މިއީ ހަމަ ޔަގީނުންވެސް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގެ ތެރޭގައި އިވޭނޭ ތަފާތު އަޑެކެވެ. މިފަހަރުގެ ރިޔާސީ އިންތިޚާބުގައި 8 ކެންޑިޑޭޓުން ވާދަކުރައްވާއިރު، އަމިއްލަ ގޮތުން 3 ކެންޑިޑޭޓުން ވާދަކުރައްވައެވެ. އޭގެ ތެރޭންވެސް ތަފާތު އެއް ކެންޑިޑޭޓަކީ ކެންޑިޑޭޓް ނަންބަރު 2 މއ. މާވެޔޮވިލާ، ހަސަން ޒަމީލެވެ. ޒަމީލް އިންތިޚާބަށް ނުކުންނެވީ "ކޯލިޝަން ނޫންގޮތެއް" ހޯއްދަވާށެވެ. ކޯލިޝަން ސަރުކާރުގެ ތެރޭން އުފެދޭ ކޮރަޕްޝަނާއި ނުފޫޒުގެ ވަކިތަކުން ގައުމު ސަލާމަތްކުރާށެވެ.

ހަސަން ޒަމީލުގެ ފުރަތަމަ ތަފާތަކީ، އޭނާގެ ރަނިންގމޭޓެވެ. ރަނިންގމޭޓް ނެންގެވީ ސިޔާސީ ފިކުރަކުން އެކަހެރިކޮށް ނުލެވޭނެފަދަ ވަރުގަދަ ގުޅުމެއްގެ ތެރޭންނެވެ. އޭނާގެ އަސްލު ރަނިންގމޭޓް ގޮވައިގެންނެވެ. އޭނާގެ ދާއިމީ ރަނިންގމޭޓް ކަމަށްވާ އަނބިކަނބަލުން މަރިޔަމް އަލީމު ގޮވައިގެންނެވެ.

ޑިފެންސް މިނިސްޓަރުގެ ނައިބުގެ މަގާމުން ދާދިފަހުން އިސްތިއުފާ ދެއްވި ޒަމީލް ވެރިކަމަށް ކުރިމަތިލައްވައިފިއެވެ. ކުރިއަށް އޮތީ ވަރުގަދަ ކެމްޕޭންތަކެވެ. ޒަމީލް ވާދަކުރައްވާން ޖެހެނީ، ސިޔާސީ ޕާޓީތަކާއެވެ. އަދި އެތައް އަހަރެއް ވަންދެން ސިޔާސީ ހަރަކާތްތަކުގައި އުޅުއްވި އަމިއްލަ ކެންޑިޑޭޓުންނާއެވެ. އެހެންކަމުން އޭނާގެ ކެމްޕޭންވެސް ކުޑަކޮށް ތަފާތެވެ.

ޒަމީލްގެ ވިސްނުން ހުރީ، ވަރަށް ބޮޑަށް ޢާއިލީ ގުޅުންތައް ވަރުގަދަކޮށްދެއްވާށެވެ. ގައުމުގެ އިޖްތިމާޢީ އަދި އިގްތިޞާދީ މައްސަލަތަކުގެ ފެށުން ގުޅިފައިވާ ޢާއިލީ ގުޅުންތަކަށް އެންމެ ބޮޑު އަޙައްމިއްޔަތެއް ދެއްވާ ގޮތަށެވެ. އެގޮތުން އޭނާގެ ރަނިންގމޭޓަކަށް ޢާއިލާތެރޭން ބޭފުޅަކަށް ފުރުސަތު ދެއްވީ އިއްތިފާގެއް ނޫންކަން އޭނާ ބުނެދެއްވަނީ އޭނާގެ ރިޔާސީ ވައުދުތަކުގެ ތެރޭންނެވެ.

ޒަމީލްގެ ރިޔާސީ އެއް ވަޢުދަކީ ހަރުދަނާ ޢާއިލާތަކެއް ބިނާކުރުމަށް، ދަރީންނަށް ރަނގަޅު ތަރުބިޔަތެއް ދެވޭނޭ މަގުފަހުކުރައްވާނޭ ވަޢުދެވެ. ގައުމުގެ އާބާދީ މަދުވުމުގެ ސަބަބުން ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވާނޭ ކަމުގެ ވަޢުދެވެ.

ޒަމީލް ދޫކޮށްލެއްވި ކެމްޕޭން ވީޑިއޯއެއްގައި ވިދާޅުވީ، "ދަރިންބެލުމާ ގޭތެރެ ބެލެހެއްޓުމަކީ ފުލްޓައިމް ވަޒީފާއެއް،" ކަމަށެވެ. ނަމަވެސް "ދިރިއުޅުމުގެ ޚަރަދުތައް ބޮޑުކަމުން ދެ ބެލެނިވެރީންވެސް އާމްދަނީ ހޯދުމަށް ވަޒީފާއެއް އަދާކުރާން އެބަ މަޖުބޫރުވޭ،" ކަމަށެވެ.

އެހެންކަމުން، ދަރީން ބެލުމަށާއި ގޭތެރޭގެ ކަންތައްތައް ކުރުމަށް މުސާރަދީފައި މީހަކު ބަހައްޓާން މަޖުބޫރުވާކަން އޭނާ ފާހަގަކުރެއްވިއެވެ. ނޫނީ އެކަންކަން ކޮށްދޭން ޖެހެނީ، "އެކުއްޖާގެ މާމަ، ނުވަތަ ކާފަ، ނުވަތަ ޢާއިލާގެ ކޮންމެވެސް މީހެއް،" ލައްވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ކެންޑިޑޭޓް ނަންބަރު 2، ވިދާޅުވީ، "މިފަދައިން ކަންކަން މެދުވެރިވުމަކީ ދަރީންގެ ތަރުބިއްޔަތަށް، ނޭދެވޭ އަސަރުކުރާ ކަމެއް،" ކަމަށެވެ.

"ވީމާ، ކުރިއަށް އޮތް 5 އަހަރަށް، ސަރުކާރެއް އެކުލަވައިލުމުގެ މަސައްކަތް ރައްޔިތުން އަޅުގަނޑާ ހަވާލުކޮށްފި ނަމަ، ދަރީން ބެލުމާ، ގޭތެރޭގެ ކަންކަން ކުރުމަށް ގޭގައި މަޑުކުރައްވާ ބޭފުޅަކަށް ﷲގެ އިރާދަފުޅާއެކު، 20،000 ރުފިޔާއަށް ވުރެ ކުޑަނޫން މުސާރައެއް ލިބޭނޭގޮތް ހަމަޖައްސައި ދޭނަން،" ޒަމީލް ވިދާޅުވިއެވެ.

ދެން އޭނާ އަލިއަޅުއްވައިލެއްވީ އިގްތިޞާދަށެވެ. އެގޮތުން އޭނާ ވިދާޅުވީ، "ދިވެހިރާއްޖޭގެ އިގްތިޞާދު ފުޅާވަމުންދިޔަ މިންވަރަށް ދިވެހީންގެ އާބާދީ އިތުރެއް ނުވި،" ކަމަށެވެ. އެހެން ވުމުން ރާއްޖެއަށް ބިދޭސީން އެތެރެކުރަމުން ގޮސް މިހާރު ރާއްޖެއަށް ނުރައްކާވާ މިންވަރަށް ބިދޭސީންގެ އާބާދީ އިތުރުވެފައިވާކަމަށާއި އެކަމަށް ނިމުމެއް ގެންނާ މަޖުބޫރުވެފައިވާ ކަން އޭނާ ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ރާއްޖޭގައި މިހާރު ދެން ދިވެހީންގެ އާބާދީ އިތުރުކުރެވޭނީ، ކުރިން ފާހަގަކުރެއްވި ފަދަ ގޭގައި ބެލެނިވެރިންނަށް ތިބެވޭ ފަދަ ހަރުދަނާ ފިޔަވަޅުތަކެއް އަޅައިގެން ދިގު މުއްދަތަކުން ކަމަށެވެ.

"ދިވެހީންގެ އާބާދީ އިތުރުކުރުމަށްޓަކައި އަޅާން ޖެހޭ ފިޔަވަޅުތައް އެޅުން ވަރަށް ލަސްވެއްޖެ. މިހާރު އެ މަސައްކަތް ފަށައިފި ނަމަ، ކުރިއަށް އޮތް 15، ވިއްސަކަށް އަހަރު ދުވަހުގެ ތެރޭގައި ދިވެހީންގެ އާބާދީ އިތުރުކުރެވި، ރާއްޖޭގެ އިގްތިޞާދަށް ބޭނުންވާ މިންވަރަށް އިންސާނީ ވަސީލަތްތައް އުފެއްދިދާނޭ ކަމަށް ފެނޭ،" އޭނާ ވިދާޅުވިއެވެ.

ކުރީން ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލްކަންވެސް ކުރެއްވި ޒަމީލު ވިދާޅުވީ، ދިވެހީންގެ އާބާދީ އިތުރުކުރުމަށްޓަކައި އަޅާން ޖެހޭ ފިޔަވަޅުތައް އެޅުމަކީ ރައްޔިތުންނަށްވެސް ފެންނަ ކަމެއްކަމަށް ވާނަމަ، ސެޕްޓެމްބަރ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ކެންޑިޑޭޓް ނަންބަރު 2 އަށް ވޯޓު ދެއްވުމަށް އެދޭކަމަށެވެ.