މިފަހަރުގެ ރިޔާސީ އިންތިޚާބަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރޭން، 4 ނަންބަރު ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ވެގެންދާނީ އެހެން ހުރިހާ ކެންޑިޑޭޓުންނަށް ވެސް ވަރަށް ބޮޑު ގޮންޖެހުމަކަށެވެ. އެހެނީ، މުޢިއްޒު މިފަހަރު ތަމްޘީލު އެކުރަނީ، ރާއްޖޭގައި މިވަގުތު ހުރި އެންމެ މަގުބޫލު، އަދި އެންމެ ވަރުގަދަ ސިޔާސީ އެއް ލީޑަރު ކަމަށްވާ، ކުރީގެ ރައީސް ޔާމީނުކަމަށް ވާތީއެވެ.

ސެޕްޓެމްބަރ 9 ވަނަ ދުވަހު ބާއްވާ މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާން އެންމެ ފުރަތަމަ ނިންމެވި ބޭފުޅަކީ ކުރީގެ ރައީސް ޔާމީނެވެ. އަދި އެންމެ ފުރަތަމަ ކެންޑިޑަސީ ހުށަހެޅުއްވީވެސް 11 އަހަރުގެ ޖަލުހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޕްރޮގްރެސިވް ކޯލިޝަންގެ ލީޑަރެވެ. ނަމަވެސް ރާއްޖޭގެ ޝަރުޢީ ނިޒާމުގައި ހުރި "ބަލިކަށިކަމުގެ" ނާޖާއިޒް ފައިދާ ނަގައި، މިފަހަރުގެ ރިޔާސީ ރޭސް ނުފެށި އުޅެނިކޮށް އެމަނިކުފާނު ރޭހުން ބޭރުކޮށްލީއެވެ. އެހެންކަމުން، ޕާޓީތެރޭގެ ކޯޅުންގަނޑަކަށް ފަހު ނަމަވެސް، މިފަހަރު ރައީސް ޔާމީނު ތަމްޘީކުރުމުގެ ފުރިހަމަ ޒިންމާ ހަވާލުވެފައި އޮތީ މާލެ ސިޓީގެ މޭޔަރުކަންވެސް ކުރައްވަމުން ގެންދަވާ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޢިއްޒަށެވެ.

ޑރ. މުޢިއްޒަށް މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވޭނޭކަން ކަށަވަރުވުމާއެކު އޭނާ އެންމެ ފުރަމަވެސް ވިދާޅުވި އެއް ވާހަކަފުޅަކީ، ރައީސް ޔާމީން މިނިވަންކުރައްވާނޭ ވާހަކައެވެ. އަދި އޭނާ މިފަހަރު އެ ފުރުއްވާ މަގާމަކީ ސީދާ ޔާމީނުގެ މަގާމެއް ކަމެވެ. ޔާމީނު މިނިވަންކުރާން މިސަރުކާރަށް އާދޭސް ދެންނެވި ވާހަކަފުޅެވެ.

"އާދެ އަޅުގަނޑު އެމަނިކުފާނަށް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ގުޅިން، މީގެ ދެދުވަސްކުރީންވެސް، މިދެންނެވީ ކެންޑިޑެސީ ބާތިލްކޮށް އެމަނުކުފާނަށް ކުރިމަތި ނުލެވޭނޭކަން ހުކުމް ކުރި ދުވަހު އަޅުގަނޑު ގުޅާފައި ދެންނެވީން، ރައީސޭ، މިހާރު ތިބޭފުޅުން ބޭނުންފުޅުވެ ލެއްވީ ރައީސް ޔާމީނަށް ކުރިމަތި ނުލެއްވޭނޭ ގޮތް ހަދަން ނޫންހެއްޔޭ. މިހާރު އެމަނިކުފާނަށް ކުރިމަތި ނުލެއްވޭނޭކަން ޔަގީންވީ ނޫންހޭ. ދެން އެމަނިކުފާނު ގެއަށް ގެނެސްދެއްވުމަށް އަޅުގަނޑު އާދޭސް ދަންނަވަމޭ. އަޅުގަނޑު އާދޭސް ދެންނެވިން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް،" ޕްރޮގްރެސިވް ކޯލިޝަންގެ އިސް ލީޑަރުންނާއެކު މުޢިއްޒު މީޑިއާތަކާ ބައްދަލުކޮށް ވިދާޅުވިއެވެ.

މުޢިއްޒުގެ މި ވާހަކަފުޅުތައް އެކިމީހުން މާނަކުރަނީ އެކިގޮތަށެވެ. އަދި މުޢިއްޒު ބޭނުންފުޅުވީގޮތް ވީކަމަށާއި، މޭޔަރަކަށް ވީދުހުން ފެށިގެންވެސް މުޢިއްޒު މަގުކޮށްޓަވަމުން އައީ މިދުވަހަށްކަމަށް އެތައް ބަޔަކު ބުނަމުންދާއިރު، އަނެއް ބަޔަކު ބުނަމުން ދަނީ، މުޢިއްޒަކީ ރައީސް ޔާމީނަށް އެންމެ ވަފާތެރި، އަދި މިވީހާތަނަށްވެސް ރައީސް ޔާމީނުގެ ހައްގުގައި އެންމެ ބޮޑަށް ވަކާލާތުކުރައްވާ އެއް ފަރާތްކަމަށެވެ.

މުޢިއްޒު ދެއްކެވި ވާހަކަފުޅުތަކާ ގުޅުވައިގެން މެދު ހެންވޭރު ދާއިރާގެ މަޖިލިސް މެންބަރު ޢަލީ ޢާޒިމް ވިދާޅުވީ،

މުޢިއްޒަކީ ރައީސް އިބްރާހީމުގެ އެޖެންޓެއް ކަމަށެވެ.

" ކޯޓުތަކުގައި ހުރި މުޢިއްޒުގެ މައްސަލަތައް ނަގައިދީގެން ރެކޯޑް ސާފުކޮށްދިނީ ސަރުކާރުން،" ކަމަށާއި  "ނޫމަޑި މައްސަލަ ރައީސުލް ޖުމްހޫރިއްޔާ ކޯޓުތަކަށް އަތްބާނައިގެން ނިންމަދިނީ" ކަމަށާއި އަދި  "ޕީޕީއެމް ގެ ސެނެޓް މުއިޒް ގަތީ އިބްރާހިމް ފައިސާ ދީގެން." ކަމަށްވެސް ދަ ޑިމޮކްރެޓްސްގެ މެންބަރު ވިދާޅުވިއެވެ.

ޢާޒިމްގެ މި ވާހަކަފުޅަށް ރައްދުދެއްވައި، ކުރީގެ މަޖްލިސް މެންބަރު، އަދި ޕްރޮގްރެސިވް ކޯލިޝަންގެ ނައިބު ރައީސް އިބްރާހީމް ޝުޖާޢު ވިދާޅުވީ، "މިއީ އެއްވެސް އަސްލެއްނެތް ދޮގު ތުހުމަތެއް.މިއީ އަޅުގަނޑުމެންގެ ކެނޑިޑޭޓް ޑރ. މުޢިއްޒުގެ އަގުވައްޓާލުމަށް ރޭވިގެން ހިންގާ ކަންކަން." ކަމަށެވެ.

"ހުރިހާ ސިޔާސީ ޕާޓީތަކުން ރިވެތި ކެންޕެއިން ކުރުމަކީ އަޅުގަނޑުމެން އެދޭ ގޮތް. އެންޓި ކެންޕެއިން ކުރުމަކީ ވަރަށް ހުތުރު ކަމެއް،" ކަމަށްވެސް މާލެސިޓީގެ ހުޅުމާލޭ ކައުންސިލް މެންބަރު ވިދާޅުވިއެވެ.

ޝުޖާ ވިދާޅުވީ، އެންޓިކެމްޕޭންކުރަން ވެއްޖިއްޔާ، "އެކަން ކުރަން އަޅުގަނޑުމެން މާމޮޅުވާނެ. ނަމަވެސް އަޅުގަނޑުމެން މިކުރަނީ އިބޫ ނޫންގޮތެއް ހޯދުމަށް ކުރާ މަސައްކަތެއް،" ކަމަށެވެ.

އޭނާ ވަނީ "އިބޫ ނޫން ގޮތެއް ހޯދުމަށް މަސައްކަތް ކުރައްވާ ހުރިހާ ޕާޓީތަކުން ”ކައިރި ނުވެވޭވަރަށް ދުރުނުވުމަށް“ ނަސޭހަތްތެރިވާކަމަށް ވިދާޅުވެފައެވެ.