ރާއްޖޭގެ ރައްޔިތުންނަށް ކުރިމަތވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ފުރިހަމަ ހައްލެއް ހޯއްދަވައިދެއްވާނީ "ފްލެޓްދޮންބެގެ ދަރިވަރު" ކަމަށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބު (އިއްލި) ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ފްލެޓް ދޮންބެގެ ނަމުން މަޝްހޫރުވެފައި ވަނީ، ކުރީގެ ރައީސް އަދި ދަ ޑިމޮކްރެޓްސްގެ މެންބަރު، ރައީސް މުޙައްމަދު ނަޝީދު (އަންނި) އެވެ.

ދަ ޑިމޮކްރެޓްސްގެ މެނިފެނިފެސްޓޯ، "ފަރުދީ ތަނަވަސްކަން- ޢަބުރުވެރި ޙަޔާތެއް" ލޯންޗުކުރުމަށް ސަލްޓަން ޕާކުގައި ބޭއްވި ރަސްމިއްޔާތުގައި އިއްލި ވިދާޅުވީ، ރާއްޖެއަށް ކުރިމަތިވެފައިވާ ގޯތިގެދޮރާއި ބޯހިޔާވަހިކަމަށް ހައްލެއް ގެނެވޭނީ، "ފްލެޓްދޮންބެގެ ދަރިވަރު" ޔަޢުނީ، އިއްލިއަށް ކަމަށެވެ.

އިއްލި ވިދާޅުވީ، "ފްލެޓް ދޮންބެގެ ދަރިވަރަކީ އަޅުގަނޑު،" ކަމަށެވެ. މީގެ އިތުރުން، "ގޯތިވެސް ދޭނަން ގޯތިވެސް އަތެއް ނުލެވޭނެ ފްލެޓްވެސް ދޭނަން. އަދި ނިމުނީކީއެއް ނޫން، އެ ގޯތީގައި ގެ އެޅޭނެ ފައިސާވެސް އަޅުގަނޑުމެން ހަމަ ޖައްސައިދޭނަން،" ކަމަށާއި ވެރިކަމަށް ކުރިމަތިލައްވައިގެން އުޅުއްވަނީ އެ ބަދަލު ގެންނަންކަމަށްވެސް ހުޅުދޫ ދާއިރާގެ ޒުވާން މަޖިލިސް މެންބަރު ވިދާޅުވިއެވެ.

ޑިމޮކްރެޓްސްގެ ފަރާތުން ވަނީ، ރާއްޖޭގެ ވިޔަފާރިއާއި އިގްތިޞާދު ކުރިއެރުވުމަށް ގިނަ ކަންތައްތަކެއް މެނިފެސްޓޯގައި ހިމަނައިފައެވެ. އޭގެ ތެރޭގައި ޚާއްސަކޮށް ޒުވާން ވިޔަފާރިވެރީން ކުރިއެރުވުމަށާއި މަސްވެރީންނަށް ޚާއްސަ ވަޢުދުތަކެއް ހިމަނާފައިވެއެވެ.