މީގެ 10 އަހަރު ކުރިން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)އާ ގުޅިވަޑައިގެންނެވި ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން އެ ޕާޓީން ވަކިވެވަޑައިގެންފިއެވެ.

ޑރ. ވަހީދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ،  މީގެ 10 އަހަރު ކުރީން ޕީޕީއެމްއާ ގުޅިވަޑައިގަތީ، އޭރު އެމަނިކުފާނުގެ ވެރިކަމުގައި ފެއްޓެވި މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށާއި އަދި ގައުމުގެ ހަމަޖެހުމަށްޓަކައި ކަމަށެވެ. އެގޮތުން، އޭރުގެ ގިނަ ޕްލޭންތައް ކާމިޔާބުވެފައިވާ ކަމަށާއި އަދި އިގްތިޞާދީ ގޮތުންނާއި ޑިމޮކްރަސީގެ ގޮތުންވެސް ރައްޔިތުން ކުރިއަރާފައިވާކަން އުފަލާއެކު ފާހަގަކުރައްވާ ކަމަށެވެ.

ޑރ. ވަހީދު ޕީޕީއެމުން ވަކިވެވަޑައިގެންފައި މިވަނީ، މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ވާދަ ނުކުރެއްވޭ ހާލަތެއްގައި، އެ ފުރުސަތު ވަހީދަށް ދެއްވާނޭކަމަށް އަޑުފެތުރިފައި ވަނިކޮށް، ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒަށް އެފުރުސަތު ލިބިވަޑައިގެންފައި ވަނިކޮށެވެ.

ޑރ. ވަހީދު ވިދާޅުވީ ޕީޕީއެމުން ވަކިވާން ނިންމެވި ނިންމެވުމާ މެދު ހިތާމަކުރައްވާ ކަމަށާއި ނަމަވެސް، އެއީ ވަރަށް ބޮޑަށް ވިސްނާވަޑައިގަތުމަށް ފަހުން ނިންމެވި ނިންމެވުމެއް ކަމަށެވެ.

ޕީޕީއެމާއި އެޕާޓީގެ މެންބަރުންނަށް އެމަނިކުފާނުގެ ހިތްޕުޅުގައި އަބަދުވެސް ލޯތްބާއި އިހްތިރާމު އޮންނާނޭ ކަމަށާއި އަދި އަބަދުވެސް ގައުމުގެ މިނިވަންކަމާއި ސިޔާދަރު ރައްކާތެރި ކުރުމަށާއި އަދި ގައުމުގެ ކުރިއެރުމަށް މަސައްކަތްކުރެއްވުމުގައި އަބަދުވެސް ދެމިހުންނަވާނޭ ކަމަށް ރައީސް ނަޝީދުގެ ކުރީގެ ނައިބު ރައީސް އަދި ނަޝީދު ވެރިކަން ދޫކޮށްލެއްވުމުން އެދައުރުގެ ބާކީބައި ފުރުއްވި ޑރ. ވަހީދު ވިދާޅުވިއެވެ.