ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި، ޕީޕީއެމްގެ މެންބަރުން ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހީމަށް ވޯޓް ދިނުމަށް، 10 އަހަރަށް ފަހު ޕީޕީއެމުން ވަކިވެވަޑައިގެން މިހަފްތާތެރޭ ޖޭޕީއާ ގުޅިވަޑައިގެންނެވި، ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ހަސަން ވިދާޅުވެއްޖެއެވެ.

ޑރ. ވަހީދު ޕީޕީއެމުން ވަކިވެވަޑައިގަތީ، މިފަހަރުގެ ރިޔާސީ އިންތިޚާބަށް އެޕާޓީން ކުރިމަތިލެއްވި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލި، އެ ފުރުސަތު ޕީއެންސީގެ ފަރާތުން އިންތިޚާބަށް ނެރުނު މާލޭގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒަށް ލިބިވަޑައިގަތް ފަހުންނެވެ. އަޑުތައް ފެތުރިފައިވާ ގޮތުން ޑރ. ވަހީދު އެދިވަޑައިގެން ހުންނެވީ، ޔާމީނަށް ކުރިމަތި ނުލެއްވޭ ހާލަތުގައި އެ ފުރުސަތު އެމަނިކުފާނަށް ލިބިވަޑައިގަންނަވާނޭ ކަމަށެވެ. އަދި ސުޕްރީމް ކޯޓުން ޔާމީނަށް އިންތިޚާބުގައި ވާދަ ނުކުރެއްވޭނޭކަމަށް ހުކުމް ކުރި ދުވަހު، ޑރ. ވަހީދުވަނީ މީޑިއާގައި އިންތިޚާބުގައި ވާދަކުރައްވަން ޝައުގުވެރިކަން އޮތް ވާހަކަ ހާމަވެސް ކުރައްވައިފިއެވެ. 

ޑރ. ވަހީދު ވިދާޅުވީ، ގާސިމް ވެރިކަމަށް ކުރިމަތިލެއްވީމައި އެކަމާ ވަރަށް އުފާފުޅުކުރައްވާ ކަމަށާއި، އެމަނިކުފާނު ގަބޫލުފުޅުކުރައްވާ ގޮތުގައި ގާސިމް ވެރިކަމަށް އަންނާން މިހާރު މާ ލަސްވެއްޖެ ކަމަށެވެ.

" ރާއްޖެ މިހާރު އޮތް ހާލަތުން ސަލާމަތްކުރަން އެންމެ ރަނގަޅު ވެރިއަކީ ގާސިމް އިބްރާހީމް،" އޭނާ ވިދާޅުވިއެވެ.

ޕީޕީއެމުން ވަކިވެވަޑައިގެން، އެވާހަކަފުޅު ދެއްކެވުން ބައެއް ބޭފުޅުންގެ ހިތްޕުޅަށް އޭނާ މިހުރީ ކޮންތާކުތޯ އަރައިވަޑައިގެންފާނެ ކަމަށާއި އޭގެ ޖަވާބަކީ، " އަޅުގަނޑު މިހުރީ އަޅުގަނޑުގެ ރަހްމަތްތެރިއެއް ކައިރީގަ" ކަމަށް ވިދާޅުވެ ޑރ. ވަހީދު ވިދާޅުވީ، މިއަދު ގާސިމްގެ އަރިހުގައި ހުރެގެން އެމަނިކުފާނަށް ދޭންޖެހޭ ހިދުމަތްތައް ދިނުމަށް ވަރަށް ބޮޑަށް ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާ ކަމަށެވެ.

"ޕީޕީއެމްގައި މިހާރު ތިބި ފަރާތްތަކަށް ގޮވާލަން ތިބޭފުޅުންގެ ސަޕޯޓް ގާސިމް އިބްރާހީމަށް ދެއްވަން،" ކުރީގެ ރައީސް ކުރީގެ ޕާޓީގެ މެންބަރުންނަށް ގޮވާލެއްވިއެވެ.