ދިވެހީންނަށް ހަޔާތުން ގެއްލިގެން މިދިޔައީ 5 އަހަރު ކަމަށާއި، ވެފައިހުރި ވައުދެއް ފުއްދާނޭކަމަށް، އަދި ވައުދުވީ ގޮތަށް ކަމެއް ކުރައްވާނޭކަމަށް ބަލައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިހަށް ދެވަނަ ދައުރެއް ދެއްވާން ފެނިވަޑައި ނުގަންނަވާކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހާރު ނިސްބަތްވެވަޑައިގަންނަވާ އާ ސިޔާސީ ޕާޓީ، ދަ ޑިމޮކްރެޓްސްގެ މެނިފެސްޓޯ އިއުލާނުކުރުށް ސަލްޓަންޕާކުގައި ބޭއްވި ރަސްމިއްޔާތުގައި އެމަނިކުފާނު ވަނީ ރައީސް އިބްރާހީމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ދިވެހީން މިކަމާ ވަރަށް ބޮޑަށް ވިސްނުމަށް އިލްތިމާސްކުރައްވައިފައެވެ.

ރައީސް ނަޝީދު ވިދާޅުވީ، ދައުލަތެއް ހިންގާން ޖެހެނީ ވަކި ތަރުތީބަކުން ކަމަށާއި، އެނޫންގޮތަކަށް ކަންކަން ކުރާން އުޅެފި ނަމަ ވާނޭގޮތް މިހާރު ރާއްޖޭން މިދަނީ ފެންނަމުން ކަމަށާއި ރާއްޖޭގެ އެކި ކަންކޮޅުތަކުން ފެންނަނީ ފަސްގަނޑުޖަހާފައިވާ މަންޒަރުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުގެ އެއްވެސް ޕްލޭނެއް ނެތްކަން ފާހަގަކުރައްވައި، ރައީސް ނަޝީދު ވިދާޅުވީ، " އެންމެ ޕްރޮޖެކްޓެއްވެސް ނިންމޭކަށް ނެތް، އެއްވެސް ޕްރޮޖެކްޓެއް ފެށީކީ ނިންމާކަށް ނޫން،" ކަމަށާއި އަދި "ފަށާފައިހުރި ޕްރޮޖެކްޓްތަކަކީ ވީ ވައުދެއް ނޫން، ވެފައި ހުރި ވައުދުގެ ނެތް ޕްރޮޖެކްޓެއް،"ވެސް ނޫން ކަމަށެވެ.

ދައުލަތަށް ފައިސާ ހޯދަން ސަރުކާރުން ބުނެފައިވާ އެއްވެސް މަގަކުން ފައިސާ ނުލިބުނުކަން ފާހަގަކޮށް ނަޝީދު ވިދާޅުވީ، " ލޯނަކުން، ބޮންޑަކުން، އަދި ހިލޭ އެހީއަކުންވެސް ނައި، އެހެންވީމާ ފައިސާ ޗާޕް ޖެހީ، ޖެހޭނެތާ އަތުގައި ޗާޕް މެޝިނެއް އޮތިއްޔާ، އެ ދިވެހި ފައިސާ ޖަހާ ނެގީ، މިދިޔަ ފަސް އަހަރު މިދިޔައީ ގެއްލިގެން." ކަމަށެވެ.

މީގެ އިތުރުން، ގޯތި ގެދޮރުގެ މައްސަލައަކީ ލޯކަލް ކައުންސިލްތަކުގެ އިހްތިޞާސްތެރޭގައި ހިމެނޭ ކަމެއްކަމަށާއި ނަމަވެސް ފެނިގެންދަނީ ސަރުކާރުން ހުރިހާ ބާރުތަކެއް މަސްހުނިކޮށްގެން އުޅޭތަންކަން ފާހަގަކުރައްވައި، ނަޝިދު ވިދާޅުވީ، "މާލޭ މީހުން ވަރަށް ބޮޑަށް ބައްލަވާ އަޑު އައްސަވާތި، އަޅުގަނޑު އިރާދަކުރެއްވިއްޔާ ތިކަން ކުރާނަން،" ކަމަށެވެ.

މާލޭގެ ރައްޔިތުންނަށް އިޝާރަތްކުރައްވައި ނަޝިދު ވިދާޅުވީ، ރައީސް އިބްރާހީމަށް ތިބޭފުޅުން ދެން "އިތުރު ދައުރަކަށް އެކަން ކުރައްވާނެކަމަށް އެބޭފުޅާ އަތަށް މި ގޯތީގެ މަސައްކަތް ދެއްވާކަށް އެއްގޮތަކަށް ވެސް ނުފެނޭ،" ކަމަށެވެ.