ދިވެހިރާއްޖޭގެ މުއްސަނދިކަން އެއްތަނަކަށް ޖަމާކޮށް، ގައުމުގެ ކުޑަ ތަންކޮޅެއް މިވަނީ ތަރައްގީކޮށްފައެވެ. އެއީ ރާއްޖޭގެ ވެރިރަށް ފުރަމާލެއެވެ. ވަރަށް ރޭވުންތެރިކަމާއެކު، ޒަމާންގަނޑެއްގެ ތެރޭގައި، މާލެއާ ނުލައި ދިވެހީންނަށް ނޭވާވެސް ނުލެވޭވަރު ބަޔަކު ވަނީ ކޮށްފައެވެ. ހަމަ އެހެންމެ މާލޭގެ ސަބަބުން އެތަކެއްހާސް ދިވެހީން، ނޭވާ ހާސްކަމެއްގެ ތެރޭގައި އުޅެންވެސް ވަނީ މަޖުބޫރުކޮށްފައެވެ. އެހެނީ މާލެ ތޮއްޖެއްސި ޖެއްސީނުން، މާލެއަކީ ދިވެހިރައްޔިތުންނަށް ބޮޑު ވިހައަކަށް މިވަނީ ވެފައެވެ. ނަމަވެސް މާލެ ނޫންގޮތެއް ހޯދައިދޭން އުޅޭ ތަނެއް ނުފެނެއެވެ. ވެރިކަން ދަމަހައްޓާން، ކުދިކުދި ރައްތަކުގައި ބަނދަރެއް ހަދާލައި ފުޓްސަލް ދަނޑެއް އަޅާލައި ނަރުދަމާއެއް ދުއްވާލުމަކުން، މާލެއަށް ނައިސް ފަރުޖެއްސޭނޭ ހަމަ އެއްވެސް ގޮތެއް ނެތެވެ. މިކަން ރާއްޖޭގައި ވެރިކަންކުރާން ތިބޭ ފަރާތްތަކަށް ނޭނގެނީކީނޫނެވެ. އެހެނަސް ލިބޭއެތިކޮޅު އަދިވެސް މަދުވެދާނެތީ އެހެންގޮތެއް ދައްކާން ބޭނުން ނުވަނީއެވެ. އޭގެ އާޚިރު ނަތީޖާ ކިތަންމެ ގޯސްވިޔަސް އެވެރީންނަށް ހެޔޮވެގެން ތިބޭ ހާލުގައެވެ.

"ރާއްޖެތެރޭ މީހުންނާއި މާލޭ މީހުން" ތަފާތުކުރުމުގެ ވާހަކައަކީ ޒަމާންވީ ވާހަކައެކެވެ. އެހެނެއްކަމަކު އެއީ މާލޭ ރައްޔިތުންގެ ކުށެއް ނޫނެވެ. އަދި މާލޭ މީހާ ނުބައިކުރާންވީ ސަބަބެއް ވެސް ނޫނެވެ. މިއީ ބަޔަކު ރާވައިގެން ގައުމުގައި ހިންގަމުންދާ ޒަމާންވީ ބޮޑު ފިތުނައެކެވެ. ޖަރީމާއެކެވެ. މިކަން ކުރަނީ، ގައުމު ހިންގާން ހަވާލުވާ ފަރާތްތަކުންނެވެ. މި ފިތުނަ ނައްތާލެވޭނީ ވެސް ހަމަ އެވެރީންނަށެވެ. ނަމަވެސް ފެންނަމުން މިދަނީ ވެރިކަމުގެ ދަހިވެތިކަމުގައި، މިދެންނެވި ފިތުނައަށް އިތުރަށް ދަރުއަޅައި ހުޅުރޯކުރާ މަންޒަރެވެ.

މާލެއަށް ޖެހިފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަކީ، މާލެއަށް ނިސްބަތްވާ ހަތަރުކަށިމަތި މާލޭ ރައްޔިތުން މާލޭގައި ގިނަވެގެން ދިމާވި މައްސަލައެއް ނޫނެވެ. އެއީ ޒަމާނުއްސުރެން ވެރިކަންކުރަމުން އައި ފަރާތްތަކުން، މާލެ ނޫން ގޮތެއް ދިވެހީންނަށް ދައްކާން ބޭނުން ނުވުމުގެ ނަތީޖާއެވެ. އެންމެ ކުދިކުދި އަސާސީ ހައްގުތަކުން ފެށިގެން ހުރިހާ ކަމަކަށް ރައްޔިތުން މާލެއަށް ބަރޯސާ ވާން މަޖުބޫރުވާގޮތަށް ނިޒާމްތައް ރާވައިލީ ހަމަ އެއްބަޔަކު އަޑީގައި ތިބެގެންނެވެ. އަދިވެސް އެ ކުޅިގަނޑު ކުރިއަށް ގެންދާން އެވެރީން ތިބީ ފޫގަޅައިގެންނެވެ. ރައްޔިތުން އަނދިރިކަމެއްގެ ތެރޭގައި ބައިތިއްބައިގެންނެވެ.

ރާއްޖެއަކީ ބިމުގެ ސައިޒު ކުޑަ ގައުމެކެވެ. އެހެނަސް ރާއްޖެއަށް ލިބިފައިވާ ރީތި މޫދުތަކާއި ކަނޑާއި ކުދިކުދި ޖަޒީރާ ރައްތަކުގެ ފައިދާއަކީ މުޅިދުނިޔޭގެ ބާޒާރުގައިވެސް އެންމެ އަގުބޮޑު މުދަލެވެ. އެހެނަސް އޭގެ ފައިދާ ކުރަނީ މަދުބަޔަކަށެވެ. މީގެ އިތުރުން ދައުލަތަށް ވަންނަ ފައިސާގެ ބޮޑުބައެއް އަބަދުވެސް ހޭދަކުރަނީ، މާލެ ތޮއްޖެއްސުމުގެ ރޭވުންގަނޑުގެ ތެރޭންނެވެ.

މާލެއަށް މީހުން އަންނަނީ އެ ރަށަށް މާލެ ކިޔާތީކީ ނޫނެވެ. ތަޢުލީމާއި، ސިއްހީ ޚިދުމަތާއި، ވަޒީފާއާއި މިނޫންވެސް ދިރިއުޅުމަށް ބޭނުންވާ ހުރިހާކަމެއް ހަމަޖެހޭނެ ހަމައެކަނި ފަސްގަނޑަކީ، ބަޔަކު ރާވައިގެން މާލެ ކަމުގައި ދެއްކީތީއެވެ. ޒަމާނީ ފެންވަރުގެ ހުރިހާ ވަސީލަތެއް އެރަށަށް ޖަމާކޮށް، އެއާ ނުލައި ނޫޅެވޭވަރު ބަޔަކު ރާވައިގެން ކުރުމުންނެވެ. ރާއްޖޭގައި މާލެ ނޫނަސް ބިންބޮޑު، ބިޔަ ރައްތައް އެބަހުއްޓެވެ. ދެލައްކަ މީހުންގެ އާބާދީއެއް އަޅައިލިޔަސް ނުފުރޭވަރުގެ ބިޔަ ރައްތައްވެސް އެހެރީއެވެ. ބިލިއަނުން ޚަރަދުކޮށްގެން ބިންހިއްކާކަށް ނުޖެހޭނެއެވެ. ހަމައެކަނި ބިން ހިއްކާން އެކުރާ އެތަކެއް ސަތޭކަ މިލިޔަން ރުފިޔާ ޚަރަދުކޮށްގެން މިއިން ރަށެއް މާލެ ފެންވަރަށް ގެނައުމަކީ އުނދަގޫ ކަމެއް ނޫންކަން، 5 އަހަރުގެ ދައުރެއްގެ ތެރޭގައި ބިންހިއްކައި، ޒަމާނީ ފެންވަރަށް ޢިމާރާތްތައް އަޅައި ތަރައްގީކުރާން ފެއްޓި ހުޅުމާލެ ދެވަނަ ފިޔަވަހީގެ މަޝްރޫޢުންވެސް ސާބިތުވެއެވެ. އެހެންކަމުން ގުދުރަތީ ގޮތުން އުފެދިފައިވާ ބިޔަރައްތަކުގެ ތެރޭން ރަށެއް ނުވަތަ ދެރަށެއް ނަމަވެސް، މާލެއާ އެއްފެންވަރަށް ވަސީލަތްތައް ގާއިމުކޮށް، އެފެންވަރަށް ތަރައްގީކޮށްފައި އެތަނުން ބޯހިޔާވަހިކަމަށް ހުޅުވާލައިފިއްޔާ މާލޭގެ މައްސަލަ ހައްލުވާނޭކަން ކަށަވަރެވެ. އެކަން އެންމެ ރަނގަޅަށް އެނގޭނީވެސް މިއުޅޭ ސިޔާސީ ފަރާތްތަކަށް ނޫންދެން ކޮންބަޔަކަށް ހެއްޔެވެ؟

ރަށްރަށުން ބިންހިއްކައިގެން ގޯތިދޫކުރާނަމަ މާލޭންވެސް ގޯތި ދޫކުރާން ޖެހޭނެއެވެ. އެއީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ. އެކަމަކު ބިން ދޭންވާނީ، ގައުމު ބޮޑު ނަސްލީ ތަފާތުކުރުންގަނޑެއްގެ ތެރެއަށް ދާގޮތަކަށް ނޫނެވެ. ފައިސާވެރިކަމާއި މުއްސަނދިކަމާ އާރާ ބާރުއެއީ ވަކިބައެއްގެ އަންބޮނޑިއަށް ލައިގެން ތިބެންޖެހޭ އެއްޗެއް ނޫނެވެ. ރައްޔިތުންގެ ޓެކްސް ފައިސާއިން ކުރާ ޚަރަދު މަދުބައެއްގެ ޖީބަށް އެޅޭގޮތަށް ތާއަބަދު ހުރިހާ ދޮރެއް ހުޅުވާކަށް ނުޖެހޭނެއެވެ. އެހެންކަމުން މާލެ ނޫންގޮތެއް ރާއްޖޭގެ އެހެން ހިސާބަކުން ދައްކައިފި ނަމަ، މާލެއަށް ދިމާވެފައިވާ ބިމުގެ ދަތިކަންވެސް ބޯހިޔާވަހިކަމުގެ މައްސަލަވެސް އެއްފަހަރާ ހައްލުވީއެވެ. އެހެން ނަމަވެސް، އެކަމާ ނޫޅެ އެއިރެއްގައި ވެރިކަމުގައި ތިބޭ ބައެއްގެ މަންފާއަށް ރައްޔިތުންގެ މެދުގައި ފިތުނައެއް އުފެދޭނެ ކަމެއް ކުރުމަކީ ހެޔޮވާވަރު ކަމެއްހެއްޔެވެ؟ ހެޔޮ ނުވިޔަސް އެކަން މިއޮއް ކޮށް ނިންމާލީ ނޫންހެއްޔެވެ.

ބިންވެރިޔާ ސްކީމް ޢިއުލާނުކުރީ، ރާއްޖޭތެރޭ މީހާއާއި މާލޭ މީހާގެ ބިޔަބޮޑު ޒުވާބަކަށް މަގު ކޮށައިދެމުންނެވެ. އަދި "ހަތަރުކަށިމަތި މާލޭ މީހާއަށްވެސް"، އިޖްތިމާޢީ ބޯހިޔާވަހިކަމެއް (މުޅި ޢުމުރުދުވަހު އަގުއަދާކުރާގޮތަށް ނަމަވެސް) ލިބިފައި ވާނަމަ، ގޯއްޗަށް ކުރިމަތި ނުލެވޭ ޝަރުތަކާއެކުއެވެ.  މާލެއަށް ހިޖުރަކޮށް، މުޅި ޢުމުރުދުވަސް މާލޭގައި ހޭދަކޮށް ރައްވެހިކަންވެސް ބަދަލުކޮށްފައި ތިބި އެތަކެއް ހާސް ރައްޔިތުންވެސް ބިންވެރިކަމުން މަހުރޫމުކުރުވައި، އަދި އިތުރު ގޮތެއް ނުދައްކައި ބޭކާރުކޮށްލާ އުސޫލުންނެވެ. އެންމެފަހުން އެ ރައްޔިތުންގެ ނުތަނަވަސް ކަމާއެކު ފެށުނީ ބޮޑު ޒުވާބެކެވެ. ފިތުނައެކެވެ.

ކުރިން ފާހަގަކުރިހެން މާލޭ ރައްޔިތުންނަށްވެސް ގޯތި ލިބެންޖެހޭނެއެވެ. އެކަމަކު ހަގީގީ މައްސަލައަށް ފުރަތަމަ އިސްކަން ދޭންޖެހޭ ނޫންހެއްޔެވެ. މައްސަލައަކީ މާލޭ މީހުންނެއް ނޫނެވެ. އަދި ރާއްޖެތެރޭ މީހުންނެއްވެސް ނޫނެވެ. އަދި މައްސަލައަކީ މާލެއަށް ހިޖުރަކުރި މީހުންނެއްވެސް ނޫނެވެ. މައްސަލައަކީ އެ ހާލަތު އުފެއްދި މީހުންނެވެ. ރައްޔިތުންގެ މެދުގައި މި ފިތުނައަށް މަގުކޮށި މީހުންނެވެ.

މާލޭން މިއަދު އެ ބަހާލާ އެތަކެއް ބިލިއަން ރުފިޔާގެ އަގުހުރި، އެހެނަސް މަދު ބިންތަކަކީ، 70 ހާހެއްހާ ރައްޔިތުންގެ ބޯހިޔާވަހިކަން ކަށަވަރުކުރެވޭނެ ބިމެވެ. އެ ހިސާބު ޖަހާމީހުން އެކަން ކުރަމުންވެސް އެބަދެއެވެ. ބިންހިއްކާން އެތަކެއް ބިލިޔަން ރުފިޔާ ޚަރަދުނުކޮށް، ފަސްގަނޑު ބޮޑު ރަށެއް (މިސާލަކަށް ހައްދުންމަތީ ގަން) ވަސީލަތްތަކާއެކު ތަރައްގީކުރިނަމަ، ހަމަ ޔަގީނުންވެސް މާލޭން ގިނަބަޔަކު އެތަނަކަށް އާބާދު ކުރެވުނީހެވެ. 5 އަހަރުގެ ދައުރެއްގެ ތެރޭގައި، މާލެއަށް ކުރާ ބޮޑު ޚަރަދުތަކާއި ސިޔާސީ ކަންކަމަށް ކުރާ އިސްރާފުތައް ކުޑަކޮށްލުމަށްފަހު، އޭގެ ދެރަށެއް ނަމަވެސް، ތަރައްގީކޮށްލާފައި، ދައްކާލެވުނު ނަމަ ރައްޔިތުން އުފަލުން އެތަނަކަށް ދާނޭކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ. އޭރުން މާލެއަށް ދިމާވެގެން މިއުޅޭ ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެއެވެ. އެކަމަކު އެ ވިސްނުން ނެރޭކަށް އެވެރީން ބޭނުމެއް ނުވިތާއެވެ. ރައްޔިތު މީހާގެ ލޮލުގައި އަދިވެސް އެޅުވޭތޯ ބަލަނީ ފަސާދައިގެ އަނދުނެކެވެ. ރައްޔިތުން މިއަދު އެތިބީ ކަނޑިއާ ކަނޑިވެފައެވެ. މީސްމީޑިއާގައި މި ދެދުވަހެއްގެ ތެރޭގައި ކޮށްފައިވާ ޒުވާބުތަކާއި ދީފައިވާ އިންޒާރުތައް ބަޔަކު ބިރުން ފިތްކަނޑައިގެންދާވަރު ވާނެއެވެ. އެހެނަސް ވެރީންނަށް އެގޮތް ހެޔޮވީތާއެވެ.

ރަށެއް ބިންހިއްކައިގެން ބޮޑުވެސް ކުރެވިދާނެއެވެ. އެކަމަކު އެތަނެއްގައި ވަސީލަތްތަކާއި ރަނގަޅު އާބާދީއެއް ނެތްނަމަ، އެތަނެއް ތަރައްގީއެއް ނުވާނެއެވެ. އަދި އާބާދެއްވެސް ނުވާނެއެވެ. މިހުރިހާ ކަމެއް މިހެން އޮއްވައި، މާލޭގެ އެތަކެއް ހާސް ރައްޔިތުން ބޯހިޔާވަހިކަމަށް ޖެހިފައިވާ ދަނޑިވަޅެއްގައި، ސަރުކާރުން ވަކިބަޔަކަށް ފައިދާވާގޮތަށް ގޯތިދޭން ވީ ވަޢުދު މިއަދު ވަނީ ބޮޑު ފިތުނައަކަށް ވެފައެވެ. އެއްބަޔަކު އަނެއްބަޔަކާ ތަޅާފޮޅާ ހިސާބަށް ބަހުގެ ހަމަލާތައް ޢާންމުވެފައެވެ. ރައްޔިތުން މިކަމާ ފުންކޮށް ވިސްނާން އެބަޖެހެއެވެ. ވެރިޔަކު ހޮވާއިރު، މިފަދަ ހުރިހާ ނާއިންސާފަކަށް ނޫނެކޭ ބުނާނެ ވެރިޔަކު ހޮވާން ޖެހެއެވެ. އިންސާފު އިންސާފަށް ވާނީ ޤާނޫނުއަސީސީގައި އެކަން މާނަކުރާ ފަދައިން، އެންމެނަށް ހަމަހަމަކަމާއެކު އިންސާފު ލިބުމުންނެވެ.