ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ދެތިން ހަފްތާއަށް ވެފައި ވަނިކޮށް، ވަކިބަޔަކަށް މަންފާވާގޮތަށް ހިލޭ ބިންތަކެއް ބަހާލުމާކީ އިންތިޚާބީ ރިޝްވަތެއްގެ ގޮތުގައި، ކުރީގެ ޚާރިޖީ ވަޒީރު، އަދި އެމްއެންޕީގެ ވައިސް ޕްރެޒިޑެންޓް ދުންޔާ މައުމޫނު ވިދާޅުވެއްޖެވެ.

މާލެ ސަރަހައްދަށް ބޯހިޔާ ވަހިކަމުގެ ދަތިކަން އިންތިހާއަށް ފޯރާފައިވާ ދަނޑިވަޅެއްގައި، ރާއްޖޭގެ އެންމެ އަގުބޮޑު ބިންތައް ހިލޭބަހާލާތީ އެތަކެއް ހާސް ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކޮށް، ސަރުކާރަށް ފާޑުކިޔަމުންނެވެ. ނަމަވެސް މިއިން އެއްވެސް ކަމަކަށް ރިޢާޔަތް ނުކޮށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުން ވަނީ، އެ މަޝްރޫޢު ކުރިއަށް ގެންދާނޭ ކަމަށް ބުނެ އޭގެ އަމަލީ މަސައްކަތްވެސް ފަށައިފައެވެ.

ދުންޔާ ވިދާޅުވީ، " ގެދޮރުގެ ދަތިކަމަކީ ރާއްޖޭގެ ހުރިހާ ރައްޔިތުން ތަހައްމަލު ކުރަމުން ގެންދާ ވޭނެއް. އެކަމަކު ވޯޓުލާން ދެތިން ހަފުތާއަށްވީމާ ވޯޓުލާ މީހުންނަށް ހިލޭ ބިންބަހާލުމަކީ ދެވޭ ރިޝްވަތެއް." ކަމަށެވެ. އަދި " އެއީ ވަންހަނާ ކުރެވޭނެ ކަމެއް ނޫން" ކަމަށާއި ނަމަވެސް، އިންތިޚާބީ ރިޝްވަތާއި އެނޫންވެސް ކޮރަޕްޝަންގެ އަމަލުތައް ބަލައި ފިޔަވަޅު އަޅާން އޮތް އޭސީސީއަށް އެތަން ފެންނަކަމަކަށްވެސް ނުވާކަމަށް ދުންޔާ ވިދާޅުވިއެވެ.

ރައީސް އިބްރާހީމްގެ ސަރުކާރުން ބިންވެރިޔާ ސްކީމުގެ ނަމުގައި މާލެ ސަރަހައްދުން ހިލޭ ބަހައިލާ އަގުބޮޑު ބިންތައް ލިބޭ ފަރާތްތަކުގެ ގުރުއަތުނެގުން ފެށީ އަންގާރަ ދުވަހުގެ މެންދުރު 12:00 ކަންހާއިރު ގަލޮޅު ދަނޑުގައެވެ. ފުރަތަމަ ދެދުވަހު ގަލޮޅު ދަނޑުގައި ގުރުނެގުން ކުރިއަށް ގެންދިޔަ ނަމަވެސް، އޭގެ ފަހުން ގުރުނެގުން އޮންނާނީ ހެންވޭރު ދަނޑުގައި ކަމަށް ޕްލޭނިންގ މިނިސްޓްރީން ބުނެއެވެ.

މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ހުޅުވާލި ބިންވެރިޔާ ސްކޭމަށް ކުރިމަތިލީ 23،000އަށް ވުރެ ގިނަ ފަރާތްތަކުގެ ތެރޭން ޝަރުތު ހަމަވާ ދާއިމީ ލިސްޓުގައި ހިމެނެނީ 19639އެވެ. މީގެ ތެރޭން 18955 ފަރާތަކަށް އިބްރާހީމުގެ މި އަދުރުގައި ބިން ހިލޭދޭނޭ ކަމަށް ވެއެވެ. މި ބިންތަކުގެ އަގު ގާތްގަނޑަކަށް 15ވަރަކަށް ބިލިއަން ރުފިޔާއާ ގާތްކުރާނެކަމަށް ވެއެވެ.