ޕްރޮގްރެސިވް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒަށް ރާއްޖޭގެ ވެރިކަން ލިބިވަޑައިގެންފި ނަމަ އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވެހިކަމުގެ މައްސަލަ ހައްލުކުރަން ކަމަށާއި، އަދި އެކަމަށް ދާއިމީ ހައްލެއް ހޯއްދަވާނޭ ކަމަށް އޭނާ ވަޢުދުވެވަޑައިގެންފިއެވެ.

މާލެ ސިޓީގެ ކާނިވާ ސަރަހައްދުގައި އެ ކޯލިޝަންގެ "ދިވެހީންގެ ޖަގަހަ" ހުޅުވަން ބޭއްވި ރައްމިސްޔާތުގައި މުޢިއްޒު ވަނީ، ބޯހިޔާވެހިކަމުގެ ވާހަކަ ވަރަށް ތަފްސީލުކޮށް ވިދާޅުވެ އަދި އިތުރު ތަފްސީލުވެސް ވަރަށް އަވަހަށް ހާމަކުރައްވާނޭ ކަމަށް ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ، މާލެ ސަރަހައްދަށް ކުރިމަތިވެފައިވާ މައްސަލައަށް ހައްލު ހޯދާނީ، ރައީސް ޔާމީނުގެ ސަރުކާރުން ވެސް ކުރީން ނިންމާފައިވާ ގޮތަށް ފުށިދިއްގަރު ފަޅުހިއްކައިގެން ކަމަށާއި އެތަނުން 11،000 ގޯއްޗާއި 20،000 ފްލެޓް ދޫކުރެވޭނެ ކަމަށެވެ.

ޔާމީން ސަރުކާރުގެ ހައުސިން މިނިސްޓަރު ވިދާޅުވީ، ބޯހިޔާވަހިކަމުގެ ވައުދުވަނީ އެކަން ކުރާނެ ޕްލޭނާއި، ފައިސާއާއި ޓެކްނިކަލް މަސައްކަތްތައް ކުރެވޭނެ ގޮތްތައް އެނގި ޕްލޭންކުރެވިގެންކަމަށެވެ.

"މިހާރުވެސް ކުރެހުންތައް އެބަ ތައްޔާރުކުރަން ޕްލޭން އޮންނާނެ ގޮތް ދައްކާލަން. އެފަޅު ހިއްކާ 1600އަކަފޫޓުގެ 11000 ގޯތި ދެވޭނެ. އަދި 1400 އަކަފޫޓުގެ 20000 ފްލެޓް ތަރައްޤީކުރާނަން." ރިޔާސީ މެނިފެސްޓޯ ވަރަށް އަވަހަށް ހާމަކުރައްވާނޭކަން ފާހަގަކުރައްވައި ޕްރޮގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ވިދާޅުވިއެވެ.