ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ކުޑަތަންވެރިފައިވާ މި ދަނޑިވަޅުގައި، ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުން މާލޭ ރައްޔިތުންގެ ތާޢީދު ހޯދުމަށް މާލެ ސަރަހައްދުން ވަކިބަޔަކަށް ޚާއްސަކޮށްގެން ހިލޭ ބަހަން ނިންމާފައިވާ އެތަކެއް ބިލިޔަން ރުފިޔާގެ އަގުހުރި ބިންތައް ބަހާލުން އަންގާރަ ދުވަހަށް ތާވަލުކޮށްފިއެވެ. އަދި ގޯތި ލިބޭނޭ ކަމަށް ބުނާ ފަރާތްތަކުގެ ދާއިމީ ލިސްޓު މިރޭ އާންމުކުރާނެއެވެ.

ބިންވެރިޔާ ސްކީމްގެ ނަމުގައި ވަކިބަޔަކަށް މަންފާކުރާގޮތަށް ހިލޭ ބަހާލާ އަގުބޮޑު ބިންތަކަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ މާލޭގެ ރައްޔިތުންނަށްވެސް ހަނިކޮށްލާފައެވެ. އެގޮތުން ސަރުކާރުގެ ހައުސިންގ މަޝްރޫޢެއްގެ ދަށުން ބޮޑުއަގުގައި ނަމަވެސް ފްލެޓެއް ލިބިފައިވާ ފަރާތަކަށްވެސް މި ސްކީމަށް ކުރިމައްޗެއް ނުލެވެއެވެ. އަދި މުޅި ޢުމުރު މާލޭގައި ހޭދަކޮށް، އެހެންތަނަކުން ވެސް ބިންލިބޭނޭ ފުރުސަތެއް ނެތް، "މާލޭގެ ދަފްތަރަށް" ނިސްބަތްވާ  މީހުންނަށްވެސް ވަނީ، ރައީސް އިބްރާހީމްގެ ސަރުކާރުން ހިންގާ މި ނަސްލީ ތަފާތުކުރުން ބޮޑު ސްކީމުން ފުރުސަތު ގެއްލުވާލައިފައެވެ.

ރާއްޖޭގެ އެންމެ އަގުބޮޑު ފަސްގަނޑުން ސަރުކާރުން މިހިންގާ ޚާއްސަ ބިންބަހާލުމުގެ މަޝްރޫޢުގެ ދަށުން، ބިން ދޫކުރުމަށް ހަމަޖެހިފައިވަނީ، ހުޅުމާލޭން 1351 ގޯތި، ގުޅިފަޅުން 2218 ގޯތި އަދި ގިރާވަރުން 5432 ގޯތި ކަމަށްޕްލޭނިންގ މިނިސްޓްރީން ބުނެއެވެ.

މުޅި ދިވެހި ދައުލަތް އެތައް ސަތޭކަ ބިލިއަން ރުއިޔާއިން ދަރުވާލައިގެން ތަރައްގީކޮށްފައިވާ މާލޭ ސަރަހައްދުން، އެތަކެއް ހާސް ރައްޔިތުންނަށް ބޯހިޔާވަހިކަން ދެވެން އޮތް ފުރުސަތު ގެއްލުވާލަމުން، ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ގޯތި ދޫކުރަނީ އިންވަކިކޮށް، ރަޖިސްޓްރީއާއެކު ކަމަށެވެ. އެހެންކަމުން ދެން އަންނަ ސަރުކާރަކަށްވެސް މި ނިންމުން ބަދަލުކުރުމުގެ ފުރުސަތު ނުލިބޭގޮތް ކަށަވަރު ކޮށްދޭ ކަމަށެވެ.

ސަރުކާރުން ހިންގާ ބިންބަހާލުމުގެ ބިޔަ ބޮޑު ޖަރީމާއަށް ފާޑުކިޔާ ފަރާތްތަކުން ފާޑުކިޔަކިޔާ ތިއްބާ، ވަކިބަޔަކަށް މަންފާކުރާގޮތަށް ބިންތައް ބަހާލުމުން އޭގެ ދާއިމީ ބޮޑު ގެއްލުމެއް ދައުލަތަށް ލިބޭއިރު، މާލޭގައި ބޯހިޔާވެހިކަމަށް ހަގީގަތުގައި ބޭނުންވެފައިވާ އެތަކެއް ހާސް ރައްޔިތުންގެ އެ ހައްގުތައް ގެއްލިގެން ދާކަމަށް ބުނެ، ރައްޔިތުން ދަނީ ކެނޑިނޭޅި އަޑުއުފުލަމުންނެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް އެދި 23،088 މީހުން ހުށަހަޅަފައި ވާއިރު،  އެއީ ޖުމުލަ 15،164 އެޕްލިކޭޝަނެވެ. އެގޮތުން ވަކިވަކިން އަދި ގުޅިގެން ފޯމު ހުށަހެޅި މީހުންގެ ތެރޭން 10،314 މީހުން ޝަރުތު ހަމަވާކަމަށް ވީ ނަމަވެސް އަދި މިހާތަނަށް ގޯތި ދޫކުރާން ނިންމާފައި ވަނީ، 5000 ގޯއްޗެވެ. އެއީ ހުޅުމާލޭން 1،000 ގޯތި، ގުޅީފަޅުން 2،000 ގޯތި، އަދި ގިރާވަރު ފަޅު ހިއްކައިގެން އެތަނުން 2,000 ގޯއްޗެވެ. އެހެންކަމުން ހުޅުމާލޭންނާއި ގުޅިފަޅުން ދޫކުރާ ގޯތި ފިޔަވައި މިފަހަރު ގޯތި ލިބޭމީހުންގެ ތެރޭންވެސް ކޮންމެވެސް ބަޔަކަށް ގޯތި ލިބޭނީ ކަނޑުގެ އަޑިންނާއި އަދި ހިއްކާމް ފަށާފައިވާ، އާބާދުވާނޭ ދުވަހެއްވެސް ނޭނގޭ ތަންތަނުނެވެ.