ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބުކުރެވިއްޖެ ނަމަ، ދިވެހި މަސްވެރިންނަށް ޕެންޝަން ސްކީމްގައި ބައިވެރިވެވޭނެ ގޮތް ހަދައިދިނުމއި މަސްވެރީންނަށް ކްރެޑިޓް ފެސިލިޓީތައް ހަމަޖައްސައިދޭނޭކަމަށް ދަ ޑިމޮކްރެޓްސްއިން ވައުދުވެއްޖެއެވެ.

"ފަރުދީ ތަނަވަސްކަން - ޢަބުރުވެރި ޙަޔާތެއް"ގެ ޝިއާރާއެކު ޑިމޮކްރެޓްސްގެ މެނިފެސްޓޯ އިއުލާނު ކުރަން އަންގާރު ދުވަހުގެ ރޭ ސަލްޓަން ޕާކުގައި ބޭއްވި ޖަލްސާގައި ދައްކާލި ޕްރެޒެންޓޭޝަނުގައި މަސްވެރިކަމުގެ ދާއިރާއިން އެ ޕާޓީން ގެންގުޅޭނެ ބައެއް ސިޔާސަތުތައް ހާމަކޮށްފައިވެ އެވެ.

އޭގެ ތެރޭގައި މަސްވެރިންނަށް މާލީ ގޮތުން އެހީވުމަށް، މަސްވެރިންނަށް މާލީ އިދާރާތަކުން ކްރެޑިޓް ފެސިލިޓީ ލިބޭނެ ގޮތް ހަމަޖައްސައިދިނުން ވެސް ހިމެނެއެވެ. އަދި މަސްވެރިންނަށް ޕެންޝަން ސްކީމްގައި ބައިވެރިވެވޭނެ ގޮތް ހަމަޖައްސައިދިނުން ވެސް ހިމެނެއެވެ. 

ޑިމޮކްރެޓުންގެ މަސްވެރިކަމުގެ ވައުދުތައް:

  • މަހުގެ އަގު 25ރ.އަށް ހަމަޖެއްސުން
  • ސަރުކާރު ކުންފުނިތަކުގެ ދައުރު ކުޑަކޮށް ޕްރައިވެޓް ސެކްޓާއަށް ފުރުސަތު ބޮޑުކޮށްދޭނެ
  • އިންޓަނޭޝަނަލް މާކެޓުގައި ރާއްޖެއިން ބާނާ މަސް މާކެޓު ކުރުން
  • އެކުއަކަލްޗާ އަދި މެރިކަލްޗާ ބޮޑު އިންޑަސްޓްރީއަަކަށް ހެދުން
  • މިފްކޯއިން ގަންނަ މަސް ކައްކާ ޕްރޮސެސް ކުރާ ފަރާތްތަކަށް ވިއްކާނެ އަގެއް ކަނޑައެޅުން
  • ރަށްރަށުގައި މަސްފެކްޓްރީ ގާއިމް ކުރުން
  • މާލީ އިދާރާތަކުން މަސްވެރިންނަށް ކްރެޑިޓް ފެސިލިޓީ ލިބޭނެ ގޮތް ހަމަޖެއްސުން

މީގެ ކުރީން ވެސް ރިޔާސީ އިންތިޚާބުތަކާ ދިމާކޮށް ސިޔާސީ ފަރާތްތަކުން މަސްވެރިންނަށް އެކި ވައުދުތައް ވެފައި، އެ ވައުދުތައް ނުފުއްދުމުގެ ކަންބޮޑުވުން އެބައޮތެވެ.

އެގޮތުން، މަސް ބެޔަސް ނުބެޔަސް މަސްވެރިންނަށް 10،000ރ. ކޮންމެ މަހަކު ލިބޭނެ ގޮތް ހަދައިދޭނެ ކަމަށް 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވައުދުވެވަޑައިގެންނެވި އެވެ.

އެކަމަކު އެ ވައުދު ނުފުއްދުމުން މިއަދާ ހަމައަށް ވެސް އެކަމާ ގުޅުވައި އެމަނިކުފާނަށް ފާޑުކިޔުން އަމާޒުވެއެވެ.

ޑިމޮކްރެޓްސްގެ ދަނޑުވެރިކަމުގެ ދާއިރާގެ ބައެއް ވައުދުތައް:

  • ކްލައިމެޓް ސްމާޓް ދަނޑުވެރިކަން
  • ދަނޑުވެރި ބިމުގެ ކުލި ކުޑަކޮށް އެކަށީގެންވާ މުއްދަތަކަށް ބިން ދޫކުރުން
  • ދަނޑުވެރިކަމަށް ބޭނުންވާ ވަސީލަތްތަކާ މާލީ އެހީ ފޯރުކޮށްދިނުން
  • ދަނޑުވެރި އުފެއްދުންތައް އޮކްޝަންގައި ވިއްކޭ ގޮތް ހަދައި ޕްރޮސެސްކޮށް ޕެކޭޖު ކުރަން އެހީވުން

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރައްވަނީ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު (އިއްލި)އާއި ރަނިންގމޭޓް ޙުސައިން ޢަމްރޫ މުޙައްމަދު ރަޝާދެވެ.