މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި އެ ޕާޓީގެ ފުރަތަމަ ރައީސް އިބްރާހީމް އިސްމާޢީލް (މަންދު އިބުރާ) ބުރަ ހިތަކާއިގެން އެ ޕާޓީން މިއަދު ވަކިވެވަޑައިގެންފިއެވެ.

ސަރުކާރަށާއި ޝަރުޢީ ދާއިރާއަށްވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އެމްޑީޕީގެ މިހާރުގެ ޗެއަރ ޕާރސަން އަދި އިބްރާގެ ކޮއްކޮ ފައްޔާޒު އިސްމާޢީލަށް އެޑްރެސްކޮށް އިބްރާ ފޮނުއްވި ސިޓީގައި ވަނީ، ތަފާތު އެކި ސަބަބުތަކާހުރެ "މި ސިޓީ އަޅުގަނޑު ލިޔާން މިފަށަނީ ބުރަ ހިތަކައިގެން" ކަމަށެވެ.

އޭނާ ވިދާޅުވީ، އެމްޑީޕީ އުފެއްދުމަށް އެންމެ ފުރަތަމަ ސޮއިކުރި 42 މެންބަރުންގެ ތެރޭގައި އޭނާ ހިމެނުނީ މުޙިއްމު މަގްސަދުތަކެއް އެޕާޓީން ހާސިލްކުރުމަށް ކަމަށާއި ނަމަވެސް ވޭތުވެދިޔަ 5 އަހަރު ތެރޭ އެ ހުރިހާކަމެއް މިހާރު ގޯހުން ގޯހަށް ގޮސްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، 2018 ވަނަ އަހަރު ރާއްޖޭގެ ވެރިކަން ރައްޔިތުން އެމްޑީޕީއާ ހަވާލުކުރީ ފޮނި އުންމީދު ތަކަކާއިގެން ކަމަށެވެ.

"އަދުލު އިންސާފަށް ހުރި ހުރަސްތައް ނައްތާލައި، ރައްޔިތުންގެ ހައްގުތައް ރައްކައުތެރިކޮށްދޭނޭ ސަރުކާރެއް ގެނައިމުގެ ބޭނުމުގައި،" އިބްރާ ވިދާޅުވިއެވެ.

ވެރިކަން ހަވާލުކުރުމަށްފަހު، ހެޔޮބަދަލަށް މަގުފަހުކުރުމަށް ގާނޫނުހަދާ މަޖިލީހުގެ 75 އިންސައްތައަށް ވުރެމަތީން މަޖިލީސްވެސް ރައްޔިތުން އެމްޑީޕީއާ ހަވާލުކުރި ކަމަށާއި ނަމަވެސް، ފާއިތުވެ ދިޔަ 5 އަހަރު ފެނިގެން ދިޔައީ ކަންކަން އިހުނަށްވުރެވެސް ގޯސްވެގެންދިޔުން ކަމަށާއި ސިވިލްކޯޓު ބަންޑާރަނައިބު އޮފީހުގެ ސެކްޝަނަކަށް ހަދައި، ހައިކޯޓު ރައީސް އޮފީހުގެ ދަށަށް ގެނެސް، މުޅި ޝަރުޢީ ނިޒާމު ގަޑުބަޑުކޮށް ރައްޔިތުންގެ ހައްގުތައް ތާށިކޮށް ޖެއްސުންކުރަމުންދާކަމަށް އިބްރާގެ ވަކިވުމުގެ ސިޓީގައި ތުހުމަތުކޮށްފައިވެއެވެ.

މީގެ އިތުރުން މަންދު ކޮލެޖު ހިންގާން ލިބުނު އިމާރާތް ކުރީގެ ސަރުކާރުން އަތުލުމާ ގުޅިގެން ގެއްލުމުގެ ބަދަލުގެ ގޮތުގައި އިބްރާއަށް ލިބެންޖެހޭ ހައްގުތަށްވެސް ދަށުކޯޓުތަކުން އިބްރާއާ އެއްކޮޅަށް ނިންމާފައި ވަނިކޮށް، ޕާޓީއާއި ސިޔާސީ މަސްލަހަތަށްޓަކައި އެ ހަގުތައްވެސް ނިގުޅައިގަނެ، މަތީކޯޓުގައި އިސްތިއުނާފުކުރުމަށްވެސް ދައުލަތުން ހުރަސްއަޅައި ރައްޔިތުންނަށް ކޯޓުތަކުން ލިބޭންޖެހޭ އިންސާފާއި ހަމަހަމަކަން މުޅިން ގެއްލުވާލާފައިވާކަން އޭނާ އެމްޑީޕީން ވަކިވާން ލިޔުނު 2 ޞަފްޙާގެ ދިގު ސިޓީގައި ފާހަގަކޮށްފައިވެއެވެ.

އިބްރާ ވިދާޅުވީ، އެމްޑީޕީގެ އަނިޔާވެރި ސަރުކާރުން މިހާރު މުޅިގައުމު ދަރުވާލައިފި ކަމަށާއި، "ދައުލަތުގެ ދަރަނި ބޮޑުވެ، އަޅުގަނޑުމެންގެ މުނިކާފަ ދަރީންނަށްވެސް އަދާ ނުކުރެ މިންވަރުވެއްޖެ" ކަމަށެވެ. އެހެންކަމުން ބަސްނުވިކޭ، އަގުވަޒަން ނުކުރެވޭ ތަނެއްގައި އަނިޔާވެރިކަމަށް ނަސްރުދޭން ހުރުމަށް ޟަމީރަށް އުނދަގޫވާތީ ޕާޓީން ވަކިވެވަޑައިގަތީ ކަމަށެވެ.