ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވޯޓު ދޭއިރު، ދެވަނަ ބުރެއްގައި އެމްޑީޕީގެ ކެންޑިޑޭޓަށް ދަ ޑިމޮކްރެޓްސްއިން ވޯޓު ދޭން ޖެހޭފަދަ ގޮތެއް ނުހެދުމަށް، އެމްޑީޕީގެ ކުރީގެ ލީޑަރު އަދި ދަ ޑިމޮކްރެޓްސްގެ މެންބަރު ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވާދަވެރި ޕީޕީއެމްގެ މެންބަރުންނަށް އިލްތިމާސްކޮށްފިއެވެ.

"އަޅުގަނޑު މިރޭ ޕީޕީއެމްގެ މެންބަރުންގެ އަރިހުގައި އިޚްލާސްތެރިކަމާއެކު ދަންނަވަން އޮތް ނުކުތާއެއް އެބައޮތް، ދެވަނަ ބުރެއްގައި އަޅުގަނޑުމެން ލައްވާ އެމްޑީޕީއަށް ވޯޓު ދޭންޖެހޭ ގޮތެއް ތިޔަ ބޭފުޅުން ނުހައްދަވާތި،" ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބަށް ކެމްޕޭނުކުރުމަށް ފުވައްމުލައް ސިޓީގައި ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވިއެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީނަށް މިފަހަރުގެ އިންތިޚާބުގައި ވާދަ ނުކުރެއްވޭތީ އެމަނިކުފާނު ނިސްބަތްވާ ޕްރޮގްރެސިވް ކޯލިޝަން (ޕީޕީއެމް/ޕީއެންސީ)ގެ ފަރާތުން މިފަހަރުގެ އިންތިޚާބުގައި ވާދަކުރައްވަނީ، މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒވެ.

ޕީޕީއެމްގެ މެންބަރުންނަށް އިޝާރަތްކުރައްވައި، ރައީސް ނަޝީދު މިގޮތަށް އިލްތިމާސްކުރެއްވި އިރު، ޕްރޮގްރެސިވް ކޯލިޝަން ތެރޭގައި ވަނީ މިފަހަރުގެ އިންތިޚާބުގައި ވޯޓު ދޭނޭ ފަރާތަކާ މެދު ވަރަށް ބޮޑަށް ޚިޔާލުތަފާތުވެފައެވެ. ނަމަވެސް އެ ކޯލިޝަންގެ ލީޑަރޝިޕުން އަންނަނީ ކޯލިޝަން ތެރޭގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް އެކަހެރިކޮށް، މިފަހަރުގެ އިންތިޚާބު ރައީސް ޔާމީނުގެ ހައްގުގައި ޑރ. މުޢިއްޒަށް ކާމިޔާބުކޮށްދިނުމަށް ކެމްޕޭންކުރަމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ، ޕީޕީއެމްގެ މެންބަރުން ވަރަށް ވިސްނުންތެރިކަމާ އެކީގައި މިވޯޓުގެ ކަންތައް ގެންދަވާމް ޖެހޭ ކަމަށެވެ.

" އަޅުގަނޑު މިދަންނަވާ ވާހަކަ ވަރަށް ކަނުލާ އައްސަވާ ވިސްނަވާތި. ދެވަނަ ބުރެއްގައި ޑިމޮކްރެޓުން އެމްޑީޕީއަށް ވޯޓުލާންޖެހޭ ގޮތެއް އެބުރުގެ ކަންތައް ތިޔަ ބޭފުޅުން ނުބާއްވަވާތި،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު ޕީޕީއެމްގެ މެންބަރުންނަށް ދެއްވާން ބޭނުންފުޅުވާ މެސެޖަކީ، ދެވަނަ ބުރަށް ޕްރޮގްރެސިވް ކޯލިޝަނާ އެމްޑީޕީ  ވާދަކުރާން ޖެހިއްޖެ ހާލަތެއް މެދުވެރި ވެއްޖެ ނަމަ، ޑިމޮކްރެޓުން އެމްޑީޕީއަށް ވޯޓު ދޭން ޖެހިދާނެކަމެވެ. އަދި އެފަދަ ހާލަތެއް މެދުވެރި ވެއްޖެ ނަމަ، އަނެއްކާވެސް ރައީސް އިބްރާހީމުގެ ވެރިކަމެއް އުފެދި، ރައީސް ޔާމީނު މިނިވަންކުރާން ކުރާ މަސައްކަތަށް އިތުރު ހުރަސްތަކެއް އެޅޭނޭކަމެވެ.