ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސަޢީދަކީ ސޯޝަލް މީޑިއާގައި މިފަހަކަށް އައިސް އެންމެ ގަދައަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހަށާއި އެމަނިކުފާނުގެ ސަރުކާރަށް "ބެވި" އެއް ބޭފުޅަކަށް ވާނައެވެ. ދިޔާނާއަކީ އެމްޑީޕީ ލޭހިނގާ އެމްޑީޕީ މެންބަރެކެވެ. ނަމަވެސް ދިޔާނާގެ ބަސްމަގާއި އަމަލުފުޅުތައް ހުންނަގޮތުން، އެކަމަނާގެ ފިކުރަކީ ރައީސް ނަޝީދުގެ ފިކުރުކަމަށް ގިނަބަޔަކު ދިޔައީ ދެކެމުންނެވެ.

ދާދި އިހަކަށް ދުވަހާ ޖެހެންދެންވެސް ދިޔާނާ ގެންދެވީ މި ސަރުކާރަށާއި ރައީސް އިބްރާހީމަށް ހިފެހެއްޓުމެއް ނެތި ފާޑުވިދާޅުވަމުންނެވެ. އިންސާފު ހޯއްދަވައިދެއްވާން ވަޑައިގެން ސަރުކާރުން އިންސާފު ހޯދައި ނުދެވުނު ވާހަކައެވެ. ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވާ ވާހަކައާއި، ކޮރަޕްޝަން އިންތިހާއަށް ދިޔަ ވާހަކައެވެ. ރާއްޖެތެރޭ މީހުންނާއި މާލޭ މީހުން އިންތިހާއަށް ތަފާތުކުރާ ވާހަކައެވެ. ރައީސް އިބްރާހީމު ސަރުކާރުން ހިންގާ ބިންވެރިކުރުމާއި ގެދޮރުވެރި ކުރުމުގެ ޕޮލިސީއަކީ ގާނޫނުއަސާސީއާ ޤާނޫނާ ސީދާ ޚިލާފު ނަސްލީތަފާތުކުރުންތަކަށް ހިތްވަރު ދޭ ޕޮލިސީއެއްކަމެވެ. މުދަލުގެ އަގުބޮޑުވެ ރައްޔިތުން ހަނާވަމުންދާވަހައެވެ. 

ރައީސް އިބްރާހީމް ގެންގުޅުއްވާ ނަސްލީ ތަފާތުކުރުން ސިފަކުރައްވަމުން، "ސަރުކާރު މިއޮތީ، ރާއްޖެތެރޭ މީހާ ޒަޚަމްކުރުމަށް ފަހު، އެވަރުން އަދި ނުފުދިގެން އޭނާ ގައިގާ ލެއްވި ރޯ ފާރުގަނޑަށް ލޮނުއެޅުމުގައި" ކަމަށް ވިދާޅުވެފައިވެއެވެ.

ރައީސް އިބޫ އޯކޭއެއް ނޫންކަން ފާހަގަކުރައްވަމުން، "ޖީއެސްޓީ ބޮޑުވެއްޖެ. ފެންބިލް ބޮޑުވެއްޖެ. ކަރަންޓް ބިލް ބޮޑުވެއްޖެ. ފޯން ބިލްބޮޑުވެއްޖެ. ކާބޯތަކެތީގެ އަގު ބޮޑުވެއްޖެ. އަންނައުނު އަގުބޮޑުވެއްޖެ. ދިރިއުޅުމުގެ ޚަރަދު މަތިވެއްޖެ. ރައްޔިތު މީހާގެ އާމްދަނީ ބޮޑެއް ނުވޭ،" ކަމަށް ވިދާޅުވެ އިބްރާހީމަށް އެކަމަނާ ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

އެންމެފަހުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޗުއްޓީއާހެދި ރައީސް ޔާމީނުގެ އިސްތިއުނާފް ބަންދުވި ވާހަކައާއި، ދައުލަތުން ދައުވާކުރި ޖިންސީ ފުރައްސާރައާއި އެފަދަ ބޮޑެތި ތުހުމަތުތަކެއްގައި ރައީސް އިބްރާހީމަށް ކީރިތި ކުރެއްވިގެން، ވަޒީރުކަމުން ވަކިކުރެއްވި ކުރީގެ ފަތުރުވެރިކަމާ ބެހޭ ވަޒީރު ޢަލީވަހީދުގެ ޖަލުހުކުމް ބާތިލްކުރުމުން ރާއްޖެ ވަޑައިގެންނެވި ޚަބަރާއި، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މޭސްތިރިޔާ، އަދި ކުރީގެ ނައިބު ރައީސް ބޭސްފަރުވާއަށް ރާއްޖޭން ފުރުވާލި ޚަބަރު ސޯޝަލް މީޑިއާގައި ހިއްސާކުރައްވަމުން ދިޔާނާ ވިދާޅުވީ، ނަބިއްޔަކު ބޭނުންވާ ވަރަށް މިތަން ފަސާދަވެއްޖެ ކަމަށެވެ.

"މުސްކުޅިން ބުނެއުޅޭ ގައުމެއް މިވަރަށް ފަސާދަވެއްޖެނަމަ، އެތަނަށް ދެން ބޭނުންވާނީ ނަބިއްޔެއް ކަމަށް. މީ ފަހުޒަމާން ކަމަށްވީމާ ދެން އޮންނާނީ ރަސޫލާﷺ ގެ ރިސާލަތު ދިރުން،" ކަމަށް ވިދާޅުވެ ގައުމުގެ ހާލަތު އެކަމަނާ ސިފަކޮށްދެއްވިއެވެ. މީގެ އިތުރުން "އެކަން ކުރާން ތިބި ގިނަ މީހުންވެސް ތިބީ މި ފަސާދައަށް ގެނބިފައި" ކަމަށް ވިދާޅުވެ ރައީސް އިބްރާހީމްގެ ވެރިކަމުގެ ދައުރުގެ އުސްއަލިތައް މިފަދަ ސާދާ ޢިބާރާތްތަކުން ސިފަ ކޮށްދެއްވުމަށްފަހު އެންމެ ފަހުން ދިޔާނާ މިއަދު އެހުންނެވީ އެއްކަމަ ވިދާޅުވި ފަސާދައިގެ ތެރެއަށް ހަމަ ރަނގަޅަށް ވަދެވަޑައިގެން ނޫން ހެއްޔެވެ.

ދިޔާނާ ގޯހޭ ވިދާޅުވި އެއްވެސް ކަމެއް ރަނގަޅުވިކަމެއް އެނގޭކަށް ނެތެވެ. ދިޔާނާވެސް އެފަދަ ވާހަކައެއް ނުދައްކަވައެވެ. ހަމައެކަނި، ދިޔާނާއާ ގުޅުންހުރި ކަމަކަށްވެސް ބަދަލުވެފައި ވަނީ، އެކަމަނާގެ ކުރީގެ ފިރިކަލުން ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ރައީސް އިބްރާހީމަށް ތާޢީދުކުރައްވަން ފެއްޓެވުމެވެ. ޖާބިރު ވަކި ފަރާތަކަށް ތާޢީދު ކުރެއްވުމަކީ، ދިޔާނާ ފާހަގަކުރެއްވި ކަންކަން އިސްލާހުވުން ކަމަށްވާނަމަ، މިފަދަ ގައުމަށް ބޮޑެތި ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭބޭފުޅުން ދައްކަވާ ވާހަކަފުޅުތައް ރައްޔިތުން ބަލައިގަންނާހީ ކިހިނަކުންތޯއެވެ.

ދިޔާނާއަކީ ބަންޑާރަ ނައިބުކަމުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމާއި، ރައީސް ނަޝީދާއި ޑރ. ވަހީދުގެ ވެރިކަމުގައި ކެބިނެޓްގެ މަގާމުތައް ފުރުއްވި ބޭކަނބަލެކެވެ.  

ރައީސް އިބްރާހީމްގެ ސަރުކާރަށް ދިއްކުރެވޭ ޚިޔާނާތާއި ފަސާދައިގެ އިނގިލިތައް ދިއްކުރާމީހުން އަދިވެސް ހަމަ ދިއްކުރަނީއެވެ. ދިޔާނާ ވިދާޅުވި ވާހަކަތައްވެސް އަދި ކެންސަލްކަމަކަށް އެކަމަނާ ވިދާޅެއް ނުވެއެވެ. ސަބަބަކަށް ދެއްކީ، ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ފަރާތްތަކުގެ ތެރޭން، ޕްރޮގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒަށް ވެރިކަން ލިބިދާނޭތީ ގަންނަ ބިރުފުޅެއްގެ ވާހަކައެވެ. ރައީސް އިބްރާހީމުގެ ކެތްތެރިކަމުގެ ވާހަކައާއި، ގާބިލްކަމުގެ ވާހަކައެވެ. ދެން ދެއްކެވީ، ކޮވިޑް ތެރޭގައި ރާއްޖެ މެނޭޖްކުރިލެއް މޮޅުކަމުގެ ވާހަކައެވެ.

ކުރިން ދިޔާނާ ދެއްކެވި ވާހަކައާ މިހާރު މިދައްކާ ވާހަކައާ އަޅާކިޔާލުމުން ދޭހަވަނީ ކޯއްޗެއްތޯއެވެ. ހާލަތު ބަދަލެއް ނުވެއެވެ. އެކަމަކު ދެފަހަރު އެއްގޮތަށް ވާހަކަފުޅެއް ނުދެއްކެއެވެ. އަމަލުފުޅުތައް އޮއިވަރާއެކު ބަދަލުވަނީއެވެ. އެންމެފަހުން އެއްކަލަ "ފުކަކަށްވާންދެން" ފާޑުކިޔުއްވަމުން ގެންދެވި ރައީސް އިބްރާހީމަށް ހަމަ އެމޭރުމުން ޘަނާއާ ތަޢުރިފުވެސް ކުރައްވާން ފެއްޓެވީއެވެ. ހަމަ "ފައްކާ ސިޔާސީ ބޭފުޅެއް" ވީމަ ވާގޮތަކީ ހެއްޔެވެ.