ދިވެހި ތާރީޚުގައިވެސް މިފަހުން އެންމެ ބޮޑަށް އަނިޔާލިބުނު ވެރިޔަކީ، 11 އަހަރުގެ ޖަލުހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް، އެމަނިކުފާނުގެ ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަލީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

ޚިޔާނާތުގެ މައްސަލައެއްގައި ރައީސް ޔާމީން ޖަލަށްލީތާ މި އޯގަސްޓް މަހުގެ 12 ވަނަ ދުވަހަށް ވަނީ 1000 ދުވަސް ފުރިފައެވެ. އެދުވަސް ފާހަގަކުރުމުގެ ގޮތުން، ޕީޕީއެމްއިން ވަނީ، ޔާމީނު ދޫކޮށްލުމަށް ގޮވާލައި ސައިކަލްބުރެއްވެސް ބާއްވައިފައެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ފުރުސަތު ލިބިވަޑައިގެންނެވި ނަމަ، ރައީސް ޔާމީނުގެ މިފަހަރުގެވެސް ރަނިންގމޭޓަކަށް ނެންގެވި، އަދި އެމަނިކުފާނުގެ ގާނޫނީ ޓީމުވެސް ލީޑުކުރައްވާ ޑރ. ޖަމީލް ވިދާޅުވީ، ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ރައީސް ޔާމީނަށް ވަރަށް ބޮޑަށް އަނިޔާވެރި ވެއްޖެކަމަށާއި އަދި އެކަމަށް ރައީސް އިބްރާހީމަށް އިންކާރުވެސް ނުކުރެއްވޭނޭ ކަމަށެވެ.

" ރ.  އިބްރާހިމްގެ  5  އަހަރުގެ ވެރިކަމުގެ  ގާތްގަޑަކަށް  3  އަހަރު  ރ.  ޔާމީނު  މިހުންނެވީ  ޖަލުގައި.  މަންމާފުޅުގެ  މޫނު  ދެކިލުމުންވެސް މަޙްރޫމް. ސިއްޙީ  ޙާލުކޮޅު  ދަނީ  ދުވަހެއް  ދުވަހަކަށް ގޯސްވަމުން،" ޑރ. ޖަމީލު ވިދާޅުވިއެވެ.

" ދިވެހި  ތާރީޚުގައި  މިފަހުން އެންމެ  އަނިޔާ  ލިބުނު  ވެރިޔަކީ  މިއީ.  ރ. އިބްރާހީމަށް  މިއަނިޔާއަށް  އިންކާރު  ނުކުރެވޭނެ."

ޑރ. ޖަމީލު ވިދާޅުވީ، ކޮންމެ ދުވަހަކުވެސް އޭނާ މަސައްކަތް ކުރައްވާނީ، ރައީސް ޔާމީން މިނިވަންކުރާން ކަމަށާއި އަދި މިނިވަން ވަންދެން އެކަން ކުރިއަށް ގެންދަވާނޭ ކަމަށެވެ.

" ހުއްޓުމެއް ނެތި މުޅި ރާއްޖެއިން ރ. އިބްރާހިމާ ދެކޮޅަށް ތިޔަ ފާޅުކުރާ ޝުޢޫރު ރ. ޔާމީން މިނިވަން ކުރަންދެން ވަރުގަދަ ކުރުމަށް ގޮވާލަން." އޭނާ ދާޅުވިއެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައި އިތުބާރު ނެތްކަމަށް ނިންމައި ޑރ. ޖަމީލު ނައިބު ރައީސްކަމުން ދުރުކުރުމުން އޭރު ރާއްޖޭން ބޭރުގައި ހުންނަވައިގެން ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެނައުމަށް އެންމެ ބުރަ މަސައްކަތެއް ކުރެއްވި އެއް ބޭފުޅަކީވެސް ޑރ. ޖަމީލުކަން ފާހަގަކޮށްލާން ޖެހެއެވެ.