ރިޔާސީ އިންތިޚާބަށް ކުޑަތަންވެއްޖެއެވެ. މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ 8 ކެންޑިޑޭޓުންގެ ތެރޭން، 5 ވަނައަށް ވޯޓުކަރުދާހަށް އަރާނީ، އަމިއްލަ ޖީބުން ދިވެހިދަރީންގެ ތަޢުލީމަށް އެންމެ ބޮޑު ހޭދައެއް ކުރެއްވި އެއްބޭފުޅާކަން ކަށަވަރެވެ. އާދެ މަޝްހޫރު ވިޔަފާރިވެރި މަހުޖަނު، އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމެވެ. ސިޔާސީ ދާއިރާގައި ގާސިމަށް މިހާރު ނުވެ އޮތް ކަމަކީ ހަމައެކަނި ގައުމުގެ ވެރިކަންކުރުމެވެ. އެހެން ހުރިހާ ކަމެއް މިހާރު ގާސިމަށް ވަނީ ލިބިފައެވެ.

ދިވެހީންގެ ބޭސްފަރުވާއަށާއި އަދި ތައުލީމާއި އެހެނިހެން ކަންތަކަށްވެސް، ރާއްޖޭގެ އެންމެ މުއްސަނދި އެއް ރިސޯޓު ވެރިޔާ ވަނީ، އެތަކެއް އެހީތެރިކަމެއް ފޯރުކޮށްދީފައެވެ. ލޯނުގެ ގޮތުންނާއި ހިލޭއެހީގެ ގޮތުންވެސްމެއެވެ.

ރިޔާސީ އިންތިޚާބަށް ކުޑަތަންވަމުން ދާއިރު ކެންޑިޑޭޓުންގެ ކެމްޕޭން ފޯރިވެސް ދަނީ ގަދަވަމުންނެވެ. އަދި ވައުދުގެ މައްޗަށް ވައުދުތައް ދަނީ އޮހޮރަމުންނެވެ. ނަމަވެސް ގާސިމްގެ މެނިފެސްޓޯ އިއުލާނުކުރާން ކުނޫޒު ޖަގަހައިގައި ބޭއްވި ޖަލްސާގައި އޭނާ ވަނީ، ދިވެހީންގެ އެތަކެއް ދަރީންނަށް ބޮޑު އުފާވެރި ޚަބަރެއް ދެއްވައިފައެވެ. އެއީ ވޯޓާ ގުޅުވައިގެން ދިން ޚަބަރެއް ކަމުގައި ވީ ނަމަވެސް ގާސިމް ވިދާޅުވީ، "ހޮވުނަސް ނުހޮވުނަސް" އޭނާގެ އެ ވަޢުދު ފުއްދަވާނޭ ކަމަށެވެ. ގާސިމް އަތުން، ތަޢުލީމު ހާސިލްކުރުމަށް ލޯނު ނަގައިގެން ތިބި ހުރިހާ ފަރާތެއްގެ ލޯނު މަޢާފުކުރެއްވީއެވެ. ގާތްގަނޑަކަށް 8000 އަށްވުރެ ގިނަ ދަރިވަރުން ގާސިމްގެ ހިލޭއެހީއާއި ލޯނުއެހީއާ އެކު ތަޢުލީމު ހާސިލްކޮށްފައިވާއިރު، އޭނާއަށް އެފަރާތްތަކުގެ އަތުން އަނބުރާ ލިބެންޖެހޭ ފައިސާގެ އަދަދު ބިލިޔަނަކާ ގާތްކުރާކަމަށް ވެއެވެ. ނަމަވެސް އެހުރިހާ ފައިސާއެއް އޭނާ މަޢާފުކުރެއްވީއެވެ.

ގާސިމްވަނީ، އޭނާއަށް ވެރިކަން ލިބިއްޖެ ނަމަ، މިހާރު ދޫކޮށްފައިވާ ހުރިހާ ސްޓޫޑެންޓް ލޯނުތައްވެސް މަޢާފުކުރައްވާނޭކަމަށް ވިދާޅުވެފައެވެ. އަދި މާސްޓަރޒް ޑިގްރީއާ ހަމައަށް ހިލޭ ކިޔެވޭނޭގޮތް ހައްދަވައި ދެއްވާނޭކަމަށްވެސް ވިލާ ފައުންޑޭޝަނާއި ވިލާ ކޮލެޖްގެ ވެރިޔާ ވިދާޅުވިއެވެ.

"އަޅުގަނޑު ވެރިކަމެއްގައި ހުންނައިރު ރާއްޖޭގެ ހުރިހާ ކުދިންނަށް ހިލޭ ކިޔަވައިދޭއިރު އަމިއްލައަށް މީހުންނަށް ލޯނު ދީގެން އެކަން ކުރުން ސިކުނޑި ގަބޫލެއް ނުކުރެވޭ،" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ، ކޮވިޑްގެ ދުވަސްވަރު ސިއްޙީ ދާއިރާގައި މަސައްކަތްކުރެއްވި ފަރާތްތަކުން އުފުލި ތަކްލީފު އިޙްސާސްކުރެވި އެފަރާތްތަކުގެ ލޯނުތައްވެސް މަޢާފުކުރެއްވި ކަމަށެވެ. އެހެންކަމުން ދެންތިބި ފަރާތްތަކަށްވެސް އެއުފާ ދެއްވާން އޭނާ ބޭނުންފުޅުވީއެވެ.

"ވިލާ ފައުންޑޭޝަނުން ނުވަތަ ޤާސިމް އިބްރާހީމް ސްކޮލަރޝިޕެއް ދީގެން ކިޔަވާފައިވާ ނުވަތަ މިހާރުވެސް ކިޔަވަމުންދާ ކުދިންވެސް އެކުދިންގެ ކޯސް ނިމެންދެން ދީފައި ހުރި ހުރިހާ އެއްޗެއް މާފު. އެއްމެ ކުއްޖެއްވެސް ލާރިއެއް ދައްކާނެކަމެއް ނެތް. އަޅުގަނޑަށް ވެރިކަން ލިބުނަސް، ނުލިބުނަސް." އޭނާ ވިދާޅުވިއެވެ. 

"މިހާރު ނަގާފައި ހުރި ހުރިހާ ލޯނެއްވެސް މާފު. އަޅުގަނޑުގެ ވެރިކަމެއްގައި މާތްﷲ އިރާދަކުރެއްވިއްޔާ ދިވެހި ރާއްޖޭގެ އެއްވެސް ދަރިއަކު ކިޔަވަން ނަގާފައި އޮތް އެއްވެސް ލޯނެއް ދައްކާކަށް ނުޖެހޭނެ. އެއްމެ ލާރިއެއްވެސް،" ގާސިމް ވިދާޅުވިއެވެ.

މިހާރު ދެން ގާސިމް ބޭނުންވަނީ، ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވައި، ގައުމަށް ދިމާވެފައި މިވާ ދަތި ހާލުން ރައްޔިތުން ސަލާމަތްކޮށް، އަމާން އައްސޭރިއަކަށް މިގައުމު ދީއްލާލުމަށެވެ. އެހެންކަމުން އޭނާ ދިވެހީންގެ ކިބައި އެދެނީ ގައުމުގެ ހުންގާނު އެންމެމެ ފަހަރަކު ނަމަވެސް އޭނާއާ ހަވާލުކޮށްލަ ދިނުމަށެވެ. ގާސިމް ވިދާޅުވަނީ " ހާސް ކަނޑާލާ! ހަމަޖެހޭނެ" ކަމަށެވެ.