ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބު (އިއްލި)އާއި ރަނިންގމޭޓް ޙުސައިން ޢަމްރޫ މުޙައްމަދު ރަޝާދުގެ ފަރާތުން ހުށަހަޅާ ރިޔާސީ މެނިފެސްޓޯ އަންގާރަ ދުވަހުގެ ރޭ (މާދަމާ ރޭ) ލޯންޗުކުރުމަށް ތައްޔާރުވެއްޖެއެވެ.

ޑިމޮކްރެޓްސްގެ ފަރާތުން އިއްލިގެ މެނިފެސްޓޯ ލޯންޗުކުރުމަށް ބާއްވާ ޚާއްސަ ބައްދަލުވުން އޮންނާނީ، އޯގަސްޓް 15 ވާ އަންގާރަ ދުވަހުގެ ރޭ 8:15ގައި ސަލްޓަންޕާކުގައެވެ.

މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާ ޕާޓީ ތަކުގެ ތެރޭން އެންމެ ހަގު ސިޔާސީ ޕާޓީ އަދި އެންމެ ހަގު ރިޔާސީ ކެންޑިޑޭޓްގެ ފަރާތުން މިހާރުވެސް ދަނީ ރާއްޖޭގެ އެކި ކަންކޮޅުގައި ވަރުގަދަ ކެމްޕޭޏް ހަރަކާތްތަކެއް ކުރިއަށް ގެންދަމުންނެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ އެމްޑީޕީ ކޯލިޝަން ސަރުކާރާ މެދު ހިތްހަމަ ނުޖެހިގެން، އެ ޕާޓީ ދެބައިވެ އުފެދު އާ ސިޔާސީ ޕާޓީން ދަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ބައެއްގެ ތާޢީދު ހޯދަމުންނެވެ.

އެމްޑީޕީން ވަކިވެވަޑައިގަތުމަށް ފަހު، އެ ޕާޓީގެ ކުރީގެ ލީޑަރު، އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެފައިވަނީ، ރައީސް އިބްރާހީމާއެކު އެމްޑީޕީގައި ތިބޭނީ މަދު ބައެއް ކަމަށާއި، ކުރިއަށް އޮތްތާނގައި އެމްޑީޕީ ރޫޅައިލައްވާނޭ ކަމަށެވެ.

ދަ ޑިމޮކްރެޓްސްގެ މެނިފެސްޓޯ ލޯންޗިންގ ރަސްމިއްޔާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްޔަކުން ސަލްޓަން ޕާކަށް އައުމަށް އެޕާޓީން ދައުވަތުދެއެވެ.