ޚިޔާނާތުގެ މައްސަލައެއްގައި ޖަލުހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ، ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގޮޅީގައި ހޭދަކުރައްވާން ޖެހިވަޑައިގަންނަނީ، މިގައުމުގެ މިނިވަންކަމަށް ބަސް ބުނަމުންދާ ލީޑަރަކަށް ވާތީކަމަށް، މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ޠާރިޤު (ޓޮމް) ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީނު ޖަލުހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާތާ މިއަދަށް 1000 ދުވަސް ހަމަވެފައިވާއިރު، އެމަނިކުފާނަށް ތާޢީދުކުރާ އެތައް ސަތޭކަ ބަޔަކު މިއަދު ދަނީ، ޔާމީން ދޫކޮށްލުމަށް ގޮވާލައި މަގުތަކަށް ނުކުމެ އަޑުއުފުލަމުންނެވެ.

ރިޔާސީ ކެމްޕޭނުގެ ފޯރިގަދަވަމުންދާ މި ދުވަސްވަރު، ޕީޕީއެމްގެ ވާދަވެރި ފަރާތްތަކުން ދަނީ އެ ޕާޓީއަށް އަމާޒުކޮށް ބަހުގެ ހަމަލާތައްވެސް ދެމުންނެވެ.އެގޮތުން، ދަ ޑިމޮކްރެޓްސްގެ މެންބަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ތުހުމަތުކުރައްވާ ގޮތުން، ރައީސް ޔާމީން ކުޑަގޮޅިގައި އޮންނާން ޖެހިވަޑައިގަންނަވަނީ ޕީޕީއެމްގެ ލީޑަރޝިޕުން އެގޮތް ބޭނުންވާތީއެވެ.

" ރައީސް ޔާމީން މިނިވަން ކުރަން މަސައްކަތް ކުރެވޭނީ އަޅުގަނޑުމެންނަށް" ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، އެމްޑީޕީއާއި ޕީޕީއެމްގެ ވެސް ގިނަމެންބަރުން ޑިމޮކްރެޓްސްއަށް ވޯޓު ދޭނެކަމަށް އުންމީދުކުރައްވާ ކަމަށާއި، އަދި ޕީޕީއެމްއިން ދަ ޑިމޮކްރޭޓްސްއާ ގުޅޭތާ 1 ހަފްތާތެރޭ ރައީސް ޔާމީން ގެއަށް ގެނެސްދީ ދޫކޮށްލާނެކަމަށެވެ.

ރައީސް ނަޝީދުގެ މި ވާހަކަފުޅަށް ރައްދުދެއްވައި މިއަދު ޓޮމް ވިދާޅުވީ، ""އެމަނިކުފާނު 1000 ދުވަހު ޖަލުގައި، ކުޑަ ގޮޅީގައި ހޭދަކުރައްވަމުން ގެންދަވަނީ އެންމެ ސަބަބަކާހުރެ. އެއީ މިޤައުމުގެ މިނިވަންކަމަށް ބަސް ބުނަމުންދާ ލީޑަރަކަށްވާތީ،" ކަމަށެވެ.

މީގެ އިތުރުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ވެރިކަމަށް ގެނައި ކޯލިޝަނުގެ ޕާޓުނަރުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބާ ދިމާކޮށް، ފާޑުފާޑުގެ ވާހަކަދައްކަމުންދަނީ އެފަރާތްތަކުން ރައީސް ޔާމީން ކުޑަގޮޅީގައި ބާއްވަން ބޭނުންވެގެން އެކަން ކޮށްގެން ތިބެކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ޔާމީނަށް މިފަހަރުގެ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ގެއްލުނީ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރާން އެމަނިކުފާނު ދައްކަވާ ވާހަކަފުޅުތަކާއި ގެންގުޅުއްވާ ސިޔާސަތުތަކުގެ ސަބަބުންކަމަށް ޓޮމް ވިދާޅުވިއެވެ. އެހެންކަމުން ރައީސް ޔާމީން މިނިވަންކުރާން ބޭނުންވާ ނަމަ، އެންމެހާ ޒުވާނުންނާއި ރައްޔިތުން ނުކުމެ ކެންޑިޑޭޓް ނަންމަރު 4 ޑރ. މުޙައްމަދު މުޢިއްޒަށް ވޯޓު ދިނުމަށް ޓޮމް އިލްތިމާސްކުރެއްވިއެވެ.