އެތަކެއް ހާސް ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތަކަށް އަޅައިލުމެއް ނެތި، ކުރިއަށް އޮތް ރިޔާސީ އިންތިޚާބާ ދިމާކޮށް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން މާލެ ސަރަޙައްދުން ހިލޭބަހާލާ އަގުބޮޑު ބިންތަކުގެ ގުރުނެގުން ފަށައިގެން ކުރިއަށް އެބަދެއެވެ.

މާލެ ސަރަހައްދަށް ކުރިމަތިވެފައިވާ ބޯހިޔާވަކަމުގެ މައްސަލައަށް ހަގީގީ ހައްލެއް ހޯދުމުގެ ބަދަލުގައި، ވަކިބަޔަކަށް ކުރިމަތި ނުލެވޭގޮތަށް ރައީސް އިބްރާހީމުގެ ސަރުކާރުން ކުރިއަށް ގެންދާ ބިންވެރިޔާ ސްކީމަކީ، އިންތިޚާބަށް ނުފޫޒު ފޯރުވުމަށާއި، އަދި ވަކިބަޔަކަށް ގޯތި ލިބޭގޮތަށް މަގުފަހިކޮށް ވަރަށް ބޭއިންސާފުން ކުރިއަށް ގެންދާ، އެތަކެއް ބިލިއަން ރުފިޔާގެ އަގުބޮޑު އިޢާދަ ނުކުރެވޭނޭ ޖަރީމާއެއްގެ ގޮތުގައި ރައްޔިތުން ދަނީ ސިފަކުރަމުންނެވެ.

ބިންވެރިޔާ ސްކީމުގެ ނަމުގައި މާލެ ސަރަހައްދުން ބަހައިލާން ހަމަޖެހިފައިވާ އަގުބޮޑު ބިންތައް ހިލޭލިބޭ ފަރާތްތަކުގެ ގުރުއަތުނެގުން ފެށީ އަންގާރަ ދުވަހުގެ މެންދުރު 12:00 ކަންހާއިރު ގަލޮޅު ދަނޑުގައެވެ. ފުރަތަމަ ދެދުވަހު ގަލޮޅު ދަނޑުގައި ގުރުނެގުން ކުރިއަށް ގެންދިޔަ ނަމަވެސް، އޭގެ ފަހުން ގުރުނެގުން އޮންނާނީ ހެންވޭރު ދަނޑުގައި ކަމަށް ޕްލޭނިންގ މިނިސްޓްރީން ބުނެއެވެ.

މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ހުޅުވާލި ބިންވެރިޔާ ސްކީމަށް ކުރިމަތިލީ 23،000އަށް ވިރެ ގިނަ ފަރާތްތަކުގެ ތެރޭން ޝަރުތު ހަމަވާ ދާއިމީ ލިސްޓުގައި ހިމެނެނީ 19639އެވެ. މީގެ ތެރޭން 18955 ފަރާތަކަށް އިބްރާހީމުގެ މި އަދުރުގައި ބިން ހިލޭދޭނޭ ކަމަށް ވެއެވެ.

ގުރުއަތު ނެގުމުގެ މަސައްކަތް 10 ވަރަކަށް ދުވަހުގެ ތެރޭގައި ނިންމާލާނޭ ކަމަށް ހައުސިންގ މިނިސްޓްރީގެ  ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވަނީ ވިދާޅުވެފައެވެ. އަދި ފޯމު ހުށަހެޅި ތަރުތީބުން ކުރިއަށް ގެންދާ ގުރުއަތުލުމާއެކު އެފަރާތްތަކަށް ވަގުތުން ރެޖިސްޓްރީވެސް ހަވާލުކުރާނޭ ކަމަށް އޭނާ ވިދާޅުވިއެވެ.