މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ރާއްޖޭގެ އެންމެ މުއްސަނދި އެއް މަހުޖަނު، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމުގެ ރިޔާސީ ކެމްޕޭނުގެ ކަންކަން ކުރިއަށް ގެންދާނީ، އެމަނިކުފާނުގެ ދިރިއުޅުމުގަ ކަންކަން މިހާތަނަށް ކުރިޔަށް ގެންދެވި ގޮތަށްކަމަށް، ރައީސް އިބްރާހީމްގެ ސަރުކާރުގެ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަދި ގާސިމްގެ އިންތިޚާބީ އޭޖެންޓް ޢަލީ ވަޙީދު ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހީމުގެ ސަރުކާރުން ޖިންސީ އަނިޔާގެ ތުހުމަތުކޮށް، ދައުވާ އުފުލައި، ވަޒީރުކަމުން ދުރުކުރުމުން އިނގިރޭސިވިލާތުގައި އުޅުއްވުމަށްފަހު، ހަމަ މިސަރުކާރުން އެދައުވާތައް ފައިލްކުރުމުން ދާދި ފަހުން ރާއްޖެވަޑައިގެންނެވި ކުރީގެ ޖޭޕީގެ ރައީސް އަދި މިހާރު ގާސިމްގެ ސިޔާސީ މުޝީރުކަންވެސް ކުރައްވާ އަލީ ވިދާޅުވީ، " މިފަހަރު މި ކެމްޕޭނަކުން ބޭނުމެއް ނޫން އެންމެ ގިނަ ދިދަ ދަނޑި ދަމާކަށް. އެންމެ ގިނަ ފޮތި ދަމާކަށް. ކުރަން މިއުޅޭ ކަމަކީ، މީހާއަށް، ރައްޔިތުންނަށް، ނިޒާމަށް ބަދަލެއް ގެނައުން" ކަމަށެވެ.

ފުޓްބޯޅަ ކޯޗިންގެ ދާއިރާއިންވެސް ފާހަގަކޮށްލެވޭ އަލީ ވިދާޅުވީ، " ކުލަގަދަކޮށްގެން އެއްބަޔަކު އަނެއްބަޔަކު ޒުވާބު ހިންގައިގެން މިގައުމަށް ލިބޭނެ ކުރިއެރުމެއް ނެތްކަން ފާއިތުވި 15 އަހަރު ދުވަހުގެ މަލްޓި ޕާޓީ ޕޮލިޓިކްސްއިން އެނގިއްޖެ" ކަމަށެވެ.

އެހެންކަމުން، މިފަހަރު މި އިންތިހާބުގައި "އެމަނިކުފާނުގެ މުޅި އިންތިޚާބީ ކަންކަން ކުރިޔަށްގެންދަވާނީ ދިރިއުޅުމުގަ ކަންކަން މިހާތަނަށް ކުރިޔަށް ގެންދެވި ގޮތަށް،" ކަމަށް އޭނާ ވިދާޅުވިއެވެ.

" އެއީ ދުވަހަކުވެސް މީހަކަށް އަނިޔާއެއް ދީ ނުވަތަ ދުވަހަކުވެސް މީހަކަށް ދަޖަލުކޮށް އެގޮތަކަށް އެއްވެސް މައިދާނެއްގައި އުޅުއްވި ބޭފުޅެއް ނޫން" ކަމަށާއި އަދި "އަބަދުވެސް ބެއްލެވީ ދިވެހި ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދެވޭތޯ." ކަމަށް އޭނާ ވިދާޅުވިއެވެ.