ޑިމޮކްރެޓުންގެ ސަރުކާރެއްގައި ސަރުކާރު ކުންފުންޏަކުން އަމިއްލަ ފަރާތެއް ލައްވައި މަސައްކަތް ކުރުވުމަށް ފަހު ދޭންޖެހޭ ފައިސާ އެއްބަސްވުމާ އެއްގޮތަށް ނުދީފި ނަމަ، ދެން އެ ފައިސާ ދޭނީ ޖޫރިމަނާއާއެކު ކަމަށް ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބު ވިދާޅުވެއްޖެއެވެ.

ފެނަކަ ކޯޕަރޭޝަނުން 19 ކުންފުންޏަކަށް ދައްކާންޖެހޭ 300 މިލިއަނަށް ވުރެ ގިނަ ފައިސާ ނުލިބި އެކުންފުނިތައް ބަނގުރޫޓްވާ ހަލަތައްގޮސްފައިވާ ކަމަށްބުނެ އެ ކުންފުނިތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާ މި ދަނޑިވަޅުގައި، ގދ. ގައްދޫގައި ބޭއްވި ކެމްޕޭން ޖަލްސާގައި، ވަކި ކުންފުންޏެއްގެ ނަން ވިދާޅުނުވެ، އިލްޔާސް ވިދާޅުވީ، ޑިމޮކްރެޓުންގެ ސަރުކާރެއްގައި އެފަދަ ވިޔަފާރިވެރީންނަށް ލިބޭންޖެހޭ ހައްގުތައް ކަށަވަރުކޮށްދެއްވާނޭ ކަމަށެވެ.

"އަޅުގަނޑުމެންގެ ސަރުކާރެއްގައި، ޑިމޮކްރެޓުންގެ ސަރުކާރެއްގައި ތިބޭފުޅުން ސަރުކާރު...، ސަރުކާރުގެ ކުންފުންޏަކަށް ބިލެއް ލީމާ އެ ބިލަށް، އެ އެގްރީމެންޓުގައިވާ ދުވަހަށް ފައިސާ ނުދައްކައިފި ކަމުގައިވާ ނަމަ، ދެން އެ ފައިސާ ތިބޭފުޅުންނަށް ލިބޭނީ ޖޫރިމަނާއާ އެކީ،" އެއީ ވިޔަފާރިވެރިންގެ ހައްގެއް ކަމަށާއި ދައުލަތުން އެގޮތަށް އަމަލުކުރާން ޖެހޭނޭކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވިއެވެ.

ސަރުކާރު ކުންފުނިތަކުން، އަމިއްލަ ވިޔަފާރިތަކަށް ދޭން ޖެހޭ ފައިސާ ނުދީ ހިފެހެއްޓިކަމުގައި ވީ ނަމަވެސް، ބިލްކުރާ ދުވަހުން ފެށިގެން ޓެކްސް ދައްކާން ޖެހޭ ކަމަށާއި ނަމަވެސް ބިލްތަކަށްވާ ފައިސާ ނުލިބުމުގެ ސަބަބުން ޓެކްސް ނުދެއްކި، ކުންފުނިތަކުގެ މުވައްޒަފުންނަށް މުސާރަ ނުދެވި މުވައްޒަފުންތައް ދޫކޮށްލަން މަޖްބޫރުވެ ބޮޑެތި ގެއްލުންތަކެއް އެ ކުންފުނިތަކަށް ވާކަން އިލްޔާސް ފާހަގަކުރެއްވިއެވެ.