ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޕީއެންސީ/ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒުގެ ކެމްޕޭން މެނޭޖްކުރާ ޓީމުގެ ގޮތުގައި، ކުރިން ރައީސް ޔާމީންގެ ކެމްޕެއިން މެނޭޖަރުގެ ގޮތުގައިވެސް ހަމަޖެއްސެވި ޓީމު ހަމަޖައްސައި ކެމްޕޭން ފަށައިފިއެވެ.

އަންނަ މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި، ޑރ. މުޢިއްޒު ޓީމުގެ ކެމްޕޭން މެނޭޖަރަކަށް ހަމަޖެއްސީ މޯލްޑިވިއަންގެ ކުރީގެ ޑިރެކްޓަރ އޮފް ފްލައިޓް އޮޕަރޭޝަންސް ކެޕްޓަން މުހައްމަދު އަމީނެވެ. ޑެޕިއުޓީ މެޖޭނަރަކަށް ހަމަޖެއްސީ ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމެވެ. މީގެ އިތުރުން އެސިސްޓެންޓް ކެމްޕެއިން މެނޭޖަރަކަށް ހަމަޖައްސާފައި ވަނީ މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު މުއާޒް މުހައްމަދު ރަޝީދެވެ. މިބޭފުޅުންނަކީ ކުރީގެ ރައީސް ޔާމީނުގެ ކެމްޕޭނަށް މިފަހަރު ކަނޑައެޅި ކެމްޕޭން މެނޭޖިންގ ޓީމެވެ.

ކުރީގެ ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޒިމް -- ފޮޓޯ: ޕީޕީއެމް

 

ޚިޔާނާތުގެ މައްސަލައެއްގައި 11 އަހަރުގެ ޖަލުހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ، ރައީސް ޔާމީންގެ ކެންޑިޑަސީ މިފަހަރު ބަލައި ނުގަތެވެ. އަދި އެމަނިކުފާނުގެ އިރުޝާދުގެ ދަށުން، ބަދަލުގައި ޕްރޮގްރެސިވް ކޯލިޝަނުން އިންތިޚާބުގައި ވާދަކުރަން ހަމަޖެއްސީ މާލެ ސިޓީގެ މޭޔަރު އަދި ޔާމީނު ސަރުކާރުގެ ހައުސިންގ މިނިސްޓަރ ޑރ. މުއިއްޒެވެ. އޭނާގެ ރަނިންގމޭޓަކީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުޙައްމަދު ލަތީފް (ސެމްބެ)އެވެ.