ރައްޔިތުންނަށް ފެނާއި ކަރަންޓާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމަށް އުފެއްދި ފެނަކަ ކޯޕަރޭޝަން ލިމިޓޭޑަކީ މިވަގުތު ސަރުކާރުގެއެންމެ ބޮޑު އެއް ކުންފުންޏެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ 154 ރަށަކަށް ފެނަކައިގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް 4000އާ ގާތްކުރާ ޢަދަތަކަށް މުވައްޒަފުން ގެންގުޅެއެވެ. ޚާއްސަކޮށް ރިޔާސީ އިންތިޚާބީ އަހަރާ ދިމާކޮށް ފެނަކައިގެ މުވައްޒަފުންގެ އަދަދު އިތުރުވެފައިވާއިރު، ކުންފުނީގެ ހަމައެކަނި މުސާރައަށް ހޭދަވާ މިންވަރުވެސް މަހަކަށް 70 މިލިއަނާ ގާތްކުރާނެއެވެ.
ބިޔަބޮޑު ކުންފުނީން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި މަޝްރޫއުތައް ކުރިއަށް ގެންދަނީއެވެ. ލިބޭ އާމްދަނީއަށް ވުރެ އެތައްގުނަ އިތުރަށް ޚަރަދުތައް ކުރާންޖެހުނު ނަމަވެސް، އެއަށް ބަލައިލުމެއް ނެތި، ބަޔަކު ކިޔާއެއްޗަކަށް ބެލުމެއް ނެތި ކުންފުނީގެ ޚަރަދުތައް ދުވަހެއް ދުވަހަކަށް އިތުރުވަމުންގޮސް މިހާރު ފެނަކަ ވަނީ ބަނގުރޫޓު ވުމާ ގާތްވެފައެވެ. ފެނަކަ ބަނގުރޫޓު ވެއްޖެ ނަމަ، މިހާރުވެސް 108 ބިލިޔަނަށްވުރެ ބޮޑު ދަރަންޏެއް ބޮލުގައި އެޅިފައިވާ ދިވެހި ރައްޔިތުންނަށް އަނެއްކާވެސް އިތުރު ތަކުލީފެއް ޖެހޭނެއެވެ. 4000 އެއްހާ އާއިލާއަށް ލިބެމުން ދިޔަ އާމްދަނީ ހުއްޓޭނެއެވެ. ފެނަކައިގެ މައްސަލަތައް މިހާރުވެސް ކޯޓުގައި އެނބުރެނީއެވެ. ފެނަކަ އެކަންޏެއް ނޫނެވެ. ފެނަކަށްއަށް ކޮންޓްރެކްޓް އުސޫލުން މަސައްކަތްކޮށްދިން ކުންފުނިތައްވެސް ބަނގުރޫޓުވެދާނެކަމުގެ ބިރު މިހާރު ވަނީ ހީވެފައެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑުގެ އެންމެ ފަހުގެ މާލީ ރިޕޯޓުތަކަށް ބަލާއިރު، ފެނަކައިން ދައްކާން ޖެހޭ ދަރަނި މިހާރުވެސް 2.2 ބިލިއަން ރުފިޔާއަށް އަރައެވެ.
ކޮންޓްރެކްޓް އުސޫލުން ފެނަކައަށް މަސައްކަތް ކޮށްދިން 19 ކުންފުންޏަކުން ވަނީ، އެ ކުންފުނިތަކަށް ލިބޭންޖެހޭ ގާތްގަނޑަކަށް 300 މިލިއަނެއްހާ ރުފިޔާ ނުލިބި އެ ކުންފުނިތައް އިނދަޖެހިފައިވާ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ހައްލެއް ލިބޭނޭ ގޮތެއް ނެތި، އެ ކުންފުނިތަކުގެ މުވައްޒަފުންތައްވެސް މަގުމަތިވެފައިވާކަން ކަންބޮޑުވުމާއެކު ފާޅުކުރިއެވެ.
ފެނަކައަށް މަސައްކަތްކޮށްދިން ކުންފުނިތަކުގެ ލޯޔަރެއްގެ ގޮތުގައި މަސައްކަތްކުރައްވާ، މުހައްމަދު ޝަހުނީމް ފާހަގަކުރެއްވި ގޮތުން، 100އަށް ވުރެ ގިނަ ކުންފުންޏަށް ފެނަކައިން ދައްކާން ޖެހޭ ފައިސާ ނުލިބު އެބަހުއްޓެވެ. 130 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ފައިސާ ދައްކަން އެއްބަސްވި ނަމަވެސް، 500 ދުވަސް ވެގެންދިޔައިރުވެސް ފައިސާ ނުލިބި އެތަކެއް ބިލްތައް ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.
ކޮންޓްރެކްޓަރުންގެ ލޯޔަރު ވިދާޅުވީ، ކޯޓަށް މައްސަލަ ހުށަހެޅުމުންވެސް ނުފޫޒުގެ ބޭނުންކޮށް އެތަނުންވެސް ހައްލެއް ލިބުން އޮންނަނީ ދުރުގައި ކަމަށެވެ. "ހަގީގަތަކީ ކޯޓުގެ ޕްރޮސެސް ހިންގުމަށް އެ އޮންނަ ޢިޖްރާއަތު ވެސް އެބިއުސް ކޮށްގެން އެބޭފުޅުން އެބަލަނީ މި ބޭފުޅުން {ކޮންޓްރެކްޓަރުން} ފިއްތާލަން،" ކަމަށެވެ. އޭނާ ސިފަކުރެއްވި ގޮތުގައި، ފެނަކައިން ޖައްސައިގެން މިއުޅެނީ، "ދެކުނު އޭޝިއާގެ އެންމެ ވަރުގަދަ ޕޮންޒީ ސްކޭމް"އެވެ.
ކަންބޮޑުވުން ފާޅުކުރާން ނުކުތް ކުންފުނިތަކުގެ އިތުރުން، އެތަނަށް ހާޒިރުނުވާ ކުންފުނިތައް ހިމަނައިގެން ހިސާބު ހަދާލާއިރު، ފެނަކައިން ކުންފުނިތަކަށް ދޭންޖެހޭ ފައިސާގެ އަދަދު ގާތްގަނޑަކަށް 500 މިލިއަނަށް އަރާނޭކަމަށް ޝަހުނީމް ވިދާޅުވިއެވެ.
" އަޅުގަނޑުމެން ކޮންޓްރެކްޓަރުންނޭ ގދ. ގެމަނަފުށީ އިންޖީނުގެ އެޅީ. ކޮންޓްރެކްޓަރުންނޭ އިންޖީނު ގެންދިއައީ. ކޮންޓްރެކްޓަރުން ކޭބަލް ސަޕްލައި ކުރީ. މިއަދު ރައީސުލްޖުމްހޫރިއްޔާ ގެމަނަފުށީ އިންޖީނުގެ ހުޅުވާފައި އައި އިރު އެއީ 100 ޕަސެންޓު ދަރަންޏަށް އަޅާފައިވާ ތަނެއް،" އަމިއްލަ ޚަރަދުގައި މަސަކަތްކުރާ ގޮތަށް، ގެމަނަފުށީ އިންޖީނުގެ ތަރައްގީކުރި އިކުއިވީ އިންވެސްޓްމެންޓްގެ ވެރިޔާ ޝިމްހާދު ވަހީދު އޭނާގެ ކަންބޮޑުވުން ފާޅުކުރައްވަމުން ވިދާޅުވިއެވެ.
ޝިމްހާދު ވިދާޅުވީ، އިންޖީނުގެ އަޅައި ނިމުނު އިރު، ކޮންޓްރެކްޓަރުން ތިބީ މަގުމަތިވެފައި ކަމަށެވެ. އަދި 100 ލޭބަރުން ގެންގުޅުނު ކުންފުނި މިހާރު ކުޑަ ކުރަން ޖެހުނީ 20 ލޭބަރުންނަށް މަދުކުރާން މަޖުބޫރުވެފައިވާ ކަމަށެވެ.
އޭނާ ފާހަގަކުރެއްވި ގޮތުން، ފައިސާ ނުލިބި އެއް އަހަރާއި ތިން އަހަރާ ދެމެދުގެ ބިލްތައް އެބަހުއްޓެވެ. އެގޮތުން 7 ވަރަކަށް ކުންފުނީގެ ބިލްތަކަށް ލިބޭންޖެހޭ ފައިސާގެ ޖުމުލަ 158 މިލިއަނަށް އަރާކަން އޭނާ ފާހަގަކުރެއްވިއެވެ.
ފެނަކައިގެ ބައެއް މައްސަލަތައް ސިވިލްކޯޓުގައި ކުރިއަށް ދަނީއެވެ. އަނެއްބައި މައްސަލަތައް ނިމި، ކުންފުނިތަކަށް ފައިސާ ދޭން އަމުރުކޮށްފައި އެބަހުއްޓެވެ. ނަމަވެސް ނެތް އެއްޗެއް ދޭނޭގޮތެއް ފެނަކައަށްވެސް ނޭނގެނީ ތޯއްޗެކެވެ.
ފެނަކައަށް މުދާ ސަޕްލައިކުރާ ސަޕްލަޔަރަކު، ނޫސްވެރީންނަށް ކިޔައިދިން ގޮތުގައި، އެފަރާތްތަކަށް ލިބޭންޖެހޭ ފައިސާ ހޯދަން އެތަކެއް ފަހަރުމަތީން ފެނަކައިގެ ވެރީންނާ ބައްދަލުކޮށްފިއެވެ. ނަމަވެސް، ކަހާތަން ހިރުވާލާހެންވެސް ހިޔެއް ނުވެއެވެ.
"އަޅުގަނޑުމެންނަށް ސަޕްލައި ކުރި ފިހާރަތަކަށް ޕޭ ނުކުރެވޭ. ދޯނި ފަހަރަށް ޕޭ ނުކުރެވޭ. އެހުރިހާ އެންމެންނާ މި ޖެހެނީ ވާހަކަ ދައްކަން،" ފެނަކައަށް މުދާ ފޯރުކޮށްދޭ ފަރާތެއް އޭނާގެ ކަންބޮޑުވުން އޮއްސާލިއެވެ.
އެފަރާތްތަކުން ބުނަނީ، ކުންފުނިތަކަށް ފެނަކައިން ލާރި ނުދިނަސް، އެފަރާތްތަކުން ފެނަކައަށް ކޮށްދީފައިވާ ބިޔަބޮޑު ޚަރަދު ހިމެނޭ މަސައްކަތަށް މީރާއަށް ދައްކާން ޖެހޭ ޓެކްސް ގަވައިދުން ދައްކާން ޖެހޭ ކަމަށެވެ. ނުދައްކައިފި ނަމަ، "ދެ ދުވަހުން އެއް ދުވަހު އެބަ މެއިލް އާދޭ ޖޫރިމަނާ އަރައޭ ކިޔާފަ. އެ ޖޫރިމަނާތައް މާފެއް ނުކޮށްދޭ،" ކަމަށް އޭނާ ވިދާޅުވިއެވެ.
ވެރިކަމުގެ ދެވަނަ ދައުރަކަށް ކެމްޕޭން ކުރައްވަމުން ގެންދަވާ، ރައީސް އިބްރާހީމް މުޙައްމަދު، އަޑުފުޅަށް ބާރުލައްވައި ވިދާޅުވާ ވާހަކަފުޅުތަކަކީ، މިއިން ޒަމާނަކުވެސް ވެރިކަމެއްގައި ރައްޔިތުންނަށް ކޮށްނުދޭ ވަރަށް އެމަނިކުފާނު ޚިދުމަތްކޮށްދެއްވާފައިވާ ކަމަށެވެ. އެގޮތުން ކުޑައެއް ބޮޑެއް ނުބައްލަވައި، ރަށްރަށަށް ކަރަންޓާއި ފެނާއި ނަރުދަމާ އަޅުއްވަމުން ގެންދަވާ ވާހަކައެވެ. މި މަސައްކަތުގެ ސަބަބުން، ގައުމު އިނދަޖެހެމުންދާކަމާއި، އަމިއްލަ ކުންފުނިތައް ބަނގުރޫޓްވަމުންދާކަން އެމަނިކުފާނަށް އެނގިވަޑައި ނުގަންނަވާ ނަމަ އެއީ މައްސަލައެކެވެ. އަދި ކުންފުނިތައް ބަނގުރޫޓްކޮށްލާފައި އިންޖީނުގެއެއް ހުޅުވުމުން އެއީ ކުރިއެރުމެއް ކަމަށް ސިފަވާނަމަ އެއީ ވަރަށް ބޮޑު މައްސަލައެކެވެ. ހަމައެކަނި ތިކަން ބައްލަވާނަމޭ ވިދާޅުވުމަކުން ގައުމަށް ލިބެމުން މިދާ ބޮޑު ގެއްލުމުން އަރައެއް ނުގަނެވޭނެއެވެ.