ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލުހު މިހާރު ކުރައްވަމުން ގެންދަވާ ރިޔާސީ ކެމްޕޭން ދަތުރުފުޅުތަކުގެ ތެރޭން، އއ. ބޮޑުފޮޅުދޫއަށް ވަޑައިގެނ އެރަށު ފުޓްބޯޅަދަނޑާއި ވޮލީކޯޓް ހުޅުއްވައިދެއްވައި، އއ. މަތިވެރިއަށް ވަޑައިގެން އެރަށު ފެނުގެ ޚިދުމަތް ރަސްމީގޮތުން ފަށްޓަވައިދެއްވައިފިއެވެ.

އަރިއަތޮޅު އުތުރުބުރިއަށް ރައީސް އިބްރާހީމް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބޮޑުފޮޅުދޫގައި ހުޅުއްވައިދެއްވި ބޮޑުފޮޅުދޫ ފުޓްބޯޅަދަނޑަކީ ޓާފްއަޅައިގެން ތަރައްޤީކޮށްފައިވާ ދަނޑެކެވެ. ދަނޑުގެ ސަބްބޭސްގެ މަސައްކަތްކޮށްފައި ވަނީ އެލިއޮތް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެންނެވެ. އަދި ޓާފް އެޅުމުގެ މަސައްކަތްކޮށްފައި ވަނީ އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެންނެވެ. އަދި އެރަށު ވޮލީކޯޓަކީ ވެސް ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ތަނެކެވެ.

މީގެ އިތުރުން މަތިވެރީގެ ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ކޮށްފައި ވަނީ މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)އިންނެވެ.