ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުން ކުރީގެ ރައީސް އަދި އިދިކޮޅު އިއްތިހާދުގެ ލީޑަރު ޢަބްދުﷲ ޔާމީން ގެއަށް ބަދަލު ނުކުރާނެ ކަމަށާއި، އެމަނިކުފާނު މިނިވަންކުރާން ކުރަން އޮތްކަމަކީ އިހްތިޖާޖުކުރުން ކަމަށް ޔާމީންގެ ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލު އަޙްމަދު ވިދާޅުވެއްޖެއެވެ.
އާދީއްތަ ދުވަހު ބައެއް މީޑިއާތަކުން، ރައީސް ޔާމީނު ގެއަށް ބަދަލުކުރުމަށް ހޯމް މިނިސްޓްރީން މޯލްޑިވްސް ކަރެކްޝަންސް ސަރވިސްއަށް އެންގެ ކަމަށް ބުނެ، ރިޕޯޓުކޮށްފައި ވެއެވެ.
11 އަހަރުގެ ޖަލުހުކުމާއި ދައުލަތަށް ދައްކާން ޖެހޭ 5 މިލިއަން ރުފިޔާގެ ޖޫރިމަނާއާ ގުޅިގެން ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ގެއްލިފައިވާ، ރައީސް ޔާމީނުގެ މިފަހަރުގެ ވެސް ރަނިންގމޭޓް ޑރ. ޖަމީލް ވިދާޅުވީ، "މިއަނިޔާވެރި ސަރުކާރުން ރ. ޔާމީނުގެއަށް ބަދަލުކުރުމަށް އަދި އެއްވެސް މަސައްކަތެއް ނުވަތަ އެފަދަ ވިސްނުމެއް ނުގެންގުޅޭ" ކަމަށެވެ.
"ޕީޕީއެމްގެ ބަދަހި ސަފުގެ ފަހުލަވާނުން ހުއްޓުމެއް ނެތި އިޙްތިޖާޖް ވަރުގަދަ ކޮށް ރ. ޔާމީނަށް ދެމުންގެންދާ ލާއިންސާނީ އަދަބާ، އަނިޔާއާ ދެކޮޅަށް އާ ހިތްވަރެއް ނެރުމަށް އިލްތިމާސްކުރަން. ޙައްލަކީ އިޙްތިޖާޖް. އިޙްތިޖާޖު!" ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ރައީސް ޔާމީނުގެ ފަރާތުން ކެންޑިޑެސީ ކަށަވަރުކުރާން ސުޕްރީމް ކޯޓަށް ވެއްދި މައްސަލަ ސުޕްރީމް ކޯޓުން އެމަނިކުފާނާ ދެކޮޅަށް ނިންމި އިރު، އެމަނިކުފާނުގެ ފަރާތުން ވަނީ، ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރަކަށްވެސް އެދިފައެވެ. ނަމަވެސް، ކޯޓުގެ ފަނޑިޔާރުންގެ ޗުއްޓީއާ ހެދި ކުރިއަށް ނުގޮސް އޮންނަތާ އެތައް ދުވަހެއް ފަހުން، ޔާމީނަށް މިފަހަރުގެ އިންތިޚާބުގައި ވާދަ ނުކުރެވޭނޭކަން ކަށަވަރުވީ މިހާރު ވަނީ މައްސަލަ ކުރިއަށް ގެންގޮސް، ޖޫރިމަނާ ދެއްކުން ފަސްކޮށްދީފައެވެ.
ޖޫރިމަނާގެ އަދަބު ފަސްކުރި ނަމަވެސް، ޔާމީން އެދިވަޑައިގެންފައިވާ ގޮތަށް އިސްތިއުނާފު ނިމެންދެން ގެއަށް ބަދަލުކޮށެއް ހައިކޯޓަކުން ނުދިނެވެ.