ރިޔާސީ އިންތިޚާބުގެ ފޯރި ގަދަވަމުން އަންނަ މިދަނޑިވަޅުގައި، ރައްޔިތުންނަށް ކޮށްދޭ ވެރިކަމެއްގައި ސިއްރުކުރާން ޖެހޭކަންކަން ނުހުންނާނޭ ކަމަށާއި، ރައްޔިތުން ބުނެފިއްޔާ ޖަނގިޔާ ބާލާފަވެސް ދައްކަންޖެހޭނެ ކަމަށް ވިދާޅުވެ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމުގެ ހޫނުގަދަ ބަހުގެ ހަމަލާތަކެއް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިހަށް އަމާޒުކޮށްފިއެވެ.

ޖުމްހޫރީ ޕާޓީގެ އޮފީހުގައި ކުރިއަށް ގެންދިޔަ ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ޤާސިމް ވިދާޅުވީ، ރައްޔިތުންގެ ވެރިކަމެއްގައި ރައްޔިތުން ސިއްރުކުރާން ބޭނުން ނުވާކަންތައްތައް ސިއްރުކުރާން ނުޖެހޭ ކަމަށެވެ. އެގޮތުން ރައީސް އިބްރާހީމުގެ ސަރުކާރުން ސިއްރުކޮށްގެން އުޅޭ އުތުރުތިލަފަޅުގެ ލިޔެކިޔުންތަކާއި، ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދާއި ޗާގޯސްގެ ކަނޑުގެ މައްސަލައިގައި ރައީސް އިބްރާހީމް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިއްރު ސިޓީފުޅުގެ މައްސަލައާއި މިނޫންވެސް ރައްޔިތުންގެ ކަންބޮޑުވުންތައް ހުންނަ މައްސަލަތައް އޭނާ ފާހަގަކުރެއްވިއެވެ. 

"ކާކަށްޓަކާ ކޮށްދޭ ވެރިކަމެއްތޯ މީ؟ ކޮންބަޔަކަށްޓަކާ ކޮށްދޭ ކަމެއްތޯ؟ ކާކު ކޮންޒިންމާއެއް ހަވާލުކޮށްގެން ކުރާ ވެރިކަމެއްތޯ؟ އެކަމަކު މާ އަބުއިވެފަ ނޫނޭ ނޫނޭ ދައުލަތުގެ ވެރިޔަކު އެހެން ދައުލަތެއްގެ ވެރިޔަކަށް ފޮނޮވާ ސިޓީ ހާމަ ކުރާކަށް ނުޖެހޭނެއޭ،" ސުވާލުއުފައްދަމުން އޭނާ ޖޯޝާއެކު ވިދާޅުވަމުން ގެންދެވިއެވެ.

"ސިޓީ ވެސް ހާމަ ކުރަން ޖެހޭނެ. ޖަނގިޔާ ބާލާފަ ދައްކާށޭ ބުންޏަސް ދައްކަން ޖެހޭނެ އިނގޭތޯ ރައްޔިތުން ބުނެފިއްޔާ."

ގާސިމް ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމެއްގައި އެގޮތަށް ރައްޔިތުންނަށް ފޮރުވާނޭ އަދި ސިއްރުކުރާނެ ކަމެއްވެސް އެއްޗެއްވެސް ނޯންނާނޭ ކަމަށާއި ވެރިކަން ކޮށްދެއްވާނީ ރައްޔިތުންނަށްޓަކައި ކަމަށެވެ.