ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޚަރަކާތްތެރި ވާނޭ އިލެކްޝަން އޮފިޝަލުން ބޭނުންވާވަރާ ގާތަށްވެސް އަދި ނުލިބޭ ކަމަށާއި، މޮނިޓަރުންނާއި އޮބްޒާވަރުންނަށް ވުމަށްދީފައިވާ މުއްދަތު ހޯމަ ދުވަހުގެ 15:00އަށް އިތުރުކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އީސީގެ ނައިބު ރައީސް އިސްމާޢީލް ހަބީބު ވިދާޅުވީ، ރިޔާސީ އިންތިހާބަށް ވަރަށް ބޮޑު އޮޕަރޭޝަނެއް ހިނގާއިރު ހަގީގަތުގައިވެސް އޮފިޝަލުންނަކީ ވަރަށް މުހިއްމު ބައެއްކަމަށާއި، އޮފިޝަލުން ލިބުމުގައި ބައެއް ރަށްރަށުން އަދިވެސް ދަތިތަކެއް އެބަހުރިކަމަށެވެ.

"މިހާރުވެސް ފުރުސަތު ހުޅުވާލާފަ ވަނީ، ހާއްސަ ގޮތެއްގައި ރިސޯޓުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ބޭނުންވޭ" ހަބީބް ވިދާޅުވިއެވެ.

މީގެ އިތުރުން،އިންތިހާބުގެ އޮބްޒާވަރުންނާއި މޮނީޓަރުންނަށް ވުމަށް އެދި ހުށަހެޅުމުގެ މުއްދަތު އަންގާރަ ދުވަހުގެ ހަވީރު 15:00 އާ ހަމަޔަށް އިތުރުކޮށްފައިވާ ކަމަށާއި އެ މުއްދަތު ދެން އިތުރު ކުރުމުގެ ވިސްނުމެއް ނެތްކަމަށް އޭނާ ވިދާޅުވިއެވެ.

ބައިނަލްއަގުވާމީ އޮބްޒާވަރުންގެ އަދަދު އިލެކްޝަނުން އުއްމީދުކުރި ވަރަށްވުރެ އިތުރު ކަމަށާއި، އެގޮތުން 150 އަށްވުރެ ގިނަ އިންޓަނޭޝަނަލް އޮބްޒާވަރުން ހަރަކާތްތެރިވާނެ ކަމަށް ބެލެވޭކަމަށް ހަބީބު ވިދާޅުވިއެވެ. އަދި ރާއްޖޭގެ އޮބްޒާވަރުންނާއި މޮނީޓަރުންގެ ގޮތުގައި ގާތްގަނޑަކަށް 5،000 ފަރާތްތަކުން ހަރަކާތްތެރިވާނެ ކަމަށް ކަމަށްވެސް އިލެކްޝަނުން ލަފާކުރެއެވެ.