އިންތިޚާބުތަކަށް ނުފޫޒު ފޯރުވުން ހުއްޓުވާން ގާނޫނާއި ގަވާއިދުގެތަކުގެ ތެރޭން ވަރަށް ގިނަ ކަންކަންކުރެއެވެ. އެގޮތުން، ލޯކަލް ކައުންސިލް އިންތިޚާބު ފަދަ އިންތިޚާބުތަކާ ދިމާކޮށް ރަށްރަށުންނާއި މާލޭވެސް ގޯތި ދޫކުރުމަކީ މަނާކަމެކެވެ. އަދި އާ މަޝްރޫޢުތައް ހިންގުމަކީވެސް މަނާކަމެކެވެ. އެއީ އޭގެ ސަބަބުން އިންތިޚާބަށް ނުފޫޒުފޯރަފާނެތީއެވެ.

ރާއްޖޭގެ ގާނޫނުހަދާ މަޖިލީހުގައި ވަރަށް ހަރަކާތްތެރި މެންބަރެއްކަމަށްވާ، ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިންވެސް ވިދާޅުވަނީ އެހެންނެވެ. ކައުންސިލް އިންބިޚާބާ ދިމާކޮށް ގޯތި ނުދެވޭގޮތަށް ހަދާފައި ރިޔާސީ އިންތިޚާބަށް އެކަން އެޕްލައި ނުކުރާންވީ ކީއްވެތޯއެވެ.

"އިންތިޚާބަށް  ނުފޫޒު  ފޯރަފާނެތީ  ކަމަށްބުނެ، ލޯކަލް  ކައުންސިލް  އިންތިޚާބަށް 6  މަހަށްވާ  ފަހުން  އެއްވެސް  އާ  ޕްރޮޖެކްޓެއް  ނުހިންގުމަށާ  ގޯތިވެސް  ނުދިނުމަށް  ހުރިހައި  ކައުންސިލްތަކަށް  ސިޓީ  ފޮނުވައިގެން  އަންގާ،" ޢަލީ ގާނޫނީ ވަކީލު ޢަލީ އޭނާގެ ކަންބޮޑުވުންތައް ބަންޑުންކޮށްލިއެވެ. "އެހެނަސް  ރިޔާސީ  އިންތިޚާބަށް  އެކަން  އެޕްލައިނުވޭ"

މިއީ ޢަލީ އެކަނި ވިދާޅުވާ ވާހަކައެއް ނޫނެވެ. މިއީ މިވަގުތު ގައުމުގައި ތިބި ސަބަބުވެރި ވިސްނުމަކުން ވިސްނާ އެންމެން ވެސް ގޮވަމުން އަންނަ ވާހަކައެކެވެ. އިންތިޚާބާ ދިމާކޮށް، ސަރުކާރުން ރައްރަށުގައި ބިޔަ މަޝްރޫޢުތައް ޢިއުލާނުކޮށް ސޮއިކުރަނީއެވެ. ނުވިތާކަށް ރާއްޖޭގެ އެންމެ ތޮއްޖެހިފައިވާ، އަދި ބިމަށްޖެހިފައިވާ ރަށާ ކައިރި ސަރަހައްދުން އަގުބޮޑުކޮށް ހިއްކާފައިވާ ބިލިއަން ރުފިޔާގެ އަގުހުރި ބިންތައް ވަކިބަޔަކަށް މަންފާކުރާގޮތަށް ހިލޭ ބަހާލަނީއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ، މިގައުމުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ރަނިންގމޭޓް އަދި އެމްޑީޕީއަށް ނިސްބަތްވާ މަޖްލީސް މެންބަރު މުހައްމަދު އަސްލަމް މިހާރު ސަރުކާރުން ކުރިއަށް ގެންދާ ހިލޭ ބިންބަހާލުމުގެ މަޝްރޫޢާ ގުޅުވައިގެން ވިދާޅުވީ، " ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްގެ ދަށުން އެތައް ހާސް ރައްޔިތުންގެ ދިގުލީ އިންތިޒާރަކަށް ނިމުން،" ކަމަށެވެ. "މި ސަރުކާރުގެ ގެދޮރުވެރިކަމުގެ ސިޔާސަތުގެ އަމާޒަކީ  ފަޚުރުވެރި ދިރިއުޅުމެއް އުޅެވޭނެކަން މަގުފަހިކޮށްދިނުން،" ކަމަށެވެ.

މިއީ މިހާރު ކުރިއަށް ދާ ރިޔާސީ ކެމްޕޭން ތެރޭން އިވޭ އަޑުތަކެވެ. 8 ކެންޑިޑޭޓަކު ވާދަކުރާއިރު، ދައުލަތުގެ ހުރިހާ ވަސީލަތެއް އެންމެ ކެންޑިޑޭޓަކަށް ފަހިވެފައި އޮތުމަކީ ހަމަ ރަނގަޅުގޮތް ހެއްޔެވެ. އެހެންކަމަށް ވާނަމަ، ކޮންމެހެން ކައުންސިލް އިންތިޚާބަށް ނުފޫޒު ފޯރަފާނެތީ ވަކިގޮތެއް ހަދާން އެބަ ޖެހޭހެއްޔެވެ.

ކަމަކަށް ދެން ނުފޫޒު ފޯރުވޭނީ މިވަރަކަށް ނޫންހެއްޔެވެ. އެހެނަސް އޭސީސީ ފަދަ މުއައްސަސާތަކުންވެސް، ޕޯޓަލްއެއް ހަދައިގެން އިންތިޚާބީ ރިޝްވަތު ރިޕޯޓުކުރާށޭ ރައްޔިތުންނަށް އިލްތިމާސްކޮށް، މިފަދަ ބޮޑެތި ކަންކަން ނުފެންނަ ކަމަށް ހަދައިގެން ތިބޭނަމަ، އެ މުއައްސަސާތަކުގެ ބޭނުމެއް އެބަ އޮތްހެއްޔެވެ. އުންމީދަކީ މިނިވަން މުއައްސަސާތައް، މިފަދަ ޚައްސާސް ދަނޑިވަޅެއްގައި މިނިވަންކަމާއެކު ފުލް ގިއަރުގައި ހަރަކާތްތެރިވެ ގައުމަށް ދިމާވެފައިވާ ކޮރަޕްޝަނާއި ފަސާދައިން ގައުމު ސަލާމަތްކުރުމެވެ.

އިންތިޚާބަކަށް ނުފޫޒުފޯރާނީ ދެން ކިހާވަރަކަށް ކަންކަން ފާޅުގައި ކުރީމަތޯއެވެ. ކައުންސިލް އިންތިޚާބާ ދިމާކޮށް ހުއްޓައިލާން ޖެހޭ ކަމެއް ވެއްޖިއްޔާ ރިޔާސީ އިންތިޚާބާ ދިމާކޮށް އަދި މާބޮޑަށް އެފަދަ ކަންކަން ހުއްޓުވާން ޖެހެއެއް ނޫން ހެއްޔެވެ. ނޫނީ ވަކި ބައެއްގެ މަންފާއަށް ކޮންމެގޮތެއް ހެދިޔަސް ރައްޔިތުން ހަމަ ޗުއްޕުވެސް ނުބުނެ ތިބޭންވީހެއްޔެވެ؟ މިފަދަ ކަންކަން އިސްލާހުކުރެވޭނީ ރައްޔިތުން މިފަދަ ކަންކަން ހުއްޓުވާން ނުކުތީމައެވެ. ކުރިއަށް އޮތީ ވިސްނާފައި ގޮތް ނިންމާވީ ދުވަހެވެ.