ސަރުކާރުގައި ޓޫރިޒަމް ދާއިރާގެ އެކި ފަރާތްތަކުގެ އެދުމުގެ މަތިން ބޮޑު ޗުއްޓީ ވަނީ އަހަރުގެ މެދުތެރެއަށް ބަދަލުކޮށްފައެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރެއިން މުއިއްޒު ވަނީ މި ސަރުކާރުގެ އެ ނިންމުން ބަދަލުކުރައްވައި ބޮޑު ޗުއްޓީ އަލުން ޑިސެމްބަރަށް ބަދަލުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

އެހެންނަމަވެސް، އޭނާ އެހެން ވިދާޅުވުމުން ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ އެކި ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށް ފާޑުކިޔަމުންދާއިރު، މުއިއްޒު ވަނީ އެ މީހުންގެ ކަންބޮޑުވުންތަކަށް ލިބިފައިވާ ކަމަށް ވިދާޅުވެ މިއަދު ޓްވީޓެއް ކުރައްވައިފައެވެ.

މުއިއްޒުގެ ޓްވީޓުގައި ވިދާޅުވީ، ސްކޫލް ބޮޑު ޗުއްޓީ ޑިސެމްބަރަށް ބަދަލު ކުރުމާއި މެދު ރިސޯޓު މުވައްޒަފުންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯއްދަވާނެ ކަމަށެވެ. އަދި އެކަމުގެ ތަފްސީލު މިރޭ ފ. ނިލަންދޫގައި ބާއްވާ ޖަލްސާގައި ހާމަކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

މުއިއްޒުގެވައުދާއެކު ޓޫރިޒަމް އެމްޕްލޯޔީސް އެސޯސިއޭޝަން އޮފް މޯލިޑިވްސް (ޓީމް) އިންވެސް ވަނީ ނުރުހުން ފާޅުކޮށްފައެވެ. ސުކޫލްތަކުގެ ބޮޑުބަންދަށް މިހާރު ގެނެވިފައިވާ ބަދަލަކީ މުހިންމު، އިޖްތިމާއީ އަދި އިގްތިސާދީ ފައިދާ ތަކެއް ހިމެނޭ ހާއްސަކޮށް ޓޫރިޒަމް މަސައްކަތްތެރިންގެ ބޮޑުމެޖޯރިޓީ އެއް ބޭނުންވެގެން ގެނެވިފައިވާ މުހިންމު ބަދަލެއް ކަމަށް ޓީމްއިން ބުންޏެވެ.